މާތް ﷲގެ ރުއްސެވުން ހާސިލުވުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނޭ ކަމެއް!

11 މަސް ކުރިން
|
0

ގިނަ ބަޔަކު މަސައްކަތްކުރަނީ މީހުންގެ ރުހުން ހޯދާށެވެ. މީހުން ބަލައިގަންނަ މަޤްބޫލު މީހަކަށް ވާށެވެ. އެހެން މީހުން ރުއްސުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރާނޭ މީހުން އުޅެއެވެ. މީސްމީޑިޔާގެ މި ޒަމާނުގައި މި ކަންތައް ވަނީ ވަކިން ބޮޑުވެފައެވެ. މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ބަނޑިބަނޑި ލައްވާ އުޅޭ ޒުވާންނުން ގިނަވެއްޖެއެވެ. ލަދުވެތިކަމެއް ނެތި ޢިފަތްތެރިކަން ނަގައިލަނީ ވެސް މަދުބައެއް ނޫނެވެ. މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރުމަކީ ދީން ނަހީކުރާ އެތައް ކަމެއްގެ ތެރެއަށް ހުށަހެޅިދާ ސަބަބެކެވެ. މީސްތަކުންގެ ތެރޭގައި މަޤްބޫލު މީހަކަށްވުމަކީ ކިބުރުވެރިކަމާއި ބޮޑާވެރިކަމާއި މުނާފިޤުކަން ހިތުތެރޭގައި އަށަގަންނަ ސަބަބެކެވެ.

       ދަންނާށެވެ! ތިބާ މަސައްކަތް ކުރަންވީ ތިބާ ޚަލްޤު ކުރެއްވި ﷲގެ ރުއްސެވުން ހޯދާށެވެ. އެއިލާހު އެންގެވި މަގުގައި ސާބިތުވެ ހުރެވޭތޯއެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެވޭ ތޯއެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَنِ التَّمْسَ رِضَا اللَّهِ بِسَخْطِ النَّاسِ كَفَاهُ اللَّهُ مؤنةَ النَّاسِ، ومنِ التمسَ رضا النَّاسِ بسخطِ اللَّهِ وَكلَهُ اللَّهُ إلى النَّاسِ» (رواه الترمذي، رقم: 2414) މާނައީ: "މީސްތަކުންގެ ނުރުހުމާ އެކު ވެސް މާތް ﷲގެ ރުއްސެއްވުން ހޯދަން މަސައްކަތްކުރާ މީހާއަށް މީސްތަކުންގެ ކިބައިން ފުދުންތެރިކަން ދެއްވާނެތެވެ. އަދި މާތް ﷲގެ ނުރުއްސެވުމާ އެކު ވެސް މީސްތަކުންގެ ރުހުން ހޯދަން އުޅޭ މީހާގެ ކަންކަން މީސްތަކުންގެ މައްޗަށް ދޫކުރައްވާނެތެވެ." 

  މާތް ﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހާ، މީސްތަކުންގެ ކިބައިން ރައްކާތެރިކޮށްދެއްވާނެތެވެ. އަދި މީސްތަކުންގެ ހިތްތަކުގައި އެ މީހާގެ މައްޗަށް ލޯތްބާއި ގަދަރާއި އިޙްތިރާމު ލައްވާނެތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَـٰنُ وُدًّا﴾ ‎(مريم: ٩٦)‏ މާނައީ: "ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ރަޙްމާނުވަންތަ ރަސްކަލާނގެ، އެއުރެންނަށް ޓަކައި ލޯބިލައްވާނެތެވެ."

އީމާންވެ ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ޓަކައި މީސްތަކުންގެ ހިތްތަކުގައި ލޯތްބާއި އިޙްތިރާމު ލައްވާނެއެވެ. މިކަމުގެ މައްޗަށް ވަރަށް ގިނަ ނަބަވީ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. އެފަދަ ބަސްފުޅެއްގެ މާނައިގައިވެއެވެ."މާތްﷲއަޅަކުދެކެ ލޯބިވެވޮޑިގެން-ފިއްޔާ ޖިބްރީލްގެފާނަށް ވަޙީކުރައްވާނެތެވެ. "ތިމަން އިލާހު އެވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފީމުއެވެ. ފަހެ، ކަލޭގެފާނު ވެސް އޭނާދެކެ ލޯބިވާށެވެ!" ދެން ޖިބްރީލްގެފާނުއެމީހާދެކެލޯބިވެވަޑައިގަންނަވަތެވެ. އެއަށްފަހު އުޑުތަކުގެ މަލާއިކަތުންގެ މެދުގައި ނިދާ އިއްވަވާނެތެވެ. "މާތް ﷲ މިވެނި މީހެއްދެކެ ލޯބިވެވޮޑިގެންފިއެވެ. ފަހެ ތިޔަބައިމީހުން ވެސް އެ މީހާދެކެ ލޯބިވާށެވެ!" ދެން އުޑުތަކުގެ އަހުލުވެރިން އެމީހަކު ދެކެ ލޯބިވެވަޑައިގަންނަވާނެތެވެ. އެއަށްފަހު އޭނާގެ މައްޗަށް ބިމުގެ އަހުލުވެރިންގެ މެދުގައި ރުހުން ލައްވާނެތެވެ. އަދި ހަމައެފަދައިން މާތް ﷲ އަޅެއް ދެކެ ކޯފާވެވޮޑިގެންފިއްޔާ، ޖިބްރީލްގެފާނު އެ މީހަކަށް ނުރުހުންވެވަޑައިގަންނަވަތެވެ. އަދި އުޑުގެ އަހުލުވެރިން ވެސް އެ މީހަކަށް ނުރުހުންތެރިވެއެވެ. އަދި ބިމުގެ އަހުލުވެރީންގެ މެދުގައި ވެސް އޭނާއަށް ނުރުހުންތެރިކަން ލައްވަތެވެ." (ޞަޙީޙު މުސްލިމް، ނަންބަރު: 2637)