ޒިންމާދާރު މުސްލިމެއްގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގައިވާ ކަންތައްތައް ދަސްކުރުމެވެ.
މުސްލިމަކު އޭނާ ދީނުގެ މަތީ ސާބިތުވުމަށް މަސައްކަތްކުރާނަމަ އޭނާގެ ދީން ރަނގަޅަށް ދެނެގަނެ ފަހުމްވުމާއި، އޭނާގެ ޢަމަލުތައް އެތެރެއިންނާއި ބޭރުފުށުން އިޙްލާސްތެރިކަމާއި އެކު ﷲ އަށް ޚާލިޞްކުރަން ދަސްކުރުމާއި އަދި ޝަހާދަތުގެ ދެކަލިމައިގެ މާނަ ރަނގަޅަށް ދަސްކުރުމަކީ އޭނާއަށް ލާޒިމްވެގެންވާ ކަމެކެވެ. ﷲ އެއްކައުވަންތަކަމާއި، އެކަލާނގެއަށް އިޙްލާސްތެރިވުމާއި އަދި އަޅުކަންތައް ހަމައެކަނި އެކަލާނގެއަށް ޙާލިޞްކުރުން، މި ކަންކަން ޤަބޫލުކުރުމަކީ ހައްޤު މަގެވެ. މިއީ އިސްލާމްދީނުގެ އަސްލެވެ. އަދި ބިންގާއެވެ.
ތައުހީދުގެ ޢިލްމަކީ ހުރިހާ ރުކުންތަކެއްގެ ބިންގާއެވެ. އިސްލާމްދީނުގެ ބިންގާ ކުރިންވެސް ފާހަކުރި ފަދައިން އެއީ ﷲ މެނުވީ އަޅުކަންކުރުން ހައްގުވެގެންވާ އެއްވެސް އިލާހަކު ނުވާކަމާއި މުހައްމަދުގެފާނީ ﷲގެ ރަސޫލާކަން ގަބޫލުކުރުމެވެ. ތިބާގެ މައްޗަށް މުސްލިމަކަށްވީތީ އެނގެން ވާޖިބުވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ މިއީއެވެ. އަދި މިއީ ރަސޫލުން އެންމެ ފުރަތަމަ ގޮވާލެއްވި ގޮވާލެއްވުމެވެ. އަދި ރަސޫލާ ﷺ ވެސް ގޮވާލެއްވި ކަންތައް ނުވަތަ ގެނެސްދެއްވި ރިސާލަތެވެ. އެކަލޭގެފާނުގެ ޒަމާނުގައި އުޅުން މީހުންނަށްވެސް އެކަލޭގެފާނު ގޮވާލައްވާ ދަސްކޮށްދެއްވީ އެބައިމީހުން އަޅުކަންކުރަމުން ގެންދިޔަ ބުދުތައް ދޫކޮށްލާ އެއްކައުވަންތަ ﷲ އަށް އަޅުކަން ޚާލިޞްކުރުމަށެވެ.
މިއީ ހުރިހާ ރަސޫލުބޭކަލުންވެސް އެންމެ ފުރަތަމަ ގޮވާލެއްވި ކަންތަކެވެ. އަދި ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ﷲ އަށް އެކަނި އަޅުކަންކުރުމާއި ތިބާގެ ހުރިހާ ޢަމަލެއް ހަމައެކަނި އެކަލާނގެއަށްޓަކައި ކުރުމެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ (ސޫރަތް: މުހައްމަދު 47:19)
މާނައީ: "ފަހެ ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!..."
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شيئًا وَبِالْوَالِدَيْنِ إِحْسَانًا (ސޫރަތް:ނިސާ 4:36)
މާނައީ: "ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ!އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. (އިހްސާންތެރިވާށެވެ)..."
އަދިވެސް ﷲ ވަހީކުރައްވާފައިވެއެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (ސޫރަތް: ނަހްލް 16:36)
މާނައީ: "ހަމަކަށަވަރުން، ތިމަން އިލާހުގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާއި(ތާޣޫތުތަކުން) ދުރުހެލިވުމަށް އެންގެވުމަށެވެ..."
ތައުހީދަކީ ދީނުގެ ބިންގާ އަދި ރުކުނެވެ. އިސްލާމްދީނުގެ ރުކުނަކާއި މީހަކު ހިލާފުވެއްޖެނަމަ އެންމެ ފުރުތަމަ ގޮވާލަންޖެހޭނީ ތައުހީދު ގާއިމުކުރުމަށެވެ.
އިބްން ޢައްބާސްގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނައިގައިވެއެވެ.
"މުޢާޒްގެފާނު ޔަމަނަށް ފޮނުއްވާ ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. ﷲ މެނުވީ އަޅުކަންކުރުން ހައްގު އެހެން ފަރާތެއް ނުވާކަމަށް ހެކިވުމަށާއި ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުމަށް އެބައިމީހުންނަށް ދަޢުވަތު ދޭށެވެ. އަދި އެބައިމީހުން ތިބާއާއި ތަބާވެއްޖެނަމަ ފަސް ނަމާދު ރެއާއި ދުވާލު (24 ގަޑިއިރު ތެރޭގައި) ކުރުމަށް ﷲ ކަނޑައަޅުއްވާފައިވާކަން ދަސްކޮށްދެއްވާށެވެ. އަދި އެކަމަށް އެބައިމީހުން ތަބާވެއްޖެނަމަ އެބައިމީހުންގެ މުދަލުން ޒަކާތް ނެގުމަށާއި އެބައިމީހުންގެ ތެރެއިން މުއްސަދިންގެ އަތުން ޒަކާތް ނަގައި ފަޤީރުންނަށް ބެހުމަށް ﷲ ޝަރުޢުކުރެއްވިކަން (ވާޖިބުކުރެއްވިކަން) ދަސްކޮށްދެއްވާށެވެ."
(ޞަޙީޙް ބުޚާރީ 1395)
ޢިލްމުވެރިންވަނީ ޝަހާދަތުގެ ދެކަލިމަ އުނގެނުމަކީ މުސްލިމެއްގެ މައްޗަށް އޮތް އެންމެ ފުރަތަމަ ވާޖިބުކަމަށް އިއްތިފާގެވެވަޑައިގެންފައެވެ.
އިމާމް އިބްން ޢަޒީޒް ލިޔުއްވާފައިވެއެވެ.
"ތައުހީދު، އެއްކައުވަންތަކުރުމަކީ ކަންކަމުގެ ފެށުމާއި ނިމުމެވެ. މީގެން ދޭހަވާ މާނައަކީ ﷲ އެއްކައުވަންތަކަން ގަބޫލުކުރުމެވެ. އެކަލާންގެ އެއްކައުވަންތަކުރުން ތިން ބަޔަކަށް ބެހެއެވެ. ފުރަތަމަ ކަމަކީ އެކަލާންގެ ޒާތުފުޅަށް ނިސްބަތްވާ ސިފަފުޅުތަކާއި(އަސްމާ ވައްޞިފާތު) ގުޅުންހުރިކަންކަމެވެ. ދެވަނައީ، އެކަލާނގެ އުލޫހިއްޔަތެވެ. މާނައަކީ ، އަޅުކަންކުރަން ޖެހޭނީ ހަމައެކަނި ﷲ އަށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް ޝަރީކަކު މެދުވެރި ނުކުރެވޭނެކަމެވެ. ތިންވަނައީ، އެކަލާނގެ ރުބޫބިއްޔަތެވެ. "މާނައަކީ ހުރިހާ ތަކެއްޗެއް ހަލްގުކޮށް އުފެއްދެވީ ހަމައެކަނި އެކަލާނގެއެވެ.