ސޫރިޔާގައި އޮތް ބައްޝާރުގެ ވެރިކަން ވައްޓައިލައިފި!

ސޫރިޔާގެ ރައީސްކަމުގައި ހުރި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓިފައިވާ ކަމަށް މިނިވަންޖަމަށް މަސައްކަތްކުރާ ސިފައިން މިއަދު އިއުލާން ކޮށްފިއެވެ. 

ހަނގުރާމައިގެ އަސްކަރިއްޔާއިން ބުނަނީ ވެރިކަންކުރާ ދިމިޝްގުގެ އިތުރުން ތިންވަނަޔަށް އެންމެ ބޮޑު ހޮމްޒް ސިޓީ ހިފާފައިވާ ކަމަށެވެ. އަދި މީގެއިތުރުން އެ މީހުން ގެންދަނީ މަގުތަކާއި އާންމު ތަންތަނުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

މިކަމާ ގުޅިގެން  ބައްޝާރުލް އަސަދު ވަނީ ޤައުމު ދޫކޮށް ފުރައިގެން ގޮސްފައެވެ. ނަމަވެސް ފުރައިގެން ދިޔަ ވަކި ތަނެއް އެނގިފައި އަދި ނުވެއެވެ. 

ބައްޝާރުގެ އަތުން ސޫރިޔާ މިނިވަންވެއްޖެކަން އިއުލާން ކުރެވުމާ އެކު ބައެއް ބޮޑެތި ޖަލުތައް ހުޅުވާ ޙައްޤަކައިނުލާ ޖަލުގައި ބަންދުކޮށްފައި ތިބި އެތައް ބައެެއް ވަނީ މިނިވަން ކޮށްފައެވެ.

އެގޮތުން ސޫރިޔާގެ ސުންދަނާޔާ ޖަލުގެ ތެރެއިން ޤައްސާމް ބްރިގޭޑްގެ 67 މުޖާހިދުން މިނިވަންކޮށްފައިވާއިރު ފަލަސްތީނުގެ އިތުރު 630 މީހަކު ވެސް ވަނީ މިނިވަންކޮށްފައިވެއެވެ. މީގެ ތެރޭގައި ގެއްލުނު މީހުންނާއި މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ކަމަށް ކަނޑައެޅި ބައެއް މީހުން ވެސް ހިމެނެއެވެ.

މިނިވަންކަމަށް ހަނގުރާމަކުރާ ފަރާތްތަކުގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީ ވިދާޅުވަނީ "ހޮމްޒް ހިފުމަކީ ތާރީޚީ ކާމިޔާބެއް" ކަމަށެވެ. އަދި ހަތިޔާރު ބަހައްޓަން ނިންމި ފަރާތްތަކަށް ދެރަ ގޮތެއް ނުހެދުމަށް އޭނާގެ ހަނގުރާމަވެރިންނަށް ވަނީ  ގޮވާލާފައެވެ. އަދި މީގެއިތުރުން އެއްވެސް އާންމު މުއައްސާއަކަށް ނުވަތަ ހިދުމަތް ދޭތަނަކަށް ހަމަލާ ނުދިނުމަށް އޭނާ ވަނީ ގޮވައިލާފައެވެ.

އޭނާ ބުނެފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ރަސްމީކޮށް ހަވާލުކުރެވެންދެން ހުންނާނީ އަސަދުގެ ބޮޑުވަޒީރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ބައްޝާރުލް އަސަދަށް ވެރިކަން ލިބުނީ އޭނާގެ ބައްޕާ ހާފިޒް އަލް އަސަދު 2000ވަނަ އަހަރު މަރުވުމާ ގުޅިގެންނެވެ. ނަމަވެސް ދިހަވަރަކަށް އަހަރުފަހުން ބައްޝާރުގެ ވެރިކަމާމެދު އާންމުން ހިތްހަމަ ނުޖެހި، ޑިމޮކްރަސީއަށް އެދި ގޮވާލާ އާންމުން މަގުތަކުގެ މައްޗަށް ނިކުތެވެ.

މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުން ކުރުމުން މަޝްރަހު ހޫނުވެ ހަނގުރާމަޔަކަށް ބަދަލުވީއެވެ.

ސޫރިޔާގައި ބައްޝާރުގެ ވެރިކަމާ ދެކޮޅު ހަރަކާތް ކުރިޔަށް ގެންދާތާ ވަނީ ތޭރަ އަހަރުވެފައެވެ.

މި 13 އަހަރުތެރޭގައި ބައްޝާރުލް އަސަދު ޙައްޤަކައިނުލައި އެތައް ހާސްބަޔަކު ވަނީ މަރާފައެވެ.