ހައްޔަރުކުރާނެ ކަމުގެ ބިރަށް ނަތަންޔާހޫ ޕޮލެންޑަށް ކުރަން އޮތް ދަތުރު ކެންސަލްކޮށްލައިފި

ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އައިސީޖޭ އިން ހައްޔަރުކުރާނެ ކަމުގެ ބިރު އޮތުމުން ނިރުބަވެރި އިސްރާއީލްގެ ޕްރައިމް މިނިސްޓާ ބެންޖަމިން ނަތަންޔާހޫ ޕޮލެންޑަށް ކުރަން އޮތް ރަސްމީ ދަތުރު ކެންސަލްކޮށްލައިފިއެވެ.

އޮޝްވިޓްސް އަށް 80 އަހަރުފުރުން ފާހަގަކުރަން ބާއްވާ ހަރަކާތުގައި ނަތަންޔާހޫއަށް ބައިވެރި ނުވެވޭނެ ކަމަށް މިހާރު އިއުލާންކޮށްފައިވާއިރު އޭނާ ހުރީ އިސްރާއީލު ދޫކޮށް އެހެން ގައުމަކަށް ދާން ޖެހިލުންވެފައި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ޕޮލެންޑްގެ ނޫހެއް ކަމަށްވާ ރެޒްޕޮސްޕޮލިޓާ އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި ދުނިޔޭގެ ބައެއް ލީޑަރުން ބައިވެރި ވެލައއވައެވެ. ނަމަވެސް ޖެނުއަރީ 27 ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި ނަތަންޔާހޫއަށް ބައިވެރިވުމުގެ ހުއްދަ ދިނުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެދިފައި ނުވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ނަތަންޔާހޫގެ ބަދަލުގައި މި ހަރަކާތުގައި އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓަރު ޔޮއަވް ކިޝް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ބުނެއެވެ. 

އައިސީސީ އިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ އޭނާ އާއި ކުރީގެ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ޣައްޒާގައި 2023 ވަނަަ އަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 20 މެއި 2024 އާ ހަމައަށް އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވި ކަމަށް ބުނެ އެވެ.

މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ނިރުބަވެރި ހަމަލާތަކުގައިވަނީ 46،000 އަށް ވުރެ ގިނަމީހުން ޝަހީދުކޮށްލާފައެވެ.