ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ 1974ގެ އެއްބަސްވުމާ ޚިލާފު ކަމެއް: އދ

ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ 1974ގެ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް އދ އިން މިދިޔަ އަންގާރަ ދުވަހު ބުނެފިއެވެ.

އދ. ގެ ސީރިއާއަށް ޚާއްޞަ މަންދޫބު ގެއިރ ޕެޑަރސަން ބުނީ އިސްރާއީލުން ގޯލާން އުސްބިމުގެ ބަފަރ ޒޯން ހިފުމަކީ 1974 ގައި އިސްރާއީލާއި ސީރިއާ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.

މީގެއިތުރުން ޖެނީވާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަދޯލޫ އޭޖެންސީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޕެޑަރސަން ބުނީ، އިސްރާއީލުން ގޯލަން އުސްބިމުގެ ބަފަރ ޒޯން ހިފުމާއި ސީރިއާގެ އިތުރު ސަރަޙައްދުތަކަށް ވަނުމާ ގުޅޭ ގޮތުން އދ. އިން ބުނީ މިއީ 1974 ގެ "ޑިސްއެންގޭޖްމަންޓް އޮފް ފޯސަސް އެގްރީމަންޓް" އާ ޚިލާފު ކަމެއްގެ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒްގެ އަމުރަށް މިދިޔަ ހަފުތާ ބަންދުގައި އިސްރާއީލުގެ ސިފައިން ގޯލަން އުސްބިމުގެ ބަފަރ ޒޯނަށް ވަދެފައިވާއިރު ނަތަންޔާހޫ ބުނެފައި ވަނީ މިއީ ވަގުތީ ގޮތުން ހިފިހިފުމެއް ކަމުަގައެެވެ.

އިސްރާއީލުން ވަނީ 1967ގެ މެދުއިރުމަތީގެ ހަނގުރާމައިގައި ވެސް ސީރިއާގެ ގޯލާން އުސްބިން ވަނީ ހިފައިފައެވެ. އަދި ފަހުން މި ސަރަޙައްދު އިސްރާއީލަށް ވައްދައި އެ މީހުންގެ މިލްކެއްކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢިން މި ކަން ބަލައެއް ނުގަނެއެވެ.