ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ރާއްޖެއިން ބޭރަށް މި ކުރައްވާ ދަތުރުފުޅަކީ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން' ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގްގެ އިތުރުން ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުންމިންގެ، ޔުނާން ޕްރޮވިންސަށް ކުރައްވާ މި ދަތުރުފުޅަކީ، ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ޑިސެމްބަރު 15އިން 17އަށް ބާއްވާ، ދިވެހިރާއްޖެއާއި އެކުގައި ހޯސްޓްކުރާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.