ނަބަވީ ދައުރުގައި އިސްލާމީ ޤަޟާއީ ނިޒާމު

11 މަސް ކުރިން
|
0

މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މައްކާގައި ދަޢުވަތުގައި ހޭދަކުރެއްވި ތޭރަ ވަރަކަށް އަހަރުދުވަހުގެ ތެރޭގައި އިސްލާމީ ޤަޟާ ވުޖޫދަށް އައިސްފައެއް ނުވެއެވެ. މައްކީ ދައުރުގައި އޮތީ އިސްލާމީ ޢަޤީދާ ހިތްތަކުގައި ބިންވަޅު ނެގުމުގެ މާތް މަތިވެރި މަސައްކަތްޕުޅެވެ.

އިސްލާމީ ޤަޟާގެ ފެށުމަކީ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވި ހިސާބެވެ. އިސްލާމީ ޤަޟާގެ     މި މަރުޙަލާއަކީ ވަރަށް ޚާއްޞަ މަރުޙަލާއެކެވެ.   މި މަރުޙަލާގައި އިސްލާމީ ޤަޟާގެ އަސާސްތަކާއި، ޤަވާޢިދުތަކާއި، ރުކުންތަކާއި، އާންމު ޢަދަބުތައް ބަޔާންވެގެންއައެވެ. އަދި މި މަރުޙަލާއަކީ ޤަޟާއާއި ގުޅުންހުރި އާޔަތްތައް ބާވައިލެއްވި މަރުޙަލާއެވެ.   އެ އާޔަތްތަކުގައިވާ ކަންކަން ޢަމަލީގޮތުން ތަޠްބީޤުވެ، ތަންފީޒުވެގެން އައިގޮތުގެ ނަމޫނާ ވެސް އެންމެ ފުރަތަމަ އިސްލާމީ އުންމަތަށް ދައްކުވައިދިން މަރުޙަލާމެއެވެ. އަދި މި މަރުޙަލާގައި ޖާހިލީ ޒަމާނުގެ ޤަޟާއީ އުސޫލުތަކުގެ މައްޗަށް ވެސް ޙުކުމް ކުރެވިގެންދިއައެވެ. އޭގެ ތެރެއިން އިސްލާމީ ޝަރީޢަތަށް ފެތޭ، އިސްލާމީ ޝަރީޢަތުގެ ރޫޙާއި އެއްގޮތްވާ އުސޫލުތައް ޤަބޫލުކުރެވުނެވެ. އިސްލާމީ ޝަރީޢަތާއި ޚިލާފު އަނިޔާވެރި އުސޫލުތައް މުގުރާލައި ބާޠިލު ކަމުގައި ކަނޑައެޅުނެވެ.

ދައުލަތެއްގައި އެންމެ ފުރިހަމަ ޤަޟާއީ ނިޒާމެއް އޮންނާނެ ގޮތާއި، ދައުލަތެއްގެ ތަންފީޒީ ބާރުން، ޤަޟާއީ ނިޒާމުގެ ޙުކުމްތައް ލާޒިމު ގޮތެއްގައި ބަލައިގަނެ ތަންފީޒުކުރާނެ ގޮތުގެ ނަމޫނާ ވެސް މި މަރުޙަލާގައި ފެނިގެން ގޮސްފައި ވެއެވެ. އަދި އިސްލާމީ ޤަޟާއީ ނިޒާމަކީ މުސްލިމުންނާއި ކާފަރުންނާއި، އާންމުންނާއި ޚާއްޞުންނާއި، ގާތްތިމާގެ މީހުންނާއި ދުރުހިލޭ މީހުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާ ނިޒާމެއްކަން ދުނިޔޭގެ ޤަޟާއީ އެކިއެކި ނިޒާމްތަކަށް މި މަރުޙަލާގައި ނަމޫނާ ދައްކުވައިދީފައި ވެއެވެ.

މި އުންމަތުގެ އެންމެ ފުރަތަމަ ޤާޟީއަކީ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَއެވެ. އެކަލޭގެފާނު އަދާކުރެއްވި ޤަޟާގެ ޒިންމާއާއި ބެހޭގޮތުން الله تعالى ވަޙީކުރެއްވިއެވެ. ﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ ‎(النساء: ٦٥)‏ މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. ﴿إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلَا تَكُن لِّلْخَائِنِينَ خَصِيمًا﴾ ‎(النساء: ١٠٥)‏ މާނައީ: "ހަމަކަށަވަރުން، ޙައްޤު ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް ﷲ އަންގަވައިފައި ވާ ގޮތުގެ މަތިން، މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!"

މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވެވަޑައިގެންނެވީ ޤަޟާއީ މައްސަލަތަކުގެ މަރުޖިޢަށެވެ. އޭރު މަދީނާގައި ދިރިއުޅެމުންދިޔަ ޔަހޫދީންނާއި މުޝްރިކުންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ވެސް ނިޔާ ކަނޑައަޅުއްވާ ފަރާތަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَކަމަށް މަދީނާގެ ދުސްތޫރީ ވަޘީޤާގައި ހުރިހާ ފަރާތްތަކުން އެއްބަސްވިއެވެ.

ނަބަވީ ދައުރުގެ އިސްލާމީ ޤަޟާގެ މައިގަނޑު މަސްދަރަކީ ވަޙީއެވެ. ދެން އޭގެ ފަހުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްތަކެވެ. ދެން އޭގެ ފަހުގައި އިޖްތިހާދެވެ.