ސަލާންޖަހަމުން ދިޔަ ފަޤީރު އަމާނާތްތެރިޔާ

އަމާނާތްތެރިކަމަކީ އިންސާނުންގެ ތެރެއިން މާތް މީހުންގެ ކިބައިގައި ހުންނަ މަތިވެރި ޞިފައެކެވެ. ވަކިފަންތިއަކާއި ގިންތިއަކަށް އޮތް ކަމެއް ނޫނެވެ. މިއީ ސަލާންޖަހަން މަގުމަތީ އުޅުނު ފަޤީރެއްގެ އަމާނާތްތެރިކަން ފެނި ކިޔަވައިދޭން އުޅޭ ޓީޗަރަކު އަޖައިބުކުރުވި ޙަޤީޤީ ޙާދިސާއެކެވެ.

މެންދުރު ކުރީގެ މަސައްކަތް ނިންމާލުމަށްފަހު ޓީޗަރު ބޭންކަށް ދިޔައީ އޭނާ ދިރިއުޅޭގޭގެ ކަރަންޓު ބިލު ދައްކާށެވެ. ބޭންކާއި މާދުރުނޫން ހިސާބެއްގައި ކާރު ޕާރކު ކުރުމަށްފަހު ކާރުން ފޭބޭހައި ވެސް ނުވަނީސް ސަލާންޖަހާމީހަކު އައިސް އަތް ދިއްކޮއްލުމުން އޭނާއަށް 10 ރުޕީސްގެ ނޫޓެއް ދީފައި ޓީޗަރު އަވަސްވެގަތީ ބޭންކާ ދިމާއަށް ދިއުމަށެވެ. އެ ހިސާބަށް ދެވުނުއިރު ބެންކުގެ ބޭރުގައި ސަފުހަދައިގެން 15 ވަރަކަށް މީހުން ތިއްބެވެ. އެތަނުގައި މީހުން ގިނަކަމުން މާޔޫސްކަން ވެސް ލިބުނެވެ. އެއީ މެންދުރު ފަހު ކިޔަވައިދޭ ކިލާހަށް ގަޑި ޖެހި ދާނެތީއެވެ. ނުވަތަ ލަސްވުމުގެ ސަބަބުން ކިލާހަށް އެއްގޮތަކަށް ވެސް ނުދެވިދާނެތީއެވެ. ކޮރޯނާއިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭންކު ތެރެއަށް މީހުން ވައްދަނީ  ވަކި ޢަދަދަކަށެވެ. ނިކުންނަ ކޮންމެ މީހަކަށް މީހަކު އެތެރެއަށް ވަންދަމުން ދިޔައެވެ. މީހަކު ނިކުންނަނީ ވަރަށް ލަހުންނެވެ. އެހެންކަމުން ޓީޗަރުގެ އިންތިޒާރު ދިގުވެ ކިލާސް ގަޑި ފެށެންވާއިރަށް ނުދެވިދާނެ ކަމުގެ ބިރުބޮޑުވާން ފަށައިފިއެވެ. އަވަސް ކުރެވެން އޮތް ހުރިހާ ކަމެއް ޓީޗަރު ދިޔައީ ކުރަމުންނެވެ. 5000 ރުޕީސްގެ ނޫޓެއްނަގައި ބިލާއެކު ހިފައްޓައިގެން ހުރީ އެތެރެއަށް ވަދެވުމާ އެކު ކައުންޓަރަށް އަވަހަށް ފައިސާ ވެސް ދެވޭތޯއެވެ.

ކިލާސް ފެށެން 15 މިނެޓެއްހާއިރަށް ވަގުތު ކުޑަތަން ވީއިރު ވެސް ކިއުގައި ހުންނަންޖެހުނު ޓީޗަރަށް ވިސްނުނީ، ކިލާހާ ދިމާއަށް މި ވަގުތު މިސްރާބު ނުޖަހައިފިނަމަ ކުދިންގެ ކިޔެވުން ގެއްލޭނެ ކަމެވެ. އެހެންކަމުން ބިލުދެއްކުން ފަސްކޮށްލައި، ކިޔަވައިދޭ ތަނަށް ދިއުމުގެ ނިޔަތުގައި ކާރާ ދިމާއަށް ހިނގައިގަތެވެ. ވަރަށް ބާރު ދުވެއްޔެއްގައި ހިނގަންފެށި ޓީޗަރަށް ފެނުނީ އޭނާ އަތުން ފައިސާ ހޯދި ފަޤީރުމީހާ ބެންކާ ދިމާއިން ދުވާރުމަތީ އިށީނދެގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިންތަނެވެ. މާބޮޑު ސަމާލުކަމެއް ނުދީ އެދިޔަ ބާރުމިނުގައި ޓީޗަރު ދިޔައީ ޕާކިންގައި އޮތް ކާރާދިމާއަށް ނަޒަރު ހުސްކޮށްގެންނެވެ. ފަޤީރު މީހާ ހުރަސްކޮށް ދުވާރުމަތިން ކުޑަކޮށް ކުރިއަށް ދެވޭއިރަށް އޭނާ ގޮވާލިހެން ޓީޗަރަށް ހީވިއެވެ. އެހެނަސް އެއްވެސް ސަމާލުކަމެއް ނުދީ ދާތީވެ، ފަޤީރުމީހާ ތަންކޮޅެއް ބާރަށް ބުންޏެވެ. "އެއޮތީ ތިބާގެ ފައިސާ ވެއްޓިފައި!" ޓިޗަރު އެނބުރި ބަލައިލިއިރު އޭނާ އަތަށްލައިގެން އުޅުނު 5000ރުޕީސް އެއޮތީ ފަޤީރުމީހާގެ ކުރިމައްޗަށް ވެއްޓިފައެވެ. އޭނާ އެއްވެސް ބަހެއް ނުކިޔާ އެ ފައިސާ ފޮރުވި ނަމަވެސް އެނގޭނެ އެއްވެސް އިންސާނެއް ނުހުންނާނެވެ. ގެއާ ހަމައަށް ދެވެންދެން ޓީޗަރު ވެސް އޭގެމަތިން ހަނދާނެއް ނުވީހެވެ.

ފަޤީރު މީހާގެ މިކަންތަކަށް ޢަޖައިބުވެފައި ޓީޗަރަށް ހުއްޓުން އެރިއެވެ. ބުނާނެ ހަމަ އެކަށްޗެއް ވެސް ނޭނގިފައި އެ މީހާއާ ދިމާއަށް ބަލަހަށްޓައިގެން ޓީޗަރަށް ހުރެވުނެވެ. އެ ނޫޓަށް އިޝާރާތް ކުރަމުން ފަޤީރުމީހާ ހީލާފައި ބުނީ "އެ އޮތީ ދެންމެ ތިބާގެ އަތުން ވެއްޓުނު ފައިސާގެ ނޫޓެއް" އޭނާ އެނޫޓަކު އަތެއް ވެސް ނުލައެވެ. ޓީޗަރު އަމިއްލައަށް ފައިސާ ނަގައިގެން ދިޔައީއެވެ. ފަޤީރު މީހާގެ އަމާނާތްތެރިކަމާއިމެދު އަންތަރީސްވެ ޓީޗަރު ހިތަށް އަރަމުން ދިޔައެވެ. ފައިސާއަށް ބޭނުންޖެހިފައިވާ އެ މީހާ އަމަނާތް ތެރިކަމާއެކު ތިމަންނާއަށް ގޮވީ ކީއްވެބާއެވެ؟

ފަޤީރުކަމާ އެކު ސަލާންޖަހަން އުޅުނަސް އަމިއްލަ ނަފްސަށް އިޚްލާޞް ތެރިވާ މީހުންނަކީ އަމާނާތް ތެރިންނެވެ. އެ ޓީޗަރު ވެސް އޭނާގެ ދަރިވަރުންނާއި މެދު އަމާނާތްތެރިކަން އިސްކުރިއެވެ. އޭނާގެ ބޮލުގައި އެޅިފައިވާ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޒިންމާއަށް އަމާނާތްތެރިވުމަށް ޓަކައި އަމިއްލަ މަސްލަޙަތު ފަސްކުރިއެވެ. ރަނގަޅު މީހުންނަށް އަބަދުވެސް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެ ކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. އަމާނާތްތައް އޭގެ އަހުލުވެރިންނާއި ޙަވާލުކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. ﴿إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا﴾ ) سورة النساء :٥٨( މާނައީ:- "ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާނަމަ، عدلއަށް حكم ކުރުމަށްވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."