ސީރީއާއިން ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފި

ސީރީއާގެ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މިގޮތުން ވަގުތީ ބޮޑުވަޒިރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުޙައްމަދު އަލް-ބަޝީރު ކަމަށް މީޑިއާތަކުން ބުނެއެވެ.

މީނާ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ހަމަޖެއްސީ މިހާރު ސީރިއާގައި ވެރިކަންކުރާ ހައިއަތު ތަހުރީރުއްޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޫލާނީ އެވެ.

މިއީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް ނުކުތް ހަނގުރާމަވެރި ޖަމާއަތްގެ ވެރިޔާގެ ވަރަށް އަރިސް ބޭފުޅެއްކަމަށް ވެސް މީޑިއާތްކުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ޓެލެވިޜަނުން ދެއްކި ބަޔާނެއްގައި މުޙައްމަދު އަލް-ބަޝީރު ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރުގެ މާރޗް 1 އާ ހަމައަށް ސީރިއާގެ އިންތިގާލީ މަރުޙަލާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އޭނާ އައްޔަންކުރެވިފައިވާ ކަމަށެވެ.

ވަގުތީ ބޮޑުވަޒީރު ސަރުކާރެއް އެކުލަވާލާނީ ބައްޝާރު ސަރުކާރުގެ ބައެއް ވެރިން ވެސް ހިމަނައިގެންނެވެ. އާސަރުކާރުގައި ހިމަނާނެ މި މީހުން ވަނީ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ބައިއަތުހިފާފައި ކަމަށް ރިޕޯޓްތައްބުނެއެވެ.

މިނިވަންކަމަށް މަސައްކަތްކުރަމުން ދިޔަ ޖަމާޢަތްތަކާއި އާންމުން ދިމިޝްގަށް ވަނުމުގެ ކުރިން، ސީރިއާގެ ކުރީގެ ރައީސްކަމުގައި ހުރި ބައްޝާރުލް އަސަދު ވަނީ ގައުމު ދޫކޮށް ފިލައިގެން ރަޝިއާއަށް ގޮސްފައެވެ.

އަދި އޭނާއަށާއި، އޭނާގެ ޢާއިލާއަށް ރަޝިއާއިން ފުރިހަމަ ސިޔާސީ ޙިމާޔަތް ދީފައިވާކަން ބޭރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.