މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ އަޞާޞްތައް ނަގައިފައި ވަނީ މިކަން މެދުވެރިވި ކުއްޖާ 2019ވަނަ އަހަރު އޭނާގެ ޓުވިޓަރ އެކައުންޓުގައި މި ކަމުގެ ޚަބަރު ދީފައިވާ ޕޯސްޓު ތަކުންނެވެ. އަސަރުން ފުރިގެންވާ މި ޓްވީޓްތައް ތިންހާހައްވުރެ ގިނަ ފަހަރު ޝެއަރ ކޮށްފައިވާއިރު، 8600އަށްވުރެ ގިނަ ލައިކާއި ޕޮސިޓިވް ރިއެކްޝަންތައް ލިބިފައި ވެއެވެ. އަދި އެތައްބަޔަކު ގެންދަނީ އަޔޫޝަށް މަރުހަބާއާއި ތަހުނިޔާކިޔައި ހިތްވަރުދެމުންނެވެ.
*******************************************
ނައިޖީރިއާ އަންހެން ކުއްޖަކު އިސްލާމްވެ، 5 އަހަރު ވަންދެން އެކަން ސިއްރުކޮށްފައި ބޭއްވީ، އޭނާގެ މަންމައަށް ވެދާނެ ގޮތެއް ނޭނގޭތީއެވެ.
އަޔޫޝް ހަދެޔާ ބުނެފައި ވަނީ "އަހަރެން އިސްލާމްވި ވާހަކަ މަންމަ ގާތު ބުނަން ފަސް އަހަރު ނަގިއެވެ…" އެ ހުރިހާ ދުވަހަކު އަހަރެން ވިސްނަމުން ގެންދިޔައީ އެ ވާހަކަ މަންމަ ގާތު ބުނާނީ ކިހިނަކުން ކަމާ މެދެވެ. އެ ވާހަކަ އަޑުއަހާފައި މަންމައަށް ޙާޓްއެޓޭކެއް ޖެހި، މަރު ނުވާނެބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. މި ކަހަލަ ބިރުވެރިކަމެއްގައި އަހަރެން އެ ދުވަސްތައް ގުނަމުން ދިޔައީމެވެ. އެއް ދުވަހަކު އަހަރެންނަށް ރައްޓެއްސަކު ގުޅާފައި ބުނީ ދެން ތިޔަ ވާހަކަ މަންމަ ގާތު ބުނާށެވެ! ކޮންމެ ގޮތަކަށް ކަންތައް ވިޔަސް… ވާކަމެއް ވާނީ ﷲގެ އިރާދަފުޅާ އެކުނޫން ހެއްޔެވެ."
އެކުވެރިޔާ އެ ދިން ހިތްވަރާ އެކު އަޔޫޝް އޭނާގެ މަންމަ ގާތު އޭނާ އިސްލާމް ވެގެންހުރި ވާހަކަ ބުނެފިއެވެ. އޭނާގެ ޙަޔާތުގައި އިސްލާމްވުމަށް މެދުވެރިވި ސަބަބާއި އަލުން މި ދީން ދޫނުކުރާނީ ކީއްވެގެންކަން ވެސް މަންމަ ގާތު ބުންޏެވެ. މި ގޮތުގައި އުޅެންފެށުމުން އޭނާގެ ޙަޔާތަށް އައި ހެޔޮބަދަލުތަކުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. ފޯންކޯލަށް ފަހު ކަންތައް ވެގެން ތިޔަ ގޮތް ކިޔައިދެމުން އަޔޫޝް ބުނީ، އެ ވާހަކަ އަޑުއިވުމުން މަންމަ އޭނާދެކެ ވަރަށް ރުޅިއައިކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އަޔޫޝް އެއީ ދަރިއެއް ކަމަށް ޤަބޫލު ނުކުރާނެ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ. "އެއްވެސް މީހަކު ދެން ދަރިފުޅު ގާތު މަންމައެއް ހުރޭތޯ އަހައިފިނަމަ، މަންމަ އެއް ހުންނަކަމަށް ނުބުނައްޗޭ! މިވަގުތުން ފެށިގެން ތީ މަގޭ ދަރިއެއްނޫން…!" އަޔޫޝް ހަދެޔާ ފެންކަޅިވެ ހުރެ މަންމަގެ ވާހަކަ ކިޔައިދިނެވެ.
އަޔޫޝާ ދިރިއުޅެނީ މަންމައާ އެއް ޤައުމެއްގައެއް ނޫނެވެ. އޭނާ އެހެން ޤައުމެއްގައި އުޅޭތާ ވެސް ވަރަށް ދުވަސް ވެއްޖެއެވެ. މި ވާހަކަތައް އޭނާ މަންމަ އަށް ކިޔައިދިނީ ފޯނުންނެވެ. އަޔޫޝް އޭނާގެ މަންމައާ ދުރުގައި ހުއްޓަސް އޭނާއާ، އޭނާގެ މަންމަ އާ ދެމެދު އޮންނަނީ ރައްޓެހި ދެ އެކުވެރިންގެ ދެމެދު އޮންނަކަހަލަ ގާތް ގުޅުމެކެވެ. ގާތްކަމައި އެކުވެރި ކަމުގެ އިންތިހާއެވެ. ކޮންމެ ދުވަހަކު ވެސް ގުޅައިގެން ދެމައިން ޙަޔާތުގެ ހުރިހާ ވާހަކައެއް ހިއްސާކޮށް އުފާވެރި ވަގުތުތައް ހޭދަ ކުރެއެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އިސްލާމްވި ވާހަކަ ވެސް ބުނަން އަޔޫޝް ބޭނުން ވެއެވެ. އެހެނަސް އެ މަޖާ އިޙުސާސްތަކާއި އުފާވެރިކަމަށް ލޮޅުމެއް އަރާފާނެތީ އޭގެ އިޝާރާތެއް ވެސް ދޭން ނުކެރެނީއެވެ. އަޔޫޝް އިސްލާމްވެ ހޭދަވި 5 އަހަރު ވެސް ކަންހިނގާފައި ވަނީ މި ގޮތަށެވެ. މިއަދު އެ ވާހަކަ ހަމަ ބުނުމާ އެކު މަންމަ އެ އައި ރުޅީގެ ސަބަބުން އަޔޫޝް ވަރަށް ދެރަވެ މާޔޫސް ވެއްޖެއެވެ. ނުފެށިނުދާނެކަމަށް ހީކުރެވުނު ހުރިހާ ކަމެއް އޭގެ އަސްލު ވަގުތުގައި ފެށިއްޖެކަން މިހާރު މި އޮތީ ޔަޤީން ވެފައެވެ. މަންމަމެން އެ ގޮތެއްގެ މަތީގައި ތިބި ޤަބޫލުކުރުމާ ދެކޮޅު ވިސްނުމެއް ދަރީގެ ކިބައިން ފެނުމުން އެކަން ތަޙައްމަލު ކުރެވޭނީ ވެސް ކޮން މަންމައަކަށްހެއްޔެވެ؟ މި ލިބުނު ޙަބަރުގެ ކުއްލި ސިހުމާއި، އޭގެ ޖަވާބުގައި މަންމަ ބުނި ވާހަކައަށް ފަހު ދެ މީހުންނަށް ވެސް އިތުރަށް އަނގައިން ބުނެވޭ ގޮތެއް ނުވިއެވެ. ހަމަހިނމޭންކަން ޖައްވަށް ވެރިވެއްޖެއެވެ. ދެ މީހުން ވެސް ތިބީ ދެން ވާނެ ގޮތެއް ނޭނގޭތީ ބަސް ހުއްޓިފައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތި ދެ މީހުން ވެސް ފޯނުކަނޑައިލީއެވެ.