މާލޭގެ ގެއަކަށް މީހަކު ވައްދައި ފޭރުނު 3 މީހުންގެ މައްޗަށް ކުށްސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފި

1 އަހަރު ކުރިން
|
0

މާލޭގެ ގެއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ 3 މީހުންގެ މައްޗަށް ކުށްސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ޕީޖީ އޮފީހުން މިމައްސަލައިގައި ދައުވާ ކޮށްފައުވަނީ މިއަހަރު ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި އޭނާއަށް ބިރުދައްކައި ފޭރުނު މައްސަލައިގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. މަސްފަން، 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އަދި ސ. ހިތަދޫ، ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމެވެ.

ތިން މީހުން ހައްޔަރުކުރީ ފިރިހެނަކު ގެއަށް ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި ބަރަހާނަކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ތިން ދައުވާ އުފުލާފައިވާއިރު ދައުވާގެ ތެރެއިން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ 18 ދުވަހަށް ތިން މީހުން ޖަލަށް ލުމަށް އަދި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ ސާބިތުގެ 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި މީގެއިތުރުން އެތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެ 9 މަހާއި 18 ދުވަހަށް ތިން މީހުން ވެސް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.