ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒު ވިދާޅުވީ މާމިގިލީ ހޮސްޕިޓަލުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ފަށްޓަވާނޭ ކަމަށާއި ކައުންސިލްގެ އެހެނިހެން ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާމިގިލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތި ކައުންސިލްގެ ސެކްރެޓޭރިއޭޓްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންވަނީ ރަށްވެހިންގެ ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ.
އަދި ހޮސްޕިޓަލާއި ބަނދަރާއި މަގު ހެދުމުގެ މަޝްރޫއުތައް ރަށު ރައްވެހިންގެ އުއްމީދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެ ބޭފުޅުން ވަނީ އެދިވަޑައިގަންނަވާފަ އެވެ.
އަދި މީގެ އިތުރުން ދަނގެތީގައި ޕޮލިސް ސްޓޭޝަނެއް ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ.
މާމިގިލީ ޑަބްލިއުޑީސީގެ މެންބަރުން ވަނީ ޑަބްލިއުޑީސީތަކަށް ދޭ އިނާޔަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުން ވަނީ މާމިގިލީގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޑަބްލިއު.ޑީ.ސީ.ގެ ބޭނުންތައް ފުއްދަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ. އަދި ރަށު ކައުންސިލްގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު