އަޔޫޝް 2

އަޔޫޝްގެ މަންމަ ރުޅިވެރިކަމާ އެކު ފޯނު ކަނޑައިލުމުން އޭނާގެ މުޅި ޙަޔާތް ފުނޑުފުނޑުވި ކަހަލައެވެ. އޭނާގެ ކުރިމަތީ ޤިޔާމަތް ޤާއިމް ވެއްޖެއެވެ. ދިރިހުއްޓަސް އަޔޫޝް އެހުރީ މަރުވެފައެވެ.

މަންމަގެ ހާލަކީ ވެސް އެއީއެވެ. ދެ ލޯފަދަ ލޯބިވާ ދަރިފުޅުގެ ފަރާތުން މި ލިބުނީ ދުވަހަކު ވެސް އޭނާގެ ޚިޔާލަށް ގެނެވިފައި ނުވާ ކަހަލަ ޚަބަރެކެވެ. މުޅި ދުނިޔެ ފަސާދަ ކުރުމުގެ އެންމެ ކުރީ ސަފުގައި ތިބޭ ޓެރަރިސްޓުންނާ އޭނާގެ ދަރިފުޅު ގުޅުނު ވާހަކައެވެ. ދެން އޭނާ ދިރި ހުއްޓާ ފެންނާނެ ކަމުގެ އުންމީދު އޮވެދާނެބާއޭ މަންމަގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ދަރިފުޅަށް މަގު އޮޅުވާލި ބަޔަކަށް ދުވަހަކު ވެސް މަޢާފު ނުކުރާނޭ ކަމަށް ހިތާހިތާ ބުނަމުން ދިޔައެވެ.

މަންމައާއި އަޔޫޝް މުޅި ދުވަސް ހޭދަކުރީ އެފަދަ ގޮތަކަށެވެ. އެރޭގެ ނިދިން ވެސް މަޙުރޫމުވެފަ އޭނާ އޮތީއެވެ. މާދަމާ ވެސް މަންމަ ނުގުޅައިފިއްޔާ ތިމަންނާއަށް ގުޅަން ނުކެރޭނެއޭ ހިތައި ހާސްވެ ފިކުރު ބޮޑުވެފައި އޮއްވައި ފަތިސްނަމާދު ބަންގި ގޮވައިފިއެވެ. އަނެއް ދުވަހުގެ މަސައްކަތުގައި އަޔޫޝްގެ އެއްވެސް ލޮނުހެޔޮވަރުކަމެއް ނެތެވެ. ރޭގައި ހިނގި ކަންތަކަށްފަހު އޭނާ އަށް ހަމަޖެހުމެއް ނާންނާތީއެވެ. މުޅި ދުވަސް ހޭދަވީ އެ ހިތާމައިގައެވެ.

އިރު އޮށްސުމުން އަޔޫޝަށް ވަރަށް ބޮޑަށް ރޮވެން ފަށައިފިއެވެ. ހިތްދަތިވެ ގިސްލެވޭހައި ވެއެވެ. މިއީ ކޮންމެ ދުވަހަކު ވެސް މަންމަ ގުޅާ ގަޑިއެވެ. އަޔޫޝް ފޯނަށް ބަލަހައްޓައިގެން އިނދެ ރޮނީއެވެ. ހަދާނެގޮތް ބޮޑުވެ އިރުއިރުކޮޅާ ފޯނު ނަގައެވެ. މަންމައަށް ގުޅާފައި މައާފަށް އެދޭނީއޭ ހިތަށް އަރައެވެ. އެހެނަސް ޑައިލް ކުރާކަށް ނުކެރެއެވެ. މަންމަ ރުޅި އައިސްފައި ހުރިކަން އިތުރަށް އެނގެން ބޭނުން ނުވާތީއެވެ. އަނެއްކާ ވެސް ފޯނު ބާއްވާފައި ރޮނީއެވެ.

މިކަހަލަ ގޮތަކަށް އިންދާ ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ މަންމައެވެ. އަޔޫޝް ވަރަށް އުފާވިއެވެ. ވަގުތުން ފޯނުނެގިއެވެ. މަންމަގެ ވާހަކަ ފެށީ އިއްޔެގެ ވާހަކަ ނިމުނު ރާގުގައެވެ. ރުޅިވެރިކަން އިންތިހާއެވެ. ދައްކަނީ މުސްލިމުންގެ ގޯސް ވާހަކައެވެ. ބުނެވެނީ އޭގެ ނުބައިކަމާ ސުންޕާކަން މަންމައަށް ކުރިމަތިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމެވެ. އެ ހުރިހާ ވާހަކަ އަކީ ވެސް މީޑިއާގެ ޚަބަރުތަކުން މަންމައަށް އެނގިފައިވާ ވާހަކަތަކެއް ކަމާއި އިސްލާމްދީނަކީ އެފަދަ އެއްވެސް ގޯސްކަމެއް ހިނގާ ދީނެއް ނޫންކަށް އަޔޫޝް އަށް އެނގެއެވެ. ތަޖުރިބާ ކުރެވިއްޖެއެވެ. އެހެންކަމުން އަޔޫޝް އަށް އިޚްތިޔާރު ކުރެވުނީ ކީރިތި ޤުރުއާނުގެ އަދަބެވެ. ﴿فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا﴾ ‎( سورة الإسراء:٢٣) މާނައީ: "އެ ދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

މަންމަ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނަން ބޭނުންވި ގޮތަކަށް ބުނަންދެން އަޔޫޝް އިނީ ހިމޭނުންނެވެ. މަންމަގެ އެ ރީތި އަޑު އެހުމުގެ އުފާ ލިބިގަންނާށެވެ. މަންމަ ގުޅިކަމާއި އަދި އެއަށްފަހު ނުގުޅާ ދުވަސްކޮޅެއް ހޭދަވުމަށްފަހު އަލުން އެދެމައިންގެ ގުޅުން ރަނގަޅުވިގޮތް ވެސް ޓްވީޓް ތަކުގައި އޭނާ ހިމެނިއެވެ.