ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން އަނެއްކާ ވެސް ބޭރުކޮށްލައިފި

1 އަހަރު ކުރިން
|
0

ހައްދުފަނަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ އެއްވެސް ޝަރުތަކާ ނުލައި އެއްކޮށް ހުއްޓައިލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފިއެވެ.

އެމެރިކާއިން އެ ޤަރާރު ވީޓޯކުރިއިރު، ސަލާމަތީ މަޖިލީހުގެ އިންތިޚާބީ މެންބަރުންގެ 15 ޤައުމުގެ ތެރެއިން 14  ޤައުމުން ވަނީ ގަރާރު ފާސްކުރުމަށް ވޯޓު ދީފައެވެ. އެ ޤައުމުތަކަކީ އަލްޖީރިއާ، އެކުއަޑޯ، ގަޔާނާ، މާލްޓާ، މޮޒަމްބީކް، ދެކުނު ކޮރެއާ، ސިއެރަ ލިއޯން، ސްލޮވީނިއާ އަދި ސްވިޒަލޭންޑުން ހުށަހެޅި ޤަރާރު ފާސް ކުރުމަށް 14 ވޯޓު ލިބުނެވެ.

އެމެރިކާއިން މި ޤަރާރު ބޭރު ކުރީ، އޭގައި ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ބަޔާންކޮށްފައި ނެތުމުން ކަމަށް އެ މީހުން ވަނީ ބުނެފައެވެ. ނަމަވެސް އަލް-ޖަޒީރާއިން ރިޕޯޓް ކުރާގޮތުގައި، ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ވެސް މި ޤަރާރުގައި ވަނީ ގޮވާލާފައެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 7ވަނަ ދުވަހުގައި ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ޤަތުލުއާންމު ހިންގަން ފެށިފަހުން، ހަނގުރާމަ ހުއްޓައިލުމަށް އދ އިން ގޮވާލި ޤަރާރު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ވީޓޯ ކުރި 4ވަނަ ފަހަރެވެ.

އެމެރިކާއަކީ އިސްރާއީލުގެ އެންމެ ބޮޑު އެހީތެރިޔާއަށް ވާއިރު، ކޮންމެ އަހަރަކު މަދުވެގެން 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިސްރާއީލަށް ފޯރުކޮށްދެއެވެ. އަދި ޣައްޒާގައި ޤަތުލުއާންމު ފެށުނު ފަހުން ބައިޑެންގެ ވެރިކަމުގައި އެގައުމަށް އިތުރު އެހީގެ ގޮތުގައި 14 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.