ސޫރިޔާއިން މާސިންގާ ބޮޑު ކަށްވަޅެއް؛

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ އަނިޔާވެރިކަމުގައި ހިންގާފައިވާ ގަތުލުއާންމުތަށް ފެންނަ މާސިންގާ ކައްވަޅުތަކެއް ސޫރިއާއިން ފެނަން ފަށައިފިއެވެ.

ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވީ ދިމިޝްޤާ 25 މޭލު ދުރުގައި އޮންނަ އަލް-ޤުޠައިފާ ސަރަޙައްދުން މަރުވެފައިވާ އިންސާނުންގެ ހަށިތައް އަޅާފައިވާ މާސިންގާ ކަށްވަޅެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން ފެނުނު އެ ކަށްވަޅުން 100,000 މީހުންގެ ހަށިތައް ވާނެ ކަމަށް ބެލެވޭ ކަމަށާއި ލަފައި ކުރެވޭ ގޮތުގައި އެ ވަޅުގަނޑުގައި ހުރި ހަށިތަކުގެ ޖުމްލަ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވި އެވެ.

 20 މީހުން އޮތް ކައްވަޅެއް ވެސް މި ޓާސްކްފޯހަށް ވަނީ ފެނިފައެވެ.

މުޞްޠަފާ ވިދާޅުވީ މިއީ ފާއިތުވި އަހަރުތަކުގައި ސީރިޔާއިން މިގޮތަށް ފެނުނު ފަސްވަނަ ވަޅުގަނޑު ކަމަށާއި އެހެނަސް ސީރިޔާގައި ހުރީ މިފަދަ އެންމެ ފަސް ވަޅުގަނޑު ކަން ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ވަޅުގަނޑުތަކުގައި ހުރި ހަށިތަކަކީ ހަމައެކަނި ސީރިޔާ ރައްޔިތުންގެ ހަށިތައް ނޫން ކަމަށާއި އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި އެހެނިހެން ޤައުމުތަކަށް ނިޞްބަތްވާ މީހުންގެ ހަށިތައް ވެސް އެބަ ހުއްޓެވެ.

ސީރިޔާގެ ރައްޔިތުންނާއި ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާއި އެހެނިހެން ސަރުކާރުތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ އެ ގައުމުގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން ވެރިކަން ގެއްލިފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު އަދި އޭނާގެ ކުރިން ސީރިޔާގެ ރައީސްކަން ކުރެއްވި އޭނާގެ ބައްޕާ ޙާފިޟް ހައްޤަކައި ނުލައި ހިންގާފައިވާ ބޮޑު ގަތުލުއާންމެކެވެ. މި ގަތުލުއާންމުގައި ގިނަ ބަޔަކު މަރާފައިވާއިރު އެތައްބަޔަކު ވަނީ ވީގޮތެއް ނޭނގި ގެއްލިފައެވެ.

މުޞްޠަފާ ވިދާޅުވީ ސީރިޔާގެ ސަރުކާރަށް ނިޞްބަތްވާ ސިފައިން ޢާންމުންނަށް އެކި ކަހަލަ އަނިޔާތައް ދީ އެ މީހުން މަރައިލުމަށް ފަހު އެ ހުރިހާ ހަށިތައް އަސްކަރީ ހަސްފަތާލުތަކަށް ގެންދާ ކަމަށާއި އަދި އެއަށް ފަހު ސީރިޔާގެ ވައިގެ ސިފައިންގެ ތެރޭގައި ހިމެނޭ ޖާސޫސީ އިދާރާއެއްގެ ބެލުމުގެ ދަށުން އިތުރު ޖަސޫސީ މަރުކަޒުތަކަށް އެ ހަށިތައް ގެންގޮސް ވަޅުގަނޑުތަކަށް އެ ހަށިތައް އަޅާ ފޮރުވާލަނީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި މިންފެންނަ ފޮޓޯތަކާއި ވީޑިއޯތަށް ވެސް މީސްމީޑިއާގައި ވަނީ އާންމުކޮށްފައެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުލުމަށް މާސިންގާ ވަޅުގަނޑުތައް ކޮނުމުގެ މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްފައިވާ ބައެއް މީހުންނާ އޭނާގެ ޖަމާޢަތުގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށާއި އައު ހަށިތައް އެޅުމަށް ޓަކައި އެ ވަޅުގަނޑުން އިތުރު ޖާގަ ހެދުމަށް ވަޅުގަނޑުގައި ހުރި ހަށިތައް ބުލްޑޯޒަރު ބޭނުންކޮށްގެން އަޑިއަށް ކޮއްޕައި ޗަސްކޮށް އޭގެ މައްޗަށް ފަސް އަޅައި އިތުރު ޖާގަ ހަދާކަމަށް އެ މީހުންނާ ހަވާލާދީ މުޞްޠަފާ ވިދާޅުވި އެވެ.