އަޅުގަނޑުމެން މުސްލިމުން ކޮންމެ ދުވަހެއްގައި މަދުވެގެން ފަސް ނަމާދު ކުރަމުއެވެ. އަދި ސުންނަތް ނަމާދުތައް ކުރާނަމަ އެއަށް ވުރެ ގިނަވެގެންދެއެވެ. މިސާލަކަށް ރަވާތިބު ސުންނަތުގެ 12 ރަކުޢަތާއި، ޟުހާ ނަމާދާއި، ދަމު ނަމާދު، ވިތުރިފަދަ ނަމާދުތައްވެސް ކުރަމުއެވެ. ކޮންމެ ރަކުޢަތެއްގައި ދެ ސަޖިދަ ކުރާނެއެވެ.
ސަޖިދަ ކުރުމުގައި ބައެއްފަހަރު އަބަދު އެއް ދުޢާ ކިޔައި ކިޔައި ފޫހިވުން ނުވަތަ އެއްގޯސް ވުން ނުވަތަ އެކަމަށް މާބޮޑު ފަރުވާލެއް ނުދެވޭ ހިސާބަށް ދެއެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކައި ދެ ކަމެއް ކޮށްލެވިދާނެއެވެ. އެއް ގޮތަކީ ސަޖިދައިގައި ކިޔާ ދުޢާގެ މާނަ ދަސްކޮށްލުމެވެ. ދެވަނަ ކަމަކީ ސަޖިދައިގައި ކިޔުމަށް ވާރިދުވެގެން އައިސްފައިވާ އެހެން ދުޢާ އެއް ކިޔައި ދުޢާ ތަފާތު ކޮށްލުމެވެ.
ސަޖިދައިގައި ކިޔުމަށް ވާރިދުވެ އައިސްފައިވަނީ އެންމެ ދުޢާ އެއް ނޫނެވެ. އެތައް ދުޢާއެއް ވާރިދުވެގެން ބަޔާންވެ އައިސްފައި އެބަ ހުއްޓެވެ. އޭގެން ދެތިން ދުޢާ ދަސްކޮށްލައި އެކި ފަހަރު އެކި ދުޢާ ކިޔާލުމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެހީވެދޭނެ ކަމެކެވެ.
ނަމާދުގައި ސަޖިދަކުރުމަކީ އަޅުގަނޑުމެން އަބަދުމެ ކުރާ ކަމަކަށް ވުމުން، އާދައަކަށް ވެގެންގޮސް އޭގައި ކިޔޭ ނުކިޔޭ ނުވިސްނި ދެން ހަމަކޮށްލާ ކަމެއްގެ ގޮތުގައި ސަޖިދަ ނަހަދަމާތޯ އެވެ؟ ރަސޫލާ ﷺ ގެ އަރިހުން އަޅުގަނޑުމެންނަށް ސަޖިދައިގައި ކިޔުމަށް ވާރިދުވެގެން އައިސްފައިވާ ބައެއް ދުޢާތައް އަޅުގަނޑު މި ލިޔުމުގައި ހިމަނާލާނަމެވެ.
· سُبْـحانَ رَبِّـيَ الأَعْلـى (އަބޫ ދާވޫދު 871)
މާނައީ: "މި އަޅާ ހައްދަވައި ބޮޑުކުރެއްވި، މަތިވެރި އިލާހުގެ ހުސްޠާހިރު ވަންތަކަމާއެވެ!"
މިހެން ތިން ފަހަރު ކިޔުން ނުވަތަ އޮނަހިރި އަދަދަކަށް ތިންފަހަރަށްވުރެވެސް ގިނައިން ކިޔުން ވާރިދުވެގެން އައިސްފައިވެެއެވެ. މީގެ މާނަ ދަސްކޮށްލާށެވެ. މިއީ އަޅުގަނޑުމެން ގިނަ މީހުން އަބަދުވެސް ކިޔައި އުޅޭ ދުޢާއެވެ.
· سُبـّوحٌ قُـدّوس، رَبُّ الملائِكَـةِ وَالـرُّوح (މުސްލިމް 533/1)
މާނައީ: "އެކަލާނގެއީ ހުރިހާ އުނިސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ އިލާހެވެ. ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އެކަލާނގެއީ މަލާއިކުތުންނާއި، ޖިބްރީލުގެ ވެރި އިލާހެވެ."
· اللّهُـمَّ اغْفِـرْ لي ذَنْـبي كُلَّـه ، دِقَّـهُ وَجِلَّـه ، وَأَوَّلَـهُ وَآخِـرَه وَعَلانِيَّتَـهُ وَسِـرَّه (މުސްލިމް 483 (350/1))
މާނައީ: "އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! މި އަޅާގެ ހުރިހާ ފާފައެއް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތިފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާވެގެންވާ ފާފައެވެ."
· اللّهُـمَّ إِنِّـي أَعـوذُ بِرِضـاكَ مِنْ سَخَطِـك ، وَبِمعـافاتِـكَ مِنْ عُقوبَـتِك ، وَأَعـوذُ بِكَ مِنْـك ، لا أُحْصـي ثَنـاءً عَلَـيْك ، أَنْـتَ كَمـا أَثْنَـيْتَ عَلـى نَفْسـِك (މުސްލިމް 486 (352/1))
މާނައީ: "އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން މި އަޅާ އިބަ ﷲ ގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް، އިބަ ﷲ ގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޢަފޫކުރެއްވުމުގެ ސިފަފުޅު މެދުވެރިކޮށް، އިބަ ﷲ ގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ. އިބަ ﷲ އަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މި އަޅާއަށް އަދަދުނުކުރުވޭހައި ގިނައެވެ. އިބަ ﷲ އީ އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ އިލާހެވެ."
އަދި މި ނޫނަސް ބައެއް އިތުރު ދުޢާތަށް އައިސްފައިވެއެވެ. މީގެން ދުޢާއެއް ނުވަތަ މި ދުޢާތައް ދަސްކޮށްލައިގެން ތިބާގެ ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރު ކުރުމަށް މަސައްކަތް ކޮށްލައްވާށެވެ.