ނުބައި ކަންކަން ހުއްޓުވުމުގެ ރޫޙު މަރާލެވޭނަމަ...

1 އަހަރު ކުރިން
|
0

އިސްލާމުންނަކީ އިޞްލާޙީ މަސައްކަތުގައި ކޮންމެހެން ވެސް އުޅެންޖެހޭ ބައެކެވެ. މާތް ﷲ ދުނިޔޭގައި އިންސާނުން ލެއްވެވީ ޚަލީފާވެރި ބަޔަކު ކަމުގައެވެ. ޚަލީފާވެރިން ކަމުގައި ލެއްވުމުގެ މުރާދަކީ ޤިޔާމަތާ ޖެހެންދެން އިންސާނީ ނަޞްލު ދެމިގެންދާ ގޮތަށް ލެއްވުމާއި އެ މީހުންގެ ތެރޭގައި އެއިލާހުގެ ދީން ނަގަހައްޓާ ދަމަހައްޓާނޭ ބަޔަކު ލެއްވުމެވެ.

އެހެންކަމުން އިންސާނުންގެ ތެރޭ ޖެހޭ މައްސަލަތަކާއި ހިނގާ ހަމަނުޖެހުންތައް ހުއްޓުވައި އެބައިމީހުންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި އަމާންކަން ޤާއިމުކުރާނޭ ބަޔަކު ތިބޭނެއެވެ. ތިބެން ވެސް ޖެހޭނެއެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އެބަޔަކީ ﷲއަށް އީމާންވާ މީހުންނެވެ. އެފަދަ މީހުންނަކީ އެންމެ ހެޔޮ މީހުން ކަމުގައި އަންގަވައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ."

މި އާޔަތުގައި "ތިޔަބައިމީހުން" ކަމުގައި އެ އަންގަވަނީ މުސްލިމުންގެ ވާހަކައެވެ. އެ ވާހަކަ ބަޔާންކުރެއްވި ފޮތް ކިޔަވާ މީހުންގެ ވާހަކައެވެ. އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންގެ ވާހަކައެވެ. ހެޔޮ ކަންކަމަށް ގޮވައިލާ މީހުންގެ ވާހަކައެވެ. މިފަދަ މާތް މީހުންގެ ތެރޭ ގޯސް ކަންކަން ހުއްޓުވުމުގެ ރޫޙު ނެތި ދާނަމަ، ބިން މުޅިން ފަސާދަވެދާނެއެވެ.

މިހިސާބުން އެނގެނީ ގޯސްކަމެއް ފެނިއްޖެ ކޮންމެ މުސްލިމަކު އެކަން ހުއްޓުވަން ޖެހޭނެ ކަމެވެ. އެފަދަ ކަންކަން ނުހުއްޓުވައި ދޫކޮށްލާނަމަ މުޖްތަމަޢު ފަސާދަވުން، ދުވަހެއް ދުވަހަކަށް އިތުރުވެއެވެ. ހެޔޮ ކަންކަމަށް އަމުރުކުރުން ކިތަންމެ ގިނަކުރިޔަސް، ނުވަތަ އީމާންތެރިކަން ކިތަންމެ އިތުރުކުރިޔަސް، ނުބައި ކަންކަން ހުއްޓުވުމުގެ ރޫޙު މަރާލެވޭނަމަ ފަސާދައެއް ނުހުއްޓޭނެއެވެ. އިޞްލާޙެއް ނުވާނެއެވެ. އެހެންކަމުން ގޯސްކަމެއް ފެނިއްޖެއްޔާ، ހަމަ ކޮންމެ މުސްލިމަކު ވެސް އެ މީހަކަށް ކުޅަދާނަވީ ވަރަކުން އެ ކަމެއް ހުއްޓުވަން މަސައްކަތްކުރަން ވާނެއެވެ.

ކުޅަދާނަކަން ލިބިހުރި މިންވަރަކުން ނުބައި ޢަމަލުތައް ހުއްޓުވުމަށް އިރުޝާދުދެއްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَن رَأَى مِنكُم مُنْكَرًا فَلْيُغَيِّرْهُ بيَدِهِ، فإنْ لَمْ يَسْتَطِعْ فَبِلِسانِهِ، فإنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وذلكَ أضْعَفُ الإيمانِ.» (صحيح مسلم) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ގޯސް ކަމެއް ފެންނަ ހިނދު އެކަން އޭނާގެ އަތުން ހުއްޓުވާށެވެ. ފަހެ، އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ދުލުން އެކަން މަނާކުރާށެވެ. ފަހެ، އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި (ދަންނާށެވެ!) އެއީ، އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ."

މި ޙަދީޘާ މެދު ވިސްނައިލާށެވެ! އީމާންކަމާ މެދުފިކުރުކޮށްލާށެވެ. ތިބާއަށް އަދާކުރެވޭނޭ ދައުރަކީ ކޮބައިތޯ ބަލާށެވެ. ނުބައި ކަންކަން ހުއްޓުވުމުގެ ރޫޙު މަރާނުލާށެވެ.