މާތް ﷲއާމެދު އޮންނަ ޔަޤީންކަން...

1 އަހަރު ކުރިން
|
0

މާތް ﷲއާމެދު އޮންނަ ޔަޤީންކަމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަބޫބަކުރުގެފާނު އެއްފަހަރަކު ޚުތުބާއެއްގައި ވިދާޅުވިއެވެ. "ޔަޤީންކަމާއި ޢާފިޔަތަށްވުރެ ބޮޑު ނިޢުމަތެއް މި ދުނިޔޭގައި މީހަކަށް ނުލިބޭނެއެވެ." އާދެ! އަޅުގަނޑުމެން ވެސް މާތް ﷲއާމެދު ކަންކަމުގައި ޔަޤީންކަން ބާއްވަން ދަސްކުރަން ޖެހެއެވެ. އެކަލާނގެ ފޮނުއްވި ނަބިއްޔުންގެ ޢަމަލުތަކުން މިކަން ސާބިތުވެއެވެ.

މޫސާގެފާނުގެ ހިތްޕުޅުގައި އޮތް ޔަޤީންކަން ކީރިތި ޤުރުއާނުގައި ބަޔާންވެ އައިސްފައި ވެއެވެ. އެކަލޭގެފާނާ އެކު މިޞްރުން ނިކުމެގެން އައި ބަނީ އިސްރާއީލުންގެ ފަހަތުން ފިރުޢަނުގެ ލަޝްކަރު އައިސް އެ މީހުން އަތުލައިގެންފާނޭ ކަމަށް ބިރުހީވި ހިނދު މޫސާގެފާނުގެ ކިބައިގައި ﷲ سبحانه وتعالىއަށް އޮތް ޔަޤީންކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّا لَمُدْرَكُونَ(‎٦١)‏ قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ‎(٦٢)﴾ (الشعراء:) މާނައީ: "ހަމަކަށަވަރުން އެ މީހުން ތިމަންމެން އަތުލައި-ގަންނާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: 'ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު ތިމަންނާއާ އެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ.' އެ އިލާހު ތިމަންނާއަށް މަގު ދައްކަވާނެތެވެ."

އަދި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ވީހިނދު އެކަލޭގެފާނުގެ ޞާޙިބު އަބޫބަކުރުގެފާނަށް ޔަޤީންކަން ދެއްވަމުން ޙަދީޘްކުރެއްވީ ކީކެތޯއެވެ؟  އެ ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿لَا تَحْزَنْ إِنَّ اللَّهَ مَعَنَا﴾ ‎(التوبة: ٤٠)‏ މާނައީ: "ހިތާމަ ނުކުރައްވާށޭ، ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައެވެ." މިއީ އެބޭކަލުން ދެއްކެވި ނަމޫނާއެވެ. މި ނަމޫނާގައި ހިފަން އަޅުގަނޑުމެން މަސައްކަތްކުރަންޖެހެއެވެ.

މާތް ﷲ އަޅުގަނޑުމެނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އެކަލާނގެ ރިޒުޤުގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެ މީހަކަށް ތަޤްދީރުކުރެއްވި އެއްޗެއް މިންވަރު ކުރައްވާނެއެވެ. އެކަމަކު އަޅުގަނޑުމެންނަށް ގިނަ ފަހަރަށް އެ ގޮތަށް ވިސްނާ ނުލެވެއެވެ. މިވެނި މީހަކަށް އެވެނި އެއްޗެއް ލިބިފައި ތިމަންނާއަށް ނުލިބުނީ ކީއްވެބާވައޭ ހިތަށްއަރާ ފަހަރުތައް މަދެއް ނޫނެވެ. އެހެންނަމަވެސް، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ ‎(البقرة: ٢١٦)‏ މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެން ވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ." ވީމާ، ތިމާއަށް މިވެނިއެވެނި ކަމެއް ނުވަތަ ރިޒުޤެއް ނުލިބުނޭ ކިޔާ ޝަކުވާކުރުން އެއީ މުސްލިމެއްގެ ކިބައިގާ ހުންނަންވާނޭ ސިފައެއް ނޫނެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައި ވެއެވެ. «‌لَنْ ‌تَمُوتَ ‌نَفْسٌ حَتَّى تَسْتَوْفِيَ رِزْقَهَا» (شعب الإيمان للبيهقي) މާނައީ: "އެ މީހަކަށް މިންވަރުކުރައް-ވައިފައި ވާ ރިޒުޤެއް ފުރިހަމައަށް ލިބުމަށްފަހު މެނުވީ އެ މީހަކު މަރުވެނުދާނެއެވެ." އެހެންކަމުން ކަންކަމުގައި މާތް ﷲއާމެދު ޔަޤީންކަން ބާއްވާށެވެ. ކަމެއް ހާސިލުވުމުން ޝުކުރުވެރިވުމުގެ ގޮތުން ޙަމްދުކުރާށެވެ. އަދި ތިމާގެ ހިތް އެދޭ ގޮތަށް ކަމެއް ނުވިޔަސް އެކަމާމެދު މާޔޫސް ނުވާށެވެ. އެކަމުގައި ހެވެއް ވާނެކަން ޤަބޫލުކުރާށެވެ!