ތެދުމަގަށް ގޮވައިލުމާއި އެ ކަމަށް މަސައްކަތް ކުރުމަކީ ފުރިހަމަ މުއުމިނުންގެ ސިފައެކެވެ. ހަމަ އެހެންމެ އިޖްތިމާޢީ ޒިންމާއެއް ކަމުގައި މުންކަރާތް ނަހީކުރުން ހިމެނެއެވެ. މުޖްތަމަޢެއްގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވަން މަސައްކަތްކުރުމީ، މުސްލިމުންގެ މައްޗަށް ﷲ ފަރުޟުކުރައްވާފައި ވާ ކަމެކެވެ. އެ މީހަކު ދިރިއުޅޭ މުޖްތަމަޢެއްގައި އެ މީހަކަށް ވީ ވަރަކުން މުންކަރާތް ހުއްޓުވަން މަސައްކަތް ކުރަންވާނެއެވެ.
މުޖުތަމަޢުތަކުގައި ހިނގާ ނޭދެވޭ ކޮންމެ ޢަމަލެއް ހުއްޓުވުމުގައި ގެންގުޅެންވީ މިންގަނޑެއް މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. "مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَـمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَـمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ" (رواه مسلم) މާނައީ:- "ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެއްޔާ އެ ކަމެއް އޭނާގެ އަތުން ހުއްޓުވާށެވެ. އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ އޭނާގެ ދުލުން އެ ނުބައިކަމެއް މަނާކުރާށެވެ. އެ ވަރުވެސް ނުކުރެވޭ މީހާ، ޢޭނާގެ ހިތުން އެކަމަށް އިންކާރުކުރާށެވެ! އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ".
ތިމާ ދިރިއުޅޭ މުޖްތަމަޢުގައި ހިނގާ މުންކަރާތްތަކާއި ހަޑި ހުތުރު ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރަން ޖެހެނީ ކީއްވެގެން ކަމާ މެދު ވިސަނައިލިންހެއްޔެވެ؟ އެއީ އެފަދަ މީހުންގެ ނުބައިކަމުން އެ މުޖްތަމަޢު ސަލާމަތް ކުރުމަށް ޓަކައެވެ. ހަމަ އެހެންމެ އެފަދަ ކަންތައް ކުރާ މީހުން ގޯސް މަގުން ދިޔަ ނުދީ ސަލާމަތް ކުރުމަށް ޓަކައެވެ. އެ މީހުން ތެދުމަގަށް ގެނެވޭތޯއެވެ. މުންކަރާތް ނަހީ ނުކުރެވެންޏާ މުޅި މުޖްތަމަޢު މަޑުމަޑުން ފަސާދަވަމުން ގޮސް ހިނގައިދާނެތީއެވެ. މި ކަމަށް އިޝާރާތް ކުރައްވައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އިސްލާމްދީނުގެ ޙައްދުތަކުގެ މަތީގައި ޤާއިމުވެހުރެ، ހެޔޮކަންކަމަށް އަމުރުކުރުން މަތީ ދެމިހުންނަ މީހާއާ، ދީނުގެ އިންތައް ފަހަނައަޅައިގޮސް މުންކަރާތްތަކަށް އަރައިގަންނަ މީހާއާ، މި ދެ މީހުންގެ މިސާލަކީ، ނަވެއްގައި ދަތުރު ކޮށްފައި ދިޔަ ބައެއްގެ މިސާލެވެ. އެމީހުންގެ އެއްބަޔަކަށް ޖެހުނީ ނަވުގެ ވަތަށް ފައިބާށެވެ. ވަތަށް ފައިބާނެ މީހުން ކަނޑައެޅީ ގުރުއަތުނަގައިގެންނެވެ. އަނެއްބަޔަކު ތިބީ މަތީގައެވެ. އަޑީގައި ތިބިމީހުން ފެން ބޭނުންވާ ކޮންމެ ފަހަރަކު ޖެހެނީ މަތީގައި ތިބިމީހުންގެ ތެރެއިންލާފައި ފެން ހުރި ހިސާބަށް ދާށެވެ. ކޮންމެ ފަހަރަކު މިހެން މިކަން ކުރުމަކީ މަތީގައި ތިބި މީހުންނަށް އުނދަގޫވާނެ ކަމެއް ކަމުގައި މި މީހުންނަށް ހީވާން ފަށައިފިއެވެ. އެ އުނދަގޫ މަތީގައި ތިބި މީހުންނަށް ނުކުރާންވެގެން، އަޑީގައިތިބި މީހުން މަޝްވަރާއެއްކުރިއެވެ. މަތީގައި ތިބި މީހުންނަށް އަބަދު މި ގޮތަށް އުނދަގޫކުރުމުގެ ބަދަލުގައި، އަހުރެމެން މިތިބަ ހިސާބުގައި ނަވުގެ ވަތުގައި ލޯވަޅެއް އަޅައިގެން ފެންނެގިއްޔާ މާރަނގަޅު ވާނެއެވެ ދެން ފަހެ ދަންނާށެވެ! އެބައިމީހުން މަޝްވަރާކުރިފަދައިން ނަވުގެ ވަތުގައި ލޯވަޅެއް އަޅަން ދޫކޮސްލައިފިއްޔާ މަތީގައި ތިބިމީހުންނާ އެކު އެ ދެބައިމީހުން ކަނޑަށް ޣަރަޤުވެ ހިނގައިދާނެއެވެ. ނަމަވެސް، އެ ޢަމަލު ހިންގިޔަނުދީ އެބައިމީހުންގެ އަތުގައި ހިފައި، އެ ކަން ހުއްޓުވިއްޖެއްޔާ ތިރީގައި ތިބި މީހުން ސަލާމަތްވީއެވެ. އަދި މަތީގައި ތިބި މީހުން ވެސް ސަލާމަތްވީއެވެ." (رواه البخاري)
އެއްވެސް މުޖްތަމަޢެއްގައި ފާޙިޝް ކަންތައް އާންމުވެ ފެތުރި ދިޔުމަކީ އެ މުޖްތަމަޢެއްގައި ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަން ފެތުރެން މެދުވެރިވެދާ ސަބަބެކެވެ. ޒިނޭކުރުން ގިނަވަންޏާ މީހުންމެރުން ގިނަވެއެވެ. ވައްކަންކުރުން ގިނަވަންޏާ އަމާންކަން ފިލައިދެއެވެ. އަޅުގަނޑުމެންގެ އަތްތަކުން މުންކަރާތްތައް ނަހީ ނުކުރަންޏާ، ނިކަމެތި ކަމާ ކުރިމަތިލާން ޖެހިދާނެއެވެ. އަތުން މަނާކުރެވޭ މީހުން އަތުން މަނާކުރާށެވެ. އެވަރު ނުވަންޏާ ދުލުން މަނާކުރާށެވެ. އެވަރު ވެސް ނުވަންޏާ ހިތުން މުންކަރާތަށް ނުރުހޭށެވެ!
ދީން
ދީން
ދީން
ދީން