މީހުންނަށް އެހީދޭށެވެ! ފަހެ ތިބާގެ ނިމުން ވެސް މިހާ ރީތި ނިމުމަކަށް ވެދާނެތެވެ!

މައްކާގެ ހަރަމްފުޅުގައި މީހަކު ސަޖިދަކުރަނީ

3 މަސް ކުރިން
|
2

މީހުންނަށް ހެޔޮކޮށް ހިތުމާއި  އެކަކު އަނެކަކަށް އެހީތެރިވުމަކީ މާތްﷲލޯބިވެ ވޮޑިގެންވާ އަމަލެކެވެ. އަދި އެ ކަމަކަށް އަޅުގަނޑުމެންގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބާރު އަޅުއްވައިފައި ވާ ކަމެކެވެ. މި ވާހަކައަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ފިލާވަޅެއް ދަސްވެގެންދާނެ އިބްރަތްތެރި ވާހަކައެކެވެ. މިއީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.        

މިސްރު މީހަކަށް ފެނުނު ހުވަފެނެކެވެ. މި ހުވަފެނުގާ އޭނާ، އޭނާގެ އަވަށްޓެރި މީހާ ގޮވައިގެން އުމްރާއަށް ދާތީ ފެނުނެވެ. މި ހުވަފެން ފެނުނު ފުރަތަމަ ފަހަރު އޭނާ މި ހުވަފެނަކަށް މާ ބޮޑު ސަމާލު ކަމެށްނުދެއެވެ. ސަބަބަކީ އޭނާއަކީ އެ އަވަށްޓެރި މީހާއާ ވާހަކަ ދައްކާ ހަދާ އެކަހަލަ ގުޅުމެއް އޮންނަ މީހަކަށް ނުވުމާއި، އޭނާއާ އަވަށްޓެރި އެ މީހާ ދުވަހަކު ވެސް އެއްވެސް ނަމާދެއްގައި މިސްކިތުން ފެންނަ މީހަކަށް ނުވާތީއެވެ.                              

އެ ހުވަފެން އަނެއްކާ ވެސް ތަކުރާރުކޮށް އޭނައަށް ދެވަނަ ފަހަރަށް ފެނިއްޖެއެވެ. މި ފަހަރު ފެނުނީ ތަންކޮޅެށް ތަފްސީލުކޮށެވެ. މީހަކު ސީދާ އޭނާ ގޮވައިގެން އުމުރާއަށް ދާށޭ ބުނެ މަޖުބޫރު ކުރާ ފަދަ ގޮތަކަށެވެ. ދެވަނަ ފަހަރަށް އެ ހުވަފެން ފެނުމުން، އޭނާ އެ ކަމާމެދު ކުޑަކޮށް ވިސްނަން ފެށިއެވެ. އަދި ޝައިޚަކާއި ބައްދަލުކޮށް މި ވާހަކަ ކިޔައިދިނެވެ. ޝައިޚު ވިދާޅުވީ އޭނާ އެ އަވަށްޓެރިޔާއަށް އެ ހުވަފެން ކިޔައިދިނުމަށެވެ. އެހެންނަމަވެސް އޭނާގެ އަވަށްޓެރިޔާއަކީ މަގުމަތިން ވެސް ފިހާރަޔަކުން ވެސް ފެންނަ މީހެއްކަމަށް ނުވާތީ، އޭނާ އެކަމާމެދު ވިސްނާލާން ވަގުތުކޮޅެއް ބޭނުންވިއެވެ.           

މިހެނެހުއްޓައި ތިންވަނަ ފަހަރަށް ވެސް ހަމަ އެ ހުވަފެން ތަކުރާރު ވެއްޖެއެވެ. އޭނާގެ އަވަށްޓެރިއާ ބައްދަލު ކުރުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ހުދު އޭނާއަށް ވެސް މި ހިސާބުން ގަބޫލު ކުރެވުނެވެ. ވަރަށް ހިތްވަރުކޮށްފައި ގޮސް އަވަށްޓެރިޔާގެ ގޭގެ ދޮރުގައި ޓަކިޖަހައިފިއެވެ. ދޮރު ހުޅުވީ އަވަށްޓެރިޔާގެ އަންހެނުންނެވެ. އަވަށްޓެރިޔާ ގޭގާ އުޅޭތޯ އަހައި،  އޭނާއާ ވާހަކައެށް ދައްކަން އެދޭކަމަށް ބުނެ، އެތެރެޔަށް ވަނުމުގެ އިޒުނަޔަށް އޭނާ އެދުނެވެ. އަދި އެ ގެއަށް ވަދެ އިށީނދެ އަވަށްޓެރިޔާއަށާއި އޭނާގެ އަންހެނުންނަށް މި ހުވަފެން ކިޔާދީފިއެވެ. އަދި އޭނާއާ އެކު ޢުމްރާއަށް ދިޔުމަށް އަވަށްޓެރިޔާއަށް ދައުވަތުދިނެވެ. އެ ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ތިމަންނާ ކަމުގައި ވެސް ބުންޏެވެ. އޭގެ ޖަވާބުގައި އަވަށްޓެރިޔާ ބުނީ؛ "އަހަންނަށް ނަމާދު ކުރާކަށް ނޭނގެ" ހުވަފެން ފެނުނު މީހާ ބުންޏެވެ: "އަހަރެން ނަމާދުކުރަން ދަސްކޮށްދޭނަން." އަވަށްޓެރިޔާ: "އެކަމަކު ނަމާދު ކުރުމުގެ ކުރިން ވުޟޫކުރަން ޖެހޭނެ އެއްނު!" އަހަންނަށް ވުޟޫކުރާކަށް ވެސް ނޭނގެ"  ހާސްނުވާށެވެ. ވުޟޫކުރަން ވެސް ތިމަންނަ ދަސްކޮށްދޭނަމޭ ބުނެ، ހުވަފެން ފެނުނު މީހާ  ޖަވާބުދިނެވެ. 

އެންމެ ފަހުން އޭނާއާ އެކު އެ އަވައްޓެރިޔާ ޢުމްރާޔަށް ގޮސްފިއެވެ. އެތަށް އަހަރު ތަކެއްވަންދެން ﷲ ސުބްހާނަހޫ ވަތަޢަލާއަށް އުރެދިފައިވާ  އެ އަވައްޓެރިޔާ މާތް ﷲއަށް އަޅުކަން ކުރުން މަތީ ހުއްޓުމެއްނެތި މާތް ވެގެންވާ ޙަރަމް ފުޅުގާ އެތަށް ވަގުތެއް ހޭދަ ކުރަން ފެށިއެވެ. އަދި ކޮންމެ ރެޔަކު އެންމެން ހޮޓަލަށް ނިދަން ވަނުމުން ވެސް އެހެން މީހުންނަށް ފިލައިގެން ގޮސް އަވައްޓެރިޔާ އެކެނިމައިއެކެނި ޙަރަމްފުޅުގައި ވަގުތު ހޭދަކޮށްފާައި އެނބުރި އާދެއެވެ.           

މިހެންދާތާ ދެތިން ރޭ ފަހުން، އޭނާއާ އެކު ހޮޓަލުަގައި ތިބި މީހުންނަށް އޭނާ ނެތްކަން އެނގުނެވެ. އަދި އޭނާ ގެއްލިގެން ހޯދަން އެންމެން މަސައްކަތް ފެށިއެވެ. އެންމެން ހާސްވެ ކޮޅުކޮޅުމައްޗަށް ދުވެ އޭނާ ހޯދަނީއެވެ. އެތައް އިރެއް ވަންދެން ހޯދިއިރު ވެސް އޭނާއެއް ނުފެނުނެވެ. އެންމެ ފަހުން އޭނާ ހޯދަން ޙަރަމަށް ދިޔައިރު ފެނުނީ ޙަރަމްފުޅު ތެރޭ އޭނާގެ ވެރި އިލާހަށް ތަސްބީޙަކިޔަން ސަޖިދައިގައި އޮއްވައި އޭނާގެ ފުރާނަ ގެންދަވައިފައި އޮތްތަނެވެ.  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ. ކިހާ މާތް މަރެއްތޯއެވެ! މައްކާގެ އެ މާތް ބިމުގާ އޭނާ ވަޅުލެވުނީއެވެ. އެ މާތް ޙަރަމްފުޅުގައި އޭނާގެ މައްޗަށް ކަށުނަމާދުކުރެވުމަކީ ކޮންފަދަ ބޮޑު ނަސީބެއްތޯއެވެ!                   

ކޮންމެއަކަސް އޭނާގެ އަވެށްޓެރިޔާއަށް މި ދިމާވި ކަންކަމާ ގުޅިގެން  އޭނާގެ ހިތުގައި ވަރަށް ބައިވަރު ސުވާލު ތަކެއް އުފެދުނެވެ. މިސްރަށް އެނބުރި ދިޔުމާ އެކު އަވައްޓެރިޔާގެ ގޭގެ ދޮރުގައި އޭނަ ޓަކިޖެހިއެވެ. އަވައްޓެރިޔާގެ އަންހެނުން ދޮރު ހުޅުވުމުން އޭނާ ސުވާލުކުރިއެވެ. އަވައްޓެރިޔާ އެހާ މާތް މަރަކުން މަރުވުމުގެ ނަސީބު ﷲ ލެއްވީ އޭނާ ކުރި ކޮންކަމަކުންހެއްޔެވެ؟ އެއީ ނަމާދުކުރި މީހެއްނޫނެވެ. އެންމެ ކުޑަމިނުން ވުޟޫކުރަން ވެސް ނޭންގި ހުރި މީހެކެވެ. އޭނާގެ އަންހެނުން ޖަވާބުގައި ބުންޏެވެ. އޭނާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. އޭނާ އެއްވެސް ނަމާދެއް ނުކުރިޔަސް އޭނާ އަކީ މީހުންނަށް ހެޔޮ އެދޭ އޯގާތެރި މީހެކެވެ. ކޮންމެ މަހަކު އޭނާގެ މަހު މުސާރައިން ވަކި ޕަސަންޓެއް މި މަގުގެ އަނެއް ފަރާތުގައި އުޅޭ މުސްކުޅި އަންހެނަކަށް ޚަރަދު ކުރާނެއެވެ. ކޮންމެ ދުވަހަކު އޭނާ އެ މުސްކުޅި މީހާގެ ގެއަށް ޒިޔާރާތް ކުރާނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ކައިބޮއެ ހަދާ އެއްޗެއްސާ އެ ގެޔަށް ބޭނުންވާ ހުރިހާ ސާމާނެއް އޭނާ ހޯދައިދޭނެއެވެ. އޭގެ ބަދަލުގައި އެ މުސްކުޅި އަންހެން މީހާ ކޮންމެ ދުވަހަކު ވެސް ތަކުރާރުކޮށް އެއް ދުޢާއެއް ކުރާނެއެވެ. އެ ދުޢާ އަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އޭނާޔަށް ހެޔޮ ނިމުމެއް މިންވަރު ކުރައްވާށިއެވެ.                        

ﷲ ސުބްހާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ  ކަމާމެދު ވިސްނައިލައްވާށެވެ. އެ މުސްކުޅި އަންހެން މީހާގެ އެ ދުޢާ އިޖާބަކުރައްވާ ހެޔޮ ގޮތުގާ އޭނާ މި ދުނިޔެ ދޫކޮށް ދިޔުމަށް މާތް ﷲ އޭނާއަށް މެދުވެރި ކުރެއްވި ގޮތް ވިސްނައިލައްވާށެވެ. ހަމަ ކަށަވަރުން މާތް ﷲއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މި ވާހަކައިން  އަޅުގަނޑު މެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ މީހަކަށް ރަނގަޅު ނިޔަތެއްގައި ހެޔޮ ކަމެއް ކޮއްދީފި މީހާއަށް މާތްﷲ އެ ކަމުގެ އަޖުރު ދެއްވާނެ ކަމެވެ. އަދި ދުޢާގެ ބާރުގަދަކަން ވެސް މި ވާހަކައިން އެނގެއެވެ. މި ކަހަލަ އަޖައިބު ކުރުވަނިވި އެތައް ޙަޤީޤަތެއް ފެންނަން ހާމަޔަށް އޮންނައިރު ވެސް މިފަދަ ކަންކަމާ ވިސްނާ މި ކަންކަމުން ޢިބުރަތް ހާސިލުކުރަނީ އަޅުގަނޑު މެންތެރޭން ކިތައް މީހުންތޯއެވެ. ވިސްނައިލާށެވެ! ފިކުރުހިންގައިލާށެވެ!                         

މާތްﷲ އަޅުގަނޑުމެން އެންމެންނަކީ ހެޔޮ ނިމުމަކުން ނިމިގެންދާ ބައެއްކަމުގައި ލައްވަވާނދޭވެ! އާމީން.                            

ހުސެންކޮ ކުރިން 3 މަސް

ވަރަށް އިބުރަތްތެރި އަސަރުން ފުރިގެންވާ ވާހަކައެއް. މިކަހަލަ ތަފާތު ވާހަކަތަކާއި ލިޔުންތައް ކުރިޔަށް އޮތް ތަނުގައި ވެސް ގެނެސްދޭނެ ކަމަށް އުންމީދު ކުރަން

Reply
... ކުރިން 3 މަސް

اللهم بارك .ވަރަށް ވެސް ޢިބުރަތްތެރި ވާހަކައެއް اللهم إني أسألك حسن الخاتمة

Reply