ޙައްޤަށް ވަޞިއްޔަތްކުރުން

5 މަސް ކުރިން
|
0

ނަމާދުގައި ފަސޭހަކަމާ އެކު ކިޔަވާލެވޭ ކުރު ސޫރަތްތަކުގެ ތެރޭގައި ޢަޞްރު ސޫރަތް ހިމެނެއެވެ. އެ ސޫރަތަކީ ތިން އާޔަތުގެ މައްޗަށް އެކުލެވިގެންވާ، ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ހިމެނޭ ސޫރަތެއް ކަމުގައި ވިޔަސް، އެ ސޫރަތަކީ މާނަ ފުންވެފައި، އެ ސޫރަތުގައި ހިމެނޭ ބައިތަކުގެ މައްޗަށް މުޅި އިސްލާމްދީން ބިނާވެފައިވާ ސޫރަތެކެވެ.

  ޢަޞްރު ސޫރަތުގެ މާތްކަމާމެދު އިމާމުއް-ޝާފިޢީ رحمه الله ވިދާޅުވެފައި ވެއެވެ. "މާތް ﷲ މީސްތަކުންގެ މައްޗަށް އެ ސޫރަތް ނޫން އެހެން ބަސްފުޅެއް ބާއްވައިނުލެއްވި ކަމުގައި ވީނަމަވެސް މީސްތަކުންނަށް ޙުއްޖަތެއް ކަމުގައި ފުދުނީހެވެ." (تفسير الإمام الشافعي :3/1461)

  މި ސޫރަތް ފައްޓަވައިފައި ވަނީ ވަގުތު ގަންދެއްވައި ހުވާ ވަޙީ ކުރައްވަމުންނެވެ. އެއަށްފަހު ގެއްލުމާއި ހަލާކުން ސަލާމަތްވެގެންވާ އިންސާނާގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ސިފަތައް ބަޔާންކޮށްދެއްވިއެވެ. الله تعالى ވަޙީކުރެއްވިއެވެ. ﴿وَالْعَصْرِ(١) إِنَّ الْإِنسَانَ لَفِي خُسْرٍ(٢) إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ(٣)﴾ (العصر) މާނައީ: "ޒަމާން ގަންދެއްވަމެވެ.(1) ހަމަކަށަވަރުން، އިންސާނާ ވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ.(2) އީމާންވެ ޞާލިޙު އަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅޭ މީހުން މެނުވީއެވެ."

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ. "ވަގުތު ގަންދެއްވައި ހުވާ ވަޙީކުރެއްވުމަށްފަހު، މި ސޫރަތުގައި އެންގެވީ ހުރިހާ އިންސާނުން ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައި ކަމެވެ. އެބައިމީހުންގެ ތެރެއިން އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންމެނުވީއެވެ. އެބައިމީހުންނަކީ ޙައްޤުވެގެން ވާ ދީނާ މެދު     އެ މީހުންނަށް ލިބިގެންވީ ޢިލްމުގެ މަތީގައި ތިބެ އެކަންތައްތައް ތެދުކުޅަ މީހުންނެވެ. މިއީ މީސްތަކުންގެ ތެރެއިންވާ ފުރަތަމަ ދަރަޖައެވެ. އަނެއް ދަރަޖައަކީ ހެޔޮ ޢަމަލުކުޅަ މީހުންނެވެ. އެ މީހުންނަކީ ޙައްޤުވެގެންވާ ދީނާމެދު ލިބިފައިވާ ޢިލްމާ އެއްގޮތަށް ޢަމަލުކުރި މީހުންނެވެ. ތިންވަނަ ދަރަޖައަކީ އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަޞިއްޔަތްކޮށް އުޅޭ މީހުންނެވެ. އަދި ހަތަރުވަނަ ދަރަޖައަކީ އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅޭ މީހުންނެވެ. މި ހަތަރު ދަރަޖައަށް ވާޞިލުވެވިއްޖެ މީހާއަށް ފުރިހަމަކަމާ ހަމައަށް ވާޞިލުވެވިއްޖެއެވެ." (متفاح دار السعادة: 1/56)

މި ހަތަރު ކަމަކީ މުޅި ދީން އޭގެ މަތީގައި ޝާމިލުވެގެންވާ ހަތަރު ކަންތަކެވެ. މި ކަންކަމާ މެދު ވިސްނައިލުމުން އެނގެނީ، މި ސޫރަތް ފިޔަވައި އެހެން ސޫރަތެއް މީސްތަކުންގެ މައްޗަށް ބާވައި ނުލެއްވި ކަމުގައި ވިޔަސް، މީސްތަކުންނަށް ހުއްޖަތެއް ކަމުގައްޔާއި، ހެޔޮ މަގު ބަޔާން ކޮށްދިނުމެއް ކަމުގައި މި ސޫރަތް ފުދޭނެ ކަމަށް އިމާމުއް-ޝާފިޢީ رحمه الله ވިދާޅުވެފައިވާ ބަސްފުޅުގެ މާނަ ސާފުކޮށް ބަޔާންވެގެން އަންނަ ކަމެވެ.

މި ސޫރަތުގައި ﴿تَوَاصَوْا﴾ އެކަކު އަނެކަކަށް ވަޞިއްޔަތްކޮށްއުޅޭ މީހުންނޭ އޮތް ބަސްފުޅާ މެދު ވިސްނައިލުމުން އެނގެނީ، މީހަކު އަމިއްލައަށް އީމާންވުމުން އަދި ނުފުދޭ ކަމެވެ. އަދި ކިއެއްތަ!ދިންނަވާނޭ ކާމިޔާބު މީހަކަށް ވުމަށް ޓަކައި އެހެން މީހުންނަށް ވެސް އީމާންކަމަށް ގޮވައިލާ ހެޔޮ ޢަމަލުކުރުމަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވާން ޖެހޭނެއެވެ.