ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އައިސީޖޭއަށް ހުށަހެޅި ގަރާރަށް، ރާއްޖެއިން ތާއީދުކޮށްފި

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން އދ. އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުން އުފުލަން ޖެހޭ ޒިންމާތަކާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖޭން ތާއީދުކޮށްފި އެވެ.

އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އައިސީޖޭ އިން އިސްތިޝާރީ ލަފައަކަށް އެދި ގަރާރެއް ފާސްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. 

ނޯވޭގެ އިސްނެގުމާއެކު، އިތުރު ބައެއް ގައުމުތަކުގެ ހުށަހެޅި އެ ގަރާރަށް ވަނީ ރާއްޖެއިން މަރުހަބާ ކިޔާފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ހިމެނޭހެން 137 ގައުމުގެ ތާއީދާ އެކު ފާސްކުރި އެ ގަރާރު ރާއްޖޭން ވަނީ ކޯސްޕޮންސާކޮށްފައި ކަމަށެވެ.

ރާއްޖޭން ގަބޫލުކުރާ ގޮތުގައި މިއީ އދ. އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވައް ކަމަށެވެ.

އެ ގަރާރަށް ލިބިފައިވާ ތާއީދަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއް ގެ ގޮތުގައި ރާއްޖޭން ދެކޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 46،000 އަށް އަރައިފައިވާއިރު، އޭގެ ތެރޭގައި 17،000 އަށްވުރެ ގިނަ ކުޑަކުދިންނާއި 11000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.

މީގެ އިތުރުން އިޒްރޭލުން ދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ހުރިހާ މަގެއް ބަންދުކޮށް އެކަމަށް ހުރަސްއަޅަމުންނެވެ. އަދި ޣައްޒައަށް ވަންނަ އިންސާނީ އެހީތަކުގައި ރޯކުރަމުން ނެވެ.