ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން: އެމްއެންޑީއެފް

އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކުރިން ވިދާޅުވެފައިވަނީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް ފަހުން ވަނީ އެއީ ކުށް މަޢުލޫމާތެއް ކަމަށް ވިދާޅުވެފަ އެވެ.

އެމްއެންޑީއެފުން ވަނީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކާ، އޮޔާއެކު މީހާ ދާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި ސަރޗް އޮޕަރޭޝަން ހިންގާފައެވެ. އޭގެ އިތުރުން މިސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރާ ވެސް ކޯޑިނޭޓް ކުރަމުން ދާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ނޭޕާލްގެ ރައްޔިތެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 17 ވަނަ ދުވަހެވެ.

ސީމެކްސް ބޯޓުގައި އޭނާ ނެތްކަން އެނގިފައި ވަނީ ފުވައްމުލަކާ އަށް މޭލު ދުރުން އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައެވެ. އެ ބޯޓު އައްޑޫން ފުރީ 16 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.