މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާޙުކޮށް ގޭންގު ކުށްތައް ހުއްޓުވުމަށް އައު ޤާނޫނެއް އެކުލަވާލަނީ

1 އަހަރު ކުރިން
|
0

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާޙުކޮށް ގޭންގު ކުށްތައް ހުއްޓުވުމަށް އައުގާނޫނެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމުގައެވެ.

މި ކަންކަން ޙައްލުކުރުމަށްޓަކައި، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު މުރާޖަޢާކޮށް، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ގޭންގު ކުށްތަކުގެ މައްސަލައަކީ މަސްތުވާތަކެއްޗާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައަކަށްވާތީ ރާއްޖެ ރައްކާތެރިކޮށް ސަލާމަތް ކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް 2 ހަފުތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި އެފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ދިވެހި ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ