ފްރާންސްގައި އައު ބޮޑުވަޒީރެއް އައްޔަން ކޮށްފި

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އެ ޤައުމުގެ އައު ބޮޑުވަޒީރުކަމަށް ފްރާންސުއާ ބައިރޫ ހުކުރު ދުވަހު  ޢައްޔަނުކޮށްފިއެވެ. 

މިއީ މިދިޔަ ހަފްތާގައި ޕާލަމެންޓުން ކުރީގެ ބޮޑުވަޒީރު މިޝެލް ބާނިއޭ އާއި އޭނާގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އައްޔަންކުރެވުނު އައު ބޮޑުވަޒީރެވެ.

ރައީސް މެކްރޯން މި ގޮތަށް ނިންމީ އައު ސަރުކާރެއް އެކުލަވާލައި، ޖޫން މަހުން ފެށިގެން ޤައުމު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމުގެ އުއްމީދުގައެވެ. 73 އަހަރުގެ ބައިރޫ އާއެކު ރައީސް މެކްރޯން ވަނީ ގާތްގަނޑަކަށް 1 ގަޑިއިރާއި 45 މިނެޓު ވާހަކަދައްކާފައެވެ. އޭގެފަހުން ރައީސް އޮފީހުން ވަނީ ބައިރޫ ބޮޑުވަޒީރަކަށް ޢައްޔަންކުރި ކަމާއި، އައު ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރި ކަމަށް ބަޔާންކޮށްފައެވެ.

ބައިރޫއަކީ މި އަހަރު އެ ގައުމަށް އައްޔަނުކުރި ހަތަރު ވަނަ ބޮޑުވަޒީރެވެ.

ބޮޑުވަޒީރު ބައިރޫ އާ މަޤާމު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.