އިސްލާމްދީނަކީ ނުރުހުންތެރިކަމާއި ރުޅިވެރި-ކަމަށް ޖާގަދޭ ދީނެއް ނޫނެވެ.
އެއްދުވަހަކު، މީހަކު ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަށް ވަޞިއްޔަތެއް ކުރައްވާށެވެ! އެހިނދު ޙަދީޘްކުރެއްވިއެވެ. «لاَ تَغْضَبْ» މާނައީ: "ތިބާ ރުޅި ނާންނާށެވެ!" އަދި މި ބަސްފުޅު އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރެއްވިއެވެ.
ވަރަށް ގިނަ ފަހަރަށް، މީސްތަކުންގެ މެދުގައި ނުރުހުންތެރިކަމާއި ރުޅިވެރިކަން އުފެދެނީ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އޭގެތެރެއިން ބައެއް ސަބަބު ތިރީގައި މި ވަނީއެވެ.
1- ހީއެއްގެ މައްޗަށް ދޮގު އިލްޒާމު، ތިމާގެ އަޚާގެ ބޮލުގައި އެޅުވުން؛
2- އެކަކު އަނެކަކަށް ޖާސޫސުކުރުން؛
3- ޣީބަ ބުނުން؛
މި ތިން ކަންތައް ވެސް މަނާކުރައްވައިފައި ވަނީ، ޙުޖްރާތު ސޫރަތުގެ 12ވަނަ އާޔަތުގައެވެ.
4- ކުރެވޭ މުޢާމަލާތުތަކުގައި ޢަދުލުވެރިކަން ނެތުން؛
މާތް ﷲގެ ވަޙީބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ." (المائدة: 8)
5- ސިއްރުތައް ބޭޒާރުކުރުން؛
ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "މުސްލިމެއްގެ ސިއްރު ފޮރުވައިފި މީހާގެ ސިއްރު، ޤިޔާމަތްދުވަހު، الله تعالى ފޮރުއްވައި-ދެއްވާހުއްޓެވެ." (صحيح البخاري و مسلم)
6- ދޮގުހެދުން؛
ދޮގު ހެދުމަކީ، މުއުމިނުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. ބުޚާރީގެ ޙަދީޘެއްގެ މާނައިގައި ވެއެވެ. "މުނާފިޤުންގެ ޢަލާމަތްތައް ތިނެކެވެ. އެއީ، ވާހަކައެއް ދައްކައިފިއްޔާ ދޮގު ހެދުމާއި، ވަޢްދެއް ކޮށްފިއްޔާ އެއާ ޚިލާފުވުމާއި، އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އެއަށް ޚިޔާނާތްތެރިވުމެވެ." (صحيح البخاري)
7- އަނިޔާވެރިވުން؛
މުސްލިމްގެ ރިވާޔަތެއްގައި އައިސްފައިވާ ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އަނިޔާވެރިކަމާ ދުރުވާށެވެ! އެހެނީ އަނިޔާވެރިކަން ވާހުށީ ޤިޔާމަތް-ދުވަހު، އަނދިރިކަމަކަށެވެ." (صحيح مسلم)
8- ދެބައޮޑުވުމާއި ފުރައްސާރަކުރުމާއި މަލާމާތްކުރުން؛
ޙުޖްރާތު ސޫރަތުގެ 11ވަނަ އާޔަތުގައި އެންގެވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ، އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް-ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަ-ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަ-ކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ކަމުގައި ވެދާނެތެވެ." (الحجرات: 8)
9- ޚިޔާނާތްތެރިވުން؛
މިއީ ވެސް މުނާފިޤުންގެ ސިފައެއް ކަމަށް، ޙަދީޘުގައި އައިސްފައި ވެއެވެ.
އަޅުގަނޑުދެކޭގޮތުގައި،"ރުޅިނާންނާށެވެ!"، މި ޝިޢާރުގެ ދަށުން، ރުޅިވެރިކަން މުޖްތަމަޢުން ނައްތާލުމުގެ ޤައުމީ ކެމްޕޭނެއް ފެށުން މިއަދު މި ވަނީ މުހިއްމު ވެފައެވެ. ސަބަބަކީ،ރުޅިވެރިކަން ނުވަންނަ އެއްވެސް ގެއެއް، އެއްވެސް އޮފީހެއް، އެއްވެސް މުއައްސަސާއެއް، އެއްވެސް ސްކޫލެއް، އެއްވެސް މިސްކިތެއް ނެތުމެވެ. އަދި އޭގެ ވިހަ، ނުފޯރާ އެއްވެސް ދިމާއެއް މުޖްތަމަޢުގައި ނެތުމެވެ. އަދި އަޅުގަނޑުމެންގެ މީޑިއާތަކުގެ އެކިއެކި ވަސީލަތްތަކުން ވެސް ރުޅިވެރިކަމުގެ އަޑު ގުގުމަމުން ދިއުމެވެ. ރުޅިވެރިކަމުން އަރައިގަތުމުގެ ތައުފީޤު ދެއްވާށިއެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު