މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރާ އިސް ދެ މީހުން ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ  ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34އ)އާއި ޏ. ފުވައްމުލައް،ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29އ)އެވެ.

2024 ޖެނުއަރީ 14ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން 21 މީހެއްގެ އަދި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ވަނީ ހިފަހައްޓާފައެވެ. އަދި މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.