މިދިޔަ 24 ގަޑިއިރުތެރޭގައި ޣައްޒާގެ 100 މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނަ އަޅާފައިވާސްރާއީލުގެ ޔަހޫދީން ޣައްޒާގެ އެކިހިސާބުތަކަށް މިދިޔަ 24 ގަޑިއިރުތެރޭގައި ދިން ހަމަލާތަކުގައި 100 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފައިވާގޮތުގައި އިސްރާއީލުންދަނީ ޣައްޒާޔަށް ދޭ ހަމަލާތަށް އިތުރުކުރަމުންނެވެ.

މިގޮތުން ނިރުބަވެރިން އިއްޔެ ނުސައިރިއާތް ކޭންޕުގެ ސިވިލް ޑިފެންސް ގެ ހެޑްކުއާޓާއަށް ދިންހަމަލާގައި ވަނީ ހަ މީހުން ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި 5 ސިވިލް ޑިފެންސްގެ މުވައްޒަފުންނާއި ޖާނަލިސްޓެއް ހިމެނެއެވެ.

މިހަފްތާތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ 4 ޖާނަލިސްޓުން މަރާލާފައެވެ.

އަދި މީގެއިތުރުން  އިސްރާއީލުން ޣައްޒާގެ 4 ސުކޫލަކަށް ދިން ހަމަލާގައިވަނީ 50 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައެވެ.

މިގޮތުން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާގެ އުތުރުން އޮންނަ ބެއިޓް ހަނޫންގައި ހުންނަ ޚަލީލް އަވީދާ ސްކޫލަށް ވަދެ އެތާންގައި ދިރިއުޅެމުންދިޔަ މީހުން ދިރިތިއްބާ އަންދާލާފައިވެއެވެ. އެތަނުން އެތައް މީހެއްގެ ހަށިތައް ފެނިފައިވާކަމަަށް ޣައްޒާގެ ނޫސްވެރިއެއް ކަމުގައިވާ ޔޫސުފް ފާރިޝް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ މެދުތެރޭގެ ގެއަކަށް ދިންހަމަލާގައި 6 މީހުން ޝަހީދުކޮށްލާފައިވާއިރު ޣައްޒާގެ އުތުގެ ގެއަކަށް ދިން ހަމަލާގައި ވަނީ 10 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން މިދިޔަ 14 މަހުތެރޭގައިވަނީ ޣައްޒާގެ 45،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި 106،800 އަށް ވުރެގިނަމީހުން ޒަހަމްކޮށްލާފައެވެ .