ކިޔަވައިދިނުމުގައި ދަރިވަރުންލައްވާ ކުރުވާ މަސައްކަތްތަކަކީ އެ ކުދިންގެ ޢަމަލީ ތަޖުރިބާއެވެ. އެއީ އެ ކުދިންނަށް ކަންކަން ދަސްވުމުގައި ވަރަށް ފަސޭހަ ވެސް ވާ ގޮތެކެވެ. އަދި ތަޖުރިބާއިން ދަސްކުރާ ކަންކަން ހަނދާނުގައި ހުންނަލެއް ވެސް ބޮޑެވެ. އެހެންކަމުން އުނގެނުމާއި އުނގަންނައި-ދިނުމުގެތެރޭ ޢަމަލީ ތަޖުރިބާ ހިމެނުން އެއީ ވަރަށް މުހިންމު ކަމެކެވެ.
ދަރިވަރުންލައްވާ ކުރުވާ ޢަމަލީ މަސައްކަތް ހުންނަންވާނީ އިސްލާމީ ތަރަހައިގެ ތެރޭގައިކަން ފާހަގަކޮށްލަން ބޭނުމެވެ. މި ވާހަކަ ދައްކަން ޖެހުނީ މިހާރަކަށް އައިސް ބައެއް ދަރިވަރުންނާ ޙަވާލުކުރާ މަސައްކަތްތަކަކީ އިސްލާމްދީނާ ބީރައްޓެހި ކުލަވަރު އޭގައި އެކުލެވޭ މަސައްކަތްތަކެއް ކަމުގައި ބައެއް ބެލެނިވެރިން ބުނަމުން އަންނާތީއެވެ. މިސާލަކަށް ދަންނަވަންޏާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފިނި މޫސުމް އަންނަ މި ދުވަސްވަރު، ދަރިވަރުންނަށް ފިނި މޫސުމް ކިޔައިދިނުމަށް ބައެއް ދަރިވަރުން ލައްވާ ތައްޔާރުކުރުވާ އަތުމަސައްކަތުގެ ތަކެތި ހިމެނެއެވެ. ފިނި މޫސުމް ކިޔައިދިނުމަށް ސްނޯއާއި ސްނޯގައި ކުޅޭ އެކިއެކި ކުޅިވަރުތަކާއި ހޫނުކުރަން ޖަހާ އުނދުނާއި މި ކަންކަން ކިޔައިދެވިދާނެއެވެ. އެހެނަސް މޫސުމް ކިޔައިދިނުމުގެ ގޮތުން ޢީސާއީ-ދީނުގެ ޝިޢާރުތައް ހިމެނޭ ގޮތަށް އަތުމަސައްކަތް ތައްޔާރުކުރުވުމަކީ އިސްލާމީ ޤައުމެއްގައި ތަޢުލީމީ މުއައްސަސާއަކުން ކޮށްގެން ވާނޭ ކަމެއްނޫނެވެ. އެ ކަން ކުރުވައިގެން ވެސް ނުވާނެއެވެ.
މިއީ މިކަހަލަ އެންމެ މިސާލެކެވެ. ޓީޗަރުން ޢަމަލީ މަސައްކަތެއް ދިނުމަށް ޓަކައި ޚިޔާލު ހޯދަނީ ކޮންތާކުންތޯ ބަލައިލިއިރު، ގިނަ ޓީޗަރުން ބުނުއްވީ އެ މީހުންނަށް އުފެއްދުންތެރި ޚިޔާލު އަންނަނީ މީސްމީޑިއާގެ އެކިއެކި މަންސަތަކުން ބަލާ ރީލް-ތަކުންނާއި، ވީޑިއޯތަކުން ކަމުގައެވެ. މިފަދަ ހުރިހާ އެއްޗަކީ މުސްލިމުންގެ އުފެއްދުންތަކެއް ނޫނެވެ. އަދި ކިޔެއް އިސްލާމީ އުފެއްދުންތައް ވެސް އެހެން ދީންތަކުގެ ސަޤާފަތަށް މޭލުވެފައި ހުންނަކަން ފާހަގަވެއެވެ. މިއީ އަޅުގަނޑުމެން ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.
ހިތްވަރުގަދަ، ލޮބުވެތި މުދައްރިސުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ލޯތްބާއި އިޚްތިރާމާ އެކު ދަންނަވަމެވެ. ތުއްތު ދަރިވަރުން-ތަކެއްގެ މުސްތަޤުބަލު ބިނާކޮށްދެއްވަން ތިއްބެވި ބަޔަކީ ތިއީއެވެ. އެ ކުދިން އެންމެ އިތުބާރާ އެކު ޤަބޫލުކުރާނީ ތިޔަ މުދައްރިސުންގެ ބަސްފުޅެވެ. އެ ކުދިންގެ ގާތުގައި ތިޔައީ ހުރިހާ ކަމެއް ދަންނަ ބަޠަލެކެވެ. އެ ކުދިންނަށް ހެޔޮ އެއްޗެއް ބުނެދެވެން އޮންނަ އެއްވެސް ފަހަރެއްގައި ގޯސް އެއްޗެއް ކިޔައިނުދެއްވާށެވެ. ކިޔަވައިދެއްވާ ކޮންމެ އެއްޗެއް އިސްލާމީ ތަރަހައިގެ ތެރެއަށް ވައްދަވާށެވެ. އެކަން ކުރާނެ ގޮތް އެނގިނުލައްވަންޏާ އެންމެ ފުރަތަމަ އެކަން އެގޮތަށް ކުރައްވަން ނިޔަތްގަންނަވާށެވެ. ދެން ﷲއަށް ދަންނަވާށެވެ. އެއަށް ފަހު ދީނުގެ ޢިލްމު ދަންނަ ތަރުބަވީ ބޭފުޅުންނާ މަޝްވަރާ ކުރައްވާށެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު