ހަޤީޤަތުގައި އަޅުގަނޑުމެން މީހަކު ދެކެ ލޯބިވަންޏާ ލޯބިވާންޖެހެނީ ﷲ އަށްޓަކައެވެ. އެކަމަކު ﷲ އަށްޓަކައި މީހަކު ދެކެ ލޯބިވާނީ ކިހިނެއްކަން އިނގެނީ ކިތައް މީހުންނަށްތޯއެވެ؟ ﷲ އަށްޓަކައި ލޯބިވުމަށް ކުރެވިދާނެ ހަތަރު ކަމަކަށް ބަލާލަމާ ހިންގަވާށެވެ.
1. އަނެކާގެ ކުށަށް ނުވަތަ ކުށްތަކަށް ޢުޒުރު ހޯދައިދޭށެވެ.
އަޅުގަނޑުމެނަށް އަމިއްލައަށް ހެދޭ ކުށްތަކާއި އަތުން ކައްސާލައިފައިވާ ކަންތައްތަކާއި މެދު ވިސްނާލާށެވެ. ކިތައް ފަހަރު ކުށެއް ކުރެވިފައިވޭތޯ ވިސްނާލާށެވެ. އަދި އެހެން މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ހެޔޮކޮށް ހިތުމަށް އެދެވޭ އެދުމާއި ކުށެއް ކުރެވޭ ފަހަރުގައި އެމީހުންގެ ފަރާތުން މާފު ވަގުތުން ލިބުމަށް އަޅުގަނޑުމެން ބޭނުންވެއެވެ. މިއީ އަމިއްލަ ހާލު ކަމުގައިވާއިރު އެހެން މީހުންނަށް ވީ އެންމެ އަވަހަކަށް މާފުކުރާ މީހަކު ކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ. މީހެއްގެ ފުށުން ފެންނަ ކުށްތަކަށް ނުބަލައި އެމީހެއްގެ ގައިގާ ހުންނަ ހެޔޮ ރަނގަޅު ސިފަތައް ބަލައިގަންނަމާތޯއެވެ. ހެޔޮ ނިޔަތާއި ދުޢާއާއި އެކު ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ހިތުން އެހެން މީހުންނާ މެދު އޮންނަ ނުބައި ހީކުރުންތައް އަދި އެހެން މީހުންގެ ނުބައި ސިފަތަކަށް އަޅާނުލައި ދޫކޮށްލުމުގެ ތައުފީޤު ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ ﴿٢٠١﴾ (سورة الأعراف) މާނައީ: "ހަމަކަށަވަރުން، ތަޤުވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (ﷲ) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ."
މީހެއްގެ ފަރާތުން ތިބާ ނުރުހޭ ކަމެއް ފެނިއްޖެނަމަ އަދި ހިތްހަމަ ނުޖެހިއްޖެނަމަ އަވަހަށް ﷲ ގެ ޙަޟްރަތުން އެކަމުން ރައްކާތެރިކަމަށް އެދޭށެވެ. ޝައިޠާނާގެ ވަސްވާހުން ދުރުކޮށްދިނުމަށް އެދޭށެވެ. އަދި ތައުބާވެ ތެދުމަގު ދެއްކުވުމަށް ދުޢާކުރާށެވެ.
2. ސަލާންކުރުން ގިނަކުރާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމާ ހަމައަށް، އީމާންވީ ކަމުގައި ނުވެއެވެ. އެކަމެއް ކުރުމުގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭ ކަމަކަށް ތިމަންކަލޭގޭފާނު، ތިޔަބައިމީހުންނަށް މަގުނުދައްކަވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާން ފަތުރާށެވެ.”
މި ޒަމާނުގައި ނުދަންނަ މީހުން ކީއްކުރަން ދައްނަ މީހުނަށްވެސް ސަލާމް ގޮވާލުމަކީ ލަދުވެތިކަމަށް މިވަނީ ވެފައެވެ. އެހެންނަމަވެސް ސަލާމްކުރުމަކީ ތިބާގެ އަޚާގެ މައްޗަށް ސަލާމަތްތެރިކަމަށް އެދި ދުޢާ ކުރުމެވެ. ސިކުންތުކޮޅަކުން މިކަންކޮށްލެވޭއިރު މިއީ ލަދުގަންނަން ޖެހޭފަދަ ކަމެއް ނޫނެވެ. ﷲ ޤުރުއާނުގައި ވަޙީކުރައްވައިފައިވާ މި ވަޙީ ބަސްފުޅު ހަނދާންކުރާށެވެ. ا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾ إِلَّا قِيلًا سَلَامًا سَلَامًا ﴿٢٦﴾ (سورة الواقعة) މާނައީ: " ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ." ﴿٢٥﴾" އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުށްޓޭ، ސަލާމް ހުށްޓޭ، ބުނެވޭ އަޑެވެ."﴿٢٦﴾
ސުވަރުގޭގައި އެކަކު އެނަކަށް ސަލާންގޮވާ މީހުންގެ ތެރެއިން ވުމަށް އަޅުގަނޑުމެން ނޭދެމުތޯ؟
3. އެމީހަކު ނެތް ތަނެއްގައި އެމީހެއްގެ މައްޗަށް ދުޢާ ކުރާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިބާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮކަން ތިބާގެ އަޚާއާ މެދުވެސް އެދިއްޖައުމަށް ދާންދެން ތިބަޔަބައިމީހުން އީމާންވީކަމުގައި ނުވެއެވެ." (ޞަޙީޙް މުސްލިމް)
މިފަދަ ގޮތަކަށް ތިބާގެ އަޚާއާ މެދު ވިސްނުން ގެންގުޅޭނީ ކިހިނެއްތޯއެވެ؟ އެންމެ ފަސޭހަގޮތަކީ ތިބާގެ އަޚާ ނެތް ތަނުގައި އޭނާގެ މައްޗަށް ހެޔޮ ދުޢާ ކުރުމެވެ. މީގެ ސަބަބުން ތިބާގެ ހިތުގައި އެނަކާއާއި މެދު ހަޤީޤީ ސާފު ލޯބި އުފެދިގެން ދާނެއެވެ. އަދި އެހެން މީހުންގެ ޙާލަތާއި އެހެން މީހުން ބޭނުންވާ ކަންކަމާއި ޙާޖަތަށް ޖެހިފައިވާ ކަންކަން ދެނެގަނެވޭތޯ ބަލާށެވެ. އެއިރުން ތިބާގެ އަޚާ މިވެނި އެވެނި ގޮތަކަށް އުޅެނީ ކީއްވެކަމާއި އޭނާގެ މައްޗަށް ތިބާ ކޮށްދޭންވީ ކޮން ދުޢާއެއްކަން ދެނެގަނެވުން އެކަށީގެންވެއެވެ.
4. އެނަކާދެކެ ތިބާ ލޯބިވާކަން އޭނާ ގާތު ބުނާށެވެ.
ގިނަ ފަހަރު އަޅުގަނޑުމެން މީހަކު ދެކެ ލޯބިވީކަމުގައި ވިޔަސް އެވާހަކަ އެމީހެއްގެ ގާތު އަނގަބަހުން ނުބުނަމުއެވެ. އެކަމަކު މިއީ އެގޮތަށް އެކަން ކުރުމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައިވާ ހެޔޮ ޢަމަލެކެވެ. އަނަސް ބްނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން އައިސްފައިވާ ހަދީޘްބަސްފުޅެއްގެ މާނައިގާވެއެވެ. ރަސޫލާ ﷺ އަރިހުގައި މީހަކުވަނިކޮށް އެތަނުން އެހެން މީހަކު ހުރަސްކޮށްފައި ދިޔައެވެ.
ރަސޫލާ ﷺ އަރިހުގައި ހުރި މީހާ އެކަލޭގެފާނު ގާތު ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. އެދިޔަ މީހާ ދެކެ ތިމަން ލޯބިވަމުއެވެ. ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. އެމީހާ ގާތު އެވާހަކަ ބުނީމު ތޯއެވެ؟ އަދި އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން ރަސޫލާ ﷺ ހާދީޘްކުރެއްވިއެވެ. އޭނާ ގާތު ބުނާށެވެ. ދެން އެމީހާ އަނެއް މީހާ ފަހަތުން ގޮސް އަރާ ހަމަ ކުރުމަށްފަހު ބުންޏެވެ. އަހުރެން ﷲ އަށްޓަކައި ތިބާ ދެކެ ލޯބިވަމުއެވެ. ދެން އަނެއް މީހާ ރައްދުގައި ބުންޏެވެ. ތިބާ އަހަރެންދެކެ ﷲ އަށްޓަކައި ލޯބިވާ ފަދައިން ތިބާ ދެކެ ﷲ ލޯބިވޮޑިގަންނަވާނދޭވެ! (ސުނަން އަބީ ދާވޫދު)
ވީމާ ތިބާގެ އަނބިމީހާ އަށާއި، ދަރިންނަށާއި، މައިންބަފައިންނަށާއި އަޚުންނާއި އުޚުތުން ގާތު ލޯބިވާ ވާހަކަ ބުނާށެވެ. މިހެން ލޯބިން ބުނެލާ ކުޑަ ކުޑަ އެއްޗަކުން ހިތްތަކުގައި ލޯބި އިތުރު ވެގެންދާނެއެވެ. އަދި ﷲ ގެ ޙަޟްރަތުގައްޔާއީ މީސްތަކުންގެ މެދުގައި މީހުންދެކެ ލޯބިވާ މީހެއްގެ ގޮތުގައި ތިބާ ވެގެންދާނެއެވެ.