ބަންގިއަކީ މާތްވެގެންވާ ކަލިމަތަކެއް އެކުލެވިގެންވާ ގޮވާލުމެކެވެ. އެންމެ މަތިވެރިވެގެންވާ އަޅުކަމަށް ހަނދާންކޮށްދޭ ހަނދާންކޮށްދިނުމެވެ. ބަންގީގެ އަޑު އިވިއްޖެއްޔާ އެންމެ މުހިއްމު ކަމަކީ ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އަދި ހަމައެހެންމެ އެ މަތިވެރި ގޮވާލުމުގައި ބައިވެރިވުމަކީ ހަމަ އެހާމެ މާތް މަތިވެރި ކަމެކެވެ.
ބަންގިގޮވާ މީހުންނަށް ލިބޭ މާތްކަމާ ބެހޭ ގޮތުން މީހަކު ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! ބަންގިގޮވާ މީހުން އަހަރެމެންނަށްވުރެ މަތިވެރިވެއްޖެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «قُلْ كَمَا يَقُولُونَ، فَإِذَا انْتَهَيْتَ فَسَلْ تُعْطَه» (أَبُو دَاوُد) މާނައީ: "ބަންގިގޮވާ މީހުން ކިޔާ ކަލިމަތައް ތިބާ ވެސް ކިޔާށެވެ! ފަހެ، (އެކަލިމަތައް) ކިޔާ ނިމިއްޖެނަމަ، (އެކަލާނގެއަށް) ދުޢާ ދަންނަވާށެވެ! ތިބާއަށް އެކަމެއް ދެއްވޭނެތެވެ." ޢުމަރު ބުނުލް ޚައްޠާބު رَضِيَ اللهُ عَنْهُގެ ކިބައިން އިމާމް މުސްލިމް، ރިވާކުރެއްވި ޙަދީޘެއްގައި މިކަމުގެ ތަފްޞީލު ބަޔާންވެފައި ވެއެވެ. އެ ޙަދީޘްގައި އޮންނަނީ ބަންގިގޮވާ މީހާ ގޮވާ ކަލިމަތައް އޭނާގެ ފަހަތުން ކިޔުމަށް ބުނެދެއްވައިފައެވެ. މި ގޮތަށް ކިޔަމުން ގޮސް، ބަންގިދޭ މީހާ حَيَّ عَلَى الصَّلَاةِ އަދި حَيَّ عَلَى الْفَلَاحِ ގޮވާ ކޮންމެ ފަހަރަކު لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ކިޔައި، ދެން ބާކީ ހުރި ކަލިމަތައް، އިމާމު މީހާ ގޮވި ގޮތަށް ކިޔައިފި މީހަކު ސުވަރުގެ ވަދެއްޖެ ކަމަށް އެ ޙަދީޘްގައި އައިސްފައި ވެއެވެ.
ބަންގިގޮވާ އަވަދިވުމުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! އޭގެފަހުގައި ބަންގިދުޢާ ކިޔާށެވެ! ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްގައި އައިސްފައި ވެއެވެ. "ބަންގި ގޮވާ މީހާގެ އަޑު ތިޔަބައިމީހުންނަށް އިވިއްޖެ ކަމުގައިވާނަމަ، އޭނާ ކިޔާ ކަލިމަތައް ތިޔަބައިމީހުން ކިޔާށެވެ! ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުންއެދި ދުޢާކުރާށެވެ! ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވައިފި މީހަކަށް މާތް ﷲ 10 ފަހަރު ޞަލަވާތް ލައްވާނެތެވެ. ދެން ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށްއެދި ﷲއަށް ތިޔަބައިމީހުން ދަންނަވާށެވެ! ފަހެ، ހަމަކަށަވަރުން އެއީ ސުވަރުގޭގައިވާ މަންޒިލެކެވެ. އެ މަންޒިލު ﷲގެ އަޅުތަކުންކުރެ އެންމެ އަޅަކަށް މެނުވީ ނުވެއެވެ. އަދި އެ އަޅަކީ ތިމަންކަލޭގެފާނު ކަމަށް އުއްމީދުކުރައްވަމެވެ. ފަހެ، ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް އެދޭ މީހަކަށް ޝަފާޢަތް ލިބުން ވާޖިބުވެއްޖެއެވެ."
އެކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް ދުޢާކުރާނެ ގޮތް ބަންގީގެ ދުޢާގައި އައިސްފައި ވެއެވެ. ބަންގީގެ ދުޢާ ކިޔައިފި މީހާއަށް، ޤިޔާމަތްދުވަހު އެކަލޭގެފާނުގެ ޝަފާޢަތް ލިބޭނެއެވެ. އަދިވެސް އައިސްފައިވެއެވެ. "ބަންގިގޮވާ މީހާގެ އަޑު އިވިއްޖެ މީހަކު، أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا މިފަދައިން ކިޔައިފިނަމަ، އެ މީހަކަށް ޓަކައި އެ މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެތެވެ."
ބަޔާންވެ މިދިޔަ ޛިކުރުތަކަށްފަހު، ބޭނުންވާ ކަމަކަށް ދުޢާކުރުމަކީ މުހިއްމުކަމެކެވެ. ބަންގިއާއި ޤަމަތްދިނުމާ ދެމެދަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވާ ވަގުތެކެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު