ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިއާއަށް ހަމަލާދީ 60އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ޓެރަރިސްޓުން، ޙައްޒާގެ އުތުރުގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލް ކައިރީގައި އޮންނަ މީހުން ދިރިއުޅޭ އަވަށަކަށް ދިން ބޮމުގެ ހަމަލާގައި 66 މީހުން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ކަމާލް އަދްވާން ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ.ހުސާމް އަބޫ ސާފިޔާ ވިދާޅުވީ މިހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި 200އެއްހާ މީހުން ތިބި ކަމަށެވެ. މިހާރު   ބިލްޑިން ތަކުގެ ދަށުވެފައި ވަރަށް ގިނަ އަދަދެއްގެ ޝަހީދުންނާއި ޒަހަމްވެފައިވާ މީހުން ތިބިކަމަށް އޭނާ ވިދާޅުވެއެވެ. 

ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި އޮންނަ އަލް މަދޫން ޢާއިލާގެ ގެއަށް އަމާޒުކޮށް، ދިން ބޮމުގެ މި ހަމަލާއިން އެ ގެއާ އިންވެގެނެހުރި ހަ ގެއެއް ވެސް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. 

ބިލްޑިން ތަކުގެ ދަށުން މިހާތަނަށް 60 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަދިވެސް އިތުރަށް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްކާތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. 

މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ހަމަލާ އަމާޒުވި ގޭގެ ފުނޑިފައިވާ ކުނިތަކުގެ ދަށުން ކުޑަކުދިންގެ ހަޅޭކުގެ އަޑު އެތައް ގަޑިއިރެއް ވަންދެން އިވެމުން ދިޔައެވެ، ކުނިތަކުގެ ދަށުގައި ހުޅުހިފާ އަލިފާން ރޯވެފައި އޮތް އިރު އެހީއަށް އެދި ގޮވާގޮވެލީގެ އަޑަށް ހުއްޓުމެއް ނާދެއެވެ. 

އަދި މީގެއިތުރުން ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އަބޫ އިސްކަންދަރު ސަރަހައްދުގައި ހުންނަ އަލް އަރޫކީއޭ ކިޔުނު އާއިލާއަށް ނިސްބަތްވާ ގެއަކަށް ވެސް އަމާޒުކޮށް ހަމަލާދީފައި ވާއިރު، އެގެއިން 15އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައްބައެއް ޒަހަމްވެފައި ވެއެވެ.

މި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިންކަން ވެސް ހިތާމަޔާއެކު ފާހަގަކުރަން ޖެހެއެވެ.

ހައްދުފަހަނަޅާފައި ތިބި އިސްރާއީލު ޓެރަރިސްޓުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު44،000 އާ ގާތްކޮށްފިއެވެ. 

ޝަހީދުންގެ ފުރާނައަށް ރަޙުމަތްލައްވާށިއެވެ!