ވަގުތުގައި ބަރަކާތްލެއްވުން އެދޭނަމަ

11 މަސް ކުރިން
|
0

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއަދު ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށް ވެފައިވަނީ ކަންކަން ކުރުމަށް ވަގުތު ނުވާކަމެވެ. އަބަދުވެސް ވަރަށް "ބިޒީކޮށް" އުޅެން ޖެހޭކަމެވެ. ހަމައެއާ އެކު ހައިރާންވާން ޖެހޭ އަނެއް ކަމަކީ އެފަދަ ބައެއް މީހުންނަށް ދުނިޔަވީ ގޮތުން ވެސް އަދި އުޚުރަވީ ގޮތުން ވެސް މާ އޮއްޓަރުހުރި ހަރުދަނާކަމެއް ނުކުރެވޭ ކަމަށް ޚުދު އެބައިމީހުން ވަރަށް ގިނަ ފަހަރަށް އެއްބަސްވާ ކަމެވެ.

އަޅުގަނޑުމެންގެ ކުރިން އުޅުއްވި ޢިލްމުވެރި، އަޅުވެރި، ޞާލިޙު ބޭކަލުންގެ ޙަޔާތްޕުޅަށް ބަލައި، ނަޒަރު ހިންގާއިރު، ފެންނާން އޮންނަނީ އެބޭކަލުން ޙާޞިލުކުރައްވައިފައި ހުރި ގިނަ ކަންކަމަކީ އަޅުގަނޑުމެންގެ މުޅި އުމުރު އުމުރު ހުސްކޮށްގެން ވެސް އެކަންކަން ޙާޞިލުކުރުން ވަރަށް ދުރު ކަމެއްކަމުގައި ހީވާފަދަ ބޮޑެތި މަސައްކަތްތަކެކެވެ. އެބޭކަލުން ލިޔުއްވައިފައި ހުރި ބައެއް ފޮތްތަކުގެ މޮޅުކަމާއި ޞަފުޙާގެ ގިނަކަމާއި، އަޅުކަމުގައި ހޭދަކުރެއްވި ވަގުތުގެ އިތުރު ގިނަކަމާއި ފުރިހަމަކަމާ އަދި މިނޫން ވެސް ވަރަށް ގިނަ ކަންކަން މީގައި ހިމެނެއެވެ. އަދި އެއީ އަޅުގަނޑުމެން މި އުޅޭ ޒަމާނަށް ވުރެ ވަސީލަތްތައް މަދު ދުވަސްވަރެއްގައި ކުރައްވައިފައި ހުރި ކަންކަމަށްވުމުން، ޢަޖައިބުވާން ޖެހޭ މިންވަރު އިތުރުވެއެވެ.

ފަހެ މި މައްސަލައިގެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ ވަގުތުގައި ބަރަކާތް ނެތުމެވެ. ވަގުތުގައި ބަރަކާތްލެއްވުމަށް އެދޭ މީހަކު ޢަމަލުކުރަންވީ ގޮތާމެދު އިރުޝާދުދެއްވަމުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ.

"(ވަގުތުގައި ބަރަކާތްލެއްވުމަށް އެދި ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ) ﷲ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ. އެ ކަމުގެ ދަލީލަކީ އަންނަނިވި ވަޙީބަސްފުޅެވެ. ﴿وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ ‎(الكهف: ٢٨)‏ މާނައީ: "އަދި ތިމަން އިލާހު ހަނދުމަކުރުމުން އެ މީހެއްގެ ހިތް ޣާފިލުކުރައްވައިފައިވާ، އެ މީހެއްގެ އަމިއްލަ އެދުމަށް ތަބާވާ އަދި އެ މީހެއްގެ ކަންތައް (ނުބައި ކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ."

ﷲ ހަނދުމަކުރުމަށް އިންސާނާ ފުރަގަސްދީ  އޭނާގެ ހަވާނަފުސަށް ތަބާވުމުން، އޭނާގެ ޢުމުރުގެ ބަރަކާތް ކެނޑިދެއެވެ. (ﷲ ތަޢާލާ، އަޅަމެން އެކަމުން ރައްކާތެރި ކުރައްވާނދޭވެ!) ފަހެ އެ މީހެއްގެ ވެރި ރައްބާ އަބަދު ގުޅިފައިވާ މީހާ، އަބަދު އެއިލާހުގެ ޛިކުރުކުރާ މީހާ، ދުލުން ޛިކުރު ނުކުރެވޭނަމަ ހިތުން ވިޔަސް ޛިކުރުކުރާ މީހާ އަދި ގުނަވަންތަކުން ޛިކުރު ނުކުރެވޭނަމަ ހިތުން ވިޔަސް ޛިކުރުކުރާ މީހާ ދަންނައެވެ. އެފަދަ މީހެއްގެ ޢުމުރުގައި الله تعالى ބަރަކާތް ލައްވާނެތެވެ." [فتح ذي الجلال والإكرام بشرح بلوغ المرام (7 / 467)]

މިއަދު އަޅުގަނޑުމެން ބޭނުން ކުރަމުންދާ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކަކީ ވެސް އަޅުގަނޑުމެން ހެޔޮކަމުން ޣާފިލުކުރުވާ އެއްޗެކެވެ. އަދި ހެޔޮ ޢަމަލުކުރުމަށް އޮންނަ ވަގުތުތަކުގައި އަޅުގަނޑުމެން މަޝްޣޫލުކުރުވާ ވަސީލަތްތަކެކެވެ. ކޮންމެ މީހަކަށް ވެސް ރެއަކާދުވާލު ލިބެނީ އެންމެ 24 ގަޑިއިރެވެ. އެއީ އެ މީހެއްގެ ދުނިޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތް ވެސް އާރާސްތުކުރުމަށް ލިބޭ މިންވަރެވެ. ބުއްދިވެރިންނަކީ ހެޔޮ ޢަމަލުތައް ކުރުމުގައި އެ ވަގުތުތައް ބޭނުންކުރަން އެމީހެއްގެ ނަފްސު ހާނުވާ މީހާއެވެ.