އަމިއްލަ ނަފުސު ހަނދާން ނައްތައި ނުލާށެވެ!

11 މަސް ކުރިން
|
0

ގަޑިންގަޑިއަށް ކުރަންޖެހޭ ކަންކަމާއި، ދާންޖެހޭ ތަންތަނާއި، ނިންމަންޖެހޭ މަސައްކަތްތައް ވެސް ގިނަވެ، ސައުވީސް ގަޑިއިރު މި ވަނީ މަދުވެފައެވެ. ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ދުވެދުވެ ހުއްޓާ ދުވަހެއް ނިމި އަނެއް ދުވަހަށް އިރު އަރައެވެ.    މި ގޮތަށް ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް، އަހަރުތަކަށް ބަދަލުވެ، ވަގުތުތައް ފާއިތުވެގެން ދެއެވެ. ދިރިއުޅުމުގެ މަސައްކަތްތަކުގައި ބުރަކޮށް އުޅޭއިރު ނަމާދާއި އަޅުކަމަށް ފަރުވާތެރިވެވެނީ މަދު ބަޔަކަށެވެ. ދިރިއުޅުން ފަހިކޮށް، ބާއްޖަވެރިކުރަން އެދޭ މީހާ އޭނާގެ ވެރިރައްބާ އޮންނަ ގުޅުން ހީނަރުވިޔަ ދީގެން ނުވާނެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ أُولَـٰئِكَ هُمُ الْفَاسِقُونَ﴾ (الحشر: ١٩)‏ މާނައީ: "އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ ނަފުސުތައް ހަނދުމަ-ނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ ފާސިޤުންނެވެ."

މި އާޔަތުގައި ބަޔާންކުރައްވައިފައި ވާ ފަދައިން ތިމާގެ އަމިއްލަ ނަފުސު ހަނދާން ނައްތައިލުމަކީ އެ ކަމަކަށް ޓަކައި ތިމާ ޚަލްޤު ކުރެއްވުނު މަތިވެރި ސަބަބު ހަނދާން ނައްތައިލުމެވެ. ވިސްނައިލާށެވެ! ރެޔަކާ ދުވާލުގެ ތެރޭގައި ތިބާގެ ވަގުތުތަކުގެ ތެރެއިން ﷲއަށް ޓަކައި އިޚްލާޞްތެރިކަމާ އެކު ހޭދަކޮށްލެވެނީ ކިތައް މިނެޓު ހެއްޔެވެ؟ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފުސާމެދު ވިސްނައިލާށެވެ! ފަރުޟު ފަސްނަމާދު ކުރާހިނދު އެ ނަމާދުގެ ތެރެއަށް ފުރިހަމައަށް ވަދެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ "ނަމާދަކީ ތިމަންކަލޭގެފާނުގެ ހިތުގެ ފިނިކަން" ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ޙަދީޘް-ކުރައްވައިފައެވެ. ނަމާދުގެ ސަބަބުން މިފަދަ ހިތްހަމަޖެހުމާއި ހިތުގެ ފިނިކަން ލިބެނީ އަހަރުމެންގެ ތެރެއިން ކިތަން މީހުންނަށް ހެއްޔެވެ؟

އެކި ވަގުތުތަކުގައި އެކި މީހުންނާ އެކު ވާހަކަދައްކައި ހަދަމުއެވެ. މުޖްތަމަޢުގައި ހިނގާ ކަންކަމުގެ ތެރެއިން ތިމާއާ ބެހޭ ކަންކަމާއި ތިމާއާ ގުޅުމެއް ނެތް ކަންކަމުގައި ވެސް ބަސްބުނެ ހަދަމުއެވެ. ރެޔާދުވާލުގެ ގިނަ ވަގުތުތަކެއް ވާހަކަ ދެއްކުމުގައި ހޭދަކޮށްލައެވެ. ދުލުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި މާތް ﷲ ހަނދުމަކޮށް ޒިކުރު ކުރުމުގައި ހޭދަކުރެވެނީ ކިހާ ވަގުތެއްތޯ ވިސްނައި-ލާށެވެ! ހަމައެފަދައިން ކޮންމެ މީހަކަށް ވެސް ދެ ކަންފަތާއި ދުލެއް މާތް ﷲ ވަނީ ދެއްވައިފައެވެ. ދައްކާ ވާހަކަތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ވެސް އަޑު އެހުމުގައި ވަގުތު ހޭދަވާނެއެވެ. ނަމަވެސް މާތްވެގެންވާ ކީރިތި ޤުރްއާން ކިޔެވޭ އަޑު އެ ދެކަންފަތުން އަހަނީ ދުވާލަކު ކިހާ ވަގުތެއްގައި ހެއްޔެވެ؟

މިދެންނެވި ކަންކަމާމެދު ވިސްނައިލުމުންއެކަނިވެސް،ކުރިންބަޔާންކުރެވުނު އާޔަތުގައިވާ ފަދައިން މާތް ﷲ ހަނދުމަނެތި ކޮށްލުމަކީ ތިމާގެ އަމިއްލަ ނަފުސު ހަނދާން ނައްތައިލުން ކަމުގައި ބުނެވޭ ބަހުގެ މާނަ އެނގިގެން ދެއެވެ. ޙަޤީޤީ ޙަޔާތަކީ އާޚިރަތުގެ ޙަޔާތެވެ. އެ ދުވަހަށް ޓަކައި އިސްކުޅަ ހެޔޮ ޢަމަލެއްނެތި ދުނިޔެއާ ވަކިވެގެންދާން ޖެހިދާނޭ ކަމުގެ މައްޗަށް ބިރުވެތިވާށެވެ. ޙަޔާތުގެ ވަގުތުތައް ދުނިޔަވީ ބޭނުންތައް ފުއްދުމުގައި ނަގައި ނުލާށެވެ. ކުރަން ހުރި ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރީގައި، އެ ކަމެއް ކުރުމަށް މާތް ﷲ އަމުރުކުރެއްވި ކަންކަން ހިމަނައިލާށެވެ. އަދި އެ ކަންކަން ކުރުން ފަސްކޮށްލުމަށް ނުވަތަ ނުކުރުމަށް އެއްވެސް އުޒުރެއް ނުދައްކާށެވެ. ދިރިއުޅުމުގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން، ކުރަންޖެހޭ އަޅުކަމުގެ މައްޗަށް އިސް ނުކުރާށެވެ!