ކޮންގޯގައި ގޮތްނޭނގޭ ހުމެއް ފެތުރެނީ، މިހާތަނަށް 143 މީހަކު މަރުވެއްޖެ

ކޮންގޯގައި ގޮތްނޭނގޭ ހުމެއް ފެތުރެން ފަށާފައިވާ ކަމަށާއި މިހާތަނަށް 143 މީހަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

އެފްރިކާގެ ކޮންގޯގެ ކްވަންގޫ ގޮތްނޭނގޭ އެ ބަލި ބާރަށް ފެތުރެމުންދާ ކަމަށާއި މިހާތަނަށް ބަލީގެ އަލާމަތްތައް ހުރި 300 މީހުން ފެނިފައިވާ ކަމަށް ވެސް އެ ޤައުމުގެ ޞިއްޙީ އިދާރާއިން ވަނީ ބުނެފައެވެ.

މި ބަލީގެ ޢަލާމާތަތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ކެއްސުމާއި ނޭވާއަށް އުނދަގޫވުން ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށް ޞިއްޙީ އޮފިޝަލުން ވަނީ ބުނެފައެވެ.

ސިއްހީ އޮފިޝަލުން އިތުރަށް ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 18 އަހަރުގެ ކުޑަކުދިން ކަމަށެވެ.

މި ބަލީގެ އަސްލު ހޯދުމަށާއި ބަލީގެ ހާލަތު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ.ގެ ޓީމެއް އެ ގައުމަށް މިހާރު ފޮނުވާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.