މަދީނާގެ ދަރިވަރުންނަށް، ޝައިޚު ބިން ބާޒް ކުރެއްވި ވަސިއްޔަތް

11 މަސް ކުރިން
|
0

ދެންފަހެ، ހުރިހާ ހާލަތެއްގައި ވެސް ﷲއަށް ތަޤްވާވެރިވުމަށާއި، ހިތްވަރާއި ޝައުގުވެރިކަމާ އެކު ޢިލްމު އުނގެނެން މަސައްކަތްކުރުމަށް މި ޖާމިޢާގެ ދަރިވަރުންނަށް ވަޞިއްޔަތްކުރަމެވެ! ކިޔަވާ މާއްދާތަކަށް އަހައްމިއްޔަތުކަންދީ ފަރުވާތެރިކަން ބަހައްޓާށެވެ. އޭގައިވާ އުނދަގޫ މައްސަލަތައް އެކަކު އަނެކަކާ އެކު މުރާޖާކުރާށެވެ. މުދައްރިސުންގެ އުނގަންނައިދެއްވުމަށް ސަމާލުވެ ރަނގަޅަށް ކަނުލައި އަޑުއަހާށެވެ. ލިބޭ ފިލާވަޅުން ނޭނގޭ ކޮންމެ ކަމަކާ ބެހޭގޮތުން، ރީތި އުސްލޫބެއްގެ މަތިން ސުވާލުކުރާށެވެ!

ޢިލްމު ހާސިލުވުމުގެ އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި؛ ނިޔަތް އިޞްލާޙުކުރުމާއި، ވަގުތަށް ރައްކާތެރިވުމާއި، އެނގިފައިވާ ޢިލްމަށް ޢަމަލުކުރުން ހިމެނެއެވެ. އަދި ބައެއް އަޘަރުތަކުގައި އައިސްފައި ވެއެވެ. "އެނގިފައިވާ ޢިލްމަށް ޢަމަލުކުރާ މީހާއަށް، ނޭނގޭ ޢިލްމު ﷲ ވާރުތަކޮށްދެއްވަތެވެ." )حلية الأولياء: 10/15)

މި ކަމަށް ބާރުދޭ ހެކި، ﷲގެ ފޮތުގައި ވެއެވެ. ﷲ ވަޙީކުރެއްވިއެވެ. "އަދި ތެދުމަގުލިބިގަތް މީހުންނަށް، އެއިލާހު ހިދާޔަތް އިތުރުކޮށްދެއްވައި، އެބައިމީހުންގެ ތަޤްވާވެރިކަން އެބައިމީހުންނަށް ދެއްވިއެވެ." (مُحَمَّد: 17)  އަދިވެސް ވަހީކުރެއްވިއެވެ. ”އަދި ﷲ، ތެދުމަގު ލިބިގަތް މީހުންނަށް ހިދާޔަތް އިތުރުކޮށްދެއްވައެވެ."  (مَريَم: 76)

ޢިލްމު ހާސިލުވުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި؛ ﷲއަށް ތަޤްވާވެރިވެ އެކަމުގައި ސާބިތުވެ-ހުރުމާއި، ފާފަތަކުން ރައްކާތެރިވުން ހިމެނެއެވެ. ﷲ ވަޙީކުރެއްވިއެވެ. "އަދި ﷲއަށް ތަޤްވާވެރިވާ މީހާއަށް، އެ އިލާހު މަޚްރަޖެއް (ނުކުންނާނެ މަގެއް) ލައްވައެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތަކުން އޭނާއަށް ރިޒްޤުދެއްވައެވެ." (الطَّلَاق: 2-3)

ޖާހިލުކަމުން ނުކުންނާނެ މަގަކީ، އެންމެ މުހިންމު މަޚްރަޖުތަކުގެ ތެރެއިން މަޚްރަޖެކެވެ. އެއީ ތަޤްވާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ އެންމެ ރަނގަޅު އެއް ރިޒުޤަކީ ޢިލްމުކަމަށްވާ ފަދައިންނެވެ. ﷲ ވަޙީކުރެއްވިއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާނަމަ، އެއިލާހު ތިޔަބައިމީހުންނަށް ފުރްޤާނެއް ލައްވާނެއެވެ." (الأَنفَال: 29) އަދި ފުރްޤާނަކީ، އަޅާއަށް ލިބިގެންދާ، ޙައްޤާއި ބާޠިލު ވަކިކުރާ، ޢިލްމުގެ ނޫރެވެ.

އަދި ނަފާކުރަނިވި ޢިލްމުން މަޙްރޫމުވުމުގައި ފާފަތަކުގެ އަސަރަށް ބަލާއިރު، އެއީ ނައްސުންނާއި ވާޤިއުން އެނގޭ ކަމެކެވެ. ﷲ ވަޙީކުރެއްވިއެވެ. "އަދި ތިޔަބައިމީހުންނަށް ޖެހޭ ކޮންމެ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުންނެވެ. އަދި އެ އިލާހު ގިނަ ކަންތައް އަފޫކުރައްވައެވެ." (الشُّورَى: 30)

ޝައްކެއްނެތެވެ. ފައިދާހުރި ޢިލްމުން މަޙްރޫމްވުމަކީ އެންމެ ބޮޑެތި މުޞީބާތްތަކުގެ ތެރެއިން މުޞީބާތެކެވެ. ނަބީ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން އަޅާ ކުރާ ފާފައިގެ ސަބަބުން ރިޒުޤުން މަޙްރޫމްވެއެވެ." (أحمد: 22438)

އިމާމް ޝާފިޢީ، އިމާމް މާލިކުގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގަތުމުން، އިމާމް މާލިކު ވިދާޅުވިއެވެ. "ހަމަކަށަވަރުން އަހަރެންނަށް ފެންނަނީ، ﷲ ތިބާގެ މައްޗަށް އެ އިލާހުގެ ނޫރު އަޅުއްވައިފައިވާ ކަމަށެވެ. ފަހެ، ފާފަތަކުން ތިބާ އެ ނޫރު ނިއްވައިނުލާށެވެ."

އިމާމް ޝާފިޢީ (އެކަލޭގެފާނުގެ ޝައިޚަކާ-މެދު) ވިދާޅުވިއެވެ؛ "ވަކީޢުއަށް އަހުރެންގެ ހަނދާން ދެރަކަމުގެ ޝަކުވާކުރީމެވެ. އެ ހިނދު ފާފަތައް ދޫކޮށްލުމަށް އެކަލޭގެފާނު އިރުޝާދު ދެއްވިއެވެ. އަދި ވިދާޅުވިއެވެ؛ ދަންނާށެވެ! ހަމަކަށަވަރުން ޢިލްމަކީ ނޫރެކެވެ. އަދި ﷲގެ ނޫރު ފާފަވެރިޔާއަކަށް ނުދެއްވާނެއެވެ." (الداء والدواء: 52)

އަދި ﷲގެ ޙަޟްރަތުން އަހުރެން އެދި ދުއާކުރަނީ، މަންފާކުރަނިވި ޢިލްމާއި ޞާލިޙު ޢަމަލުތަކަށްތިޔަބައިމީހުންނަށްތައުފީޤުދެއްވުމަށާއި، ތިޔަބައިމީހުންގެސަބަބުންއެއިލާހުގެއަޅުތަކުންނަށް މަންފާކުރެއްވުމަށެވެ.ހަމަކަށަވަރުންއެއިލާހީދެންނެވޭ އެންމެ ހެޔޮ ފަރާތެވެ.