ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑީރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ.މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށްވެސް މީގެ ކުރިން މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން މިއަދު އާއްމުކޮށްފައިވާ ރެކޯޑުތަކުން ދައްކާގޮތުން މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުމާލެ އަށެވެ. ހުޅުމާލެއަށް 117 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު ބ. ދަރަވަންދުއަށް ވަނީ 111 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

މި ކަމުގެ ސަބަބުން މާލޭގެ ގިނަ މުގުތަކުގައިވަނީ ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފުން އަންނަނީ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.