ރާއްޖެއިން ކިޔެވުމުން ފަތުވާދެވޭގޮތަށް ދަރަޖަ ކުރަނީ: ޝަހީމް

1 އަހަރު ކުރިން
|
0

ދިވެހިރާއްޖޭގެ ޖާމިޔާތަކާއި ޔުނިވާސިޓީތަކުން އިސްލާމީ ތަޢުލީމުގެ ދާއިރާތަކުން ކިޔެވުމުން ފަތުވާ ދެވޭގޮތަށާއި، ދީނީ ނަސޭހަތް ދިނުމުގައި ދަރަޖަތަކެއް ކަނޑައެޅުމުގެ ވިސްނުން ހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ ފަތުވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގައި ފަތުވާދިނުމާއި ދީނީ ނަސޭހަތްދިނުން ދަރަޖަކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި ސަރުކާރުން ވަރަށް އަވަހަށް މިކަންކުރަން ބޭނުންވާކަމަށެވެ. އަދި ރާއްޖޭގައި ދިނީ އެއްބައިވަންތަކަން ގާއިމްކުރުމަށް ޓަކައި މި ކަމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކެލައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ކިޔަވާފައިތިބި މީހުންގެ ތެރޭގައި ވެސް އިނގިރޭސި ބަހާއި އަރަބި ބަސް ދަންނަ، މައުލޫމާތު ހޯދުމުގެ ޤާބިލުކަން ހުރި ފަރާތްތައް އެބައުޅޭކަމަށް މިނިސްޓަރު ފާހަގަކުރެއްްވިއެވެ.

"އެކަމަކު އެ މީހުންނަކަށް ނެތް ހުއްދައެއް. ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި އޮންނަނީ ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ބޭފުޅުންނަށް އެކަނި." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމު އިތުރަށްވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި މީހުން އިސްލާމްދީނާއި ދުރުވަނީ ވެސް ހިތްވަރު ދޭނެ ބަޔަކު އެ މީހުންގެ ތެރޭގައި ނެތުމުން ކަމަށެވެ.

ކޮންމެ ރަށެއްގައި އިސްލާމް ޓީޗަރެއް ހުރި ނަމަވެސް، އެ ޓީޗަރަށް ސްކޫލު އެސެމްބްލީގައި ވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަނޯންނަ ކަމަށާއި ދީނީ ނަސޭހަތް ދޭން ބޭނުންވާނަމަ، އެކަން ކުރަން ޖެހެނީ ޝެއިހްއެއް ނުވަތަ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ފަރާތެއް އެރަށަކަށް ގެންދަންކަން ޝަހީމު ފާހަގަކުރެއްވިއެވެ. 

އިސްލާމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ނަސޭހަތް ނުދެވެނީ އެކަމުގެ ހުއްދަ ނެތުމުން ކަމަށެވެ. ނަމަވެސް، މަތީ ގްރޭޑުތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ދީނީ ނަސޭހަތް ދެވޭ ވަރުގެ ޢިލްމީ ޤާބީލްކަން ހުންނާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.