އަޅުކަންތަކަކީ އިޚްލާޞްތެރިކަމާއެކު ކުރުމުން މެނުވީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ކަމެއް ނޫނެވެ. ތިމާގެ އަޅުކަންތަކާއި ޢަމަލުތައް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޚާލިޞްކުރަން ޖެހެއެވެ. އެއީ އެ ޢަމަލު ޤަބޫލުވުމުގެ ޝަރުތެކެވެ. މިކަމަށް ހިތްވަރު ލިބޭ ބައެއް ޢަމަލުތައް ކުރީގެ ޢިލްމުވެރިން އަދި ޞާލިޙް ބޭކަލުންގެ އަރިހުން ފެންނާން އެބަހުއްޓެވެ. އޭގެން ދެތިން ބޭކަލެއްގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ.
· ޤާޟީ ޝުރައިޙް
ޤާޟީ ޝުރައިޙް އެކަނި ވަޤުތު ހޭދަކުރެއްވުމަށް ވަކިން ތަނެއް (ގެއެއް) ގެންގުޅުއްވިކަމަށް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު އެ ތަނުގައި އެކަނި އިންނަވާކަމަށް ވެއެވެ. އަދި އެތަނުގައި ކުރައްވާ ޢަމަލުތައް(އަޅުކަންތައް) އެހެން އެއްވެސް މީހަކަށް ނޭނގެއެވެ.
· އަބޫ އަލް ޢާލިޔާ
އަބޫ އަލް ޢަލިޔާ ވިދާޅުވަފައިވެއެވެ. "އަހުރެން ލިޔުމަށާއި އަދި ޤުރުއާން ދަސްކުރީ ތިމަންނާގެ ޢާއިލާއަށް ނޭނގޭ ގޮތަށެވެ. އަދި ތިމަންނާގެ ހެދުމުން (ފޭރާމުން) ދުވަހަކުވެސް ގަލަމުދެލި ފެނިފައި ނުވާނެއެވެ."
· އިބްން އަބީ ލައިލާ
އެބޭފުޅާގެ ގެކޮޅަށް ރޭގަނޑު މީހަކު ވަދެއްޖެނަމަ، އެނދުގައި އޮށޯވެ ނިދާކަމަށް ހައްދަވައެވެ. (އެއީ ރޭ އަޅުކަންފަދަ އަޅުކަންތައްތައް ކުރާކަން އެހެން މީހުންނަށް ސިއްރު ކުރުމަށްޓަކައެވެ.)
· އައްޔޫބު އައްސަޚްތިޔާނީ
އެބޭފުޅާ ކޮންމެ ރެޔަކު މުޅި ރޭ އެއްކޮށް ރޭ އަޅުކަމުގައި ހޭދަކުރައްވަވައެވެ. ނަމަވެސް އެކަން ފޮރުވައެވެ. ހެނދުނުގެ ވަޤުތު އައުމުން ހަމަ ދެންމެއަކު ހޭލި މީހެއް ފަދައިން އަޑު (މޯޅިޔަށް ދެމިލައި ވަޤުތު ބައެއް މީހުން އަޑު ލައްވާލައި ފަދައިން) ގެންގުޅުއްވައެވެ.
· ދާވޫދު ބިން އަބީ ހިންދު
އެބޭފުޅާގެ ޢާއިލާއަށް ނޭނގޭ ގޮތަށް 40 އަހަރު ވަންދެން ރޯދަ ހިއްޕެވިކަމަށް ވެއެވެ. އެބޭފުޅާގެ މެންދުރު ކެއުން ގެއިން ބޭރަށް ހިއްޕަވައިގެން ގޮސް މަގުމަތީގައި ތިބޭ (ޙާޖަތަށް ޖެހިފައި) މީހުންނަށް ދެއްވައެވެ.
މިއީ ބައެއް ޞާލިޙް އަޅުވެރި ބޭފުޅުންގެ ޢަމަލުފުޅުތައް ހުރި ގޮތެވެ. ސިއްރުން އަޅުކަން ކުރެއްވުމަށް އެބޭފުޅުން ލޯބި ކުރެއްވިއެވެ. އަޅުގަނޑުމެންވެސް އަޅުކަމުގައި އިޅްލާޞްތެރިކަން އިތުރު ކުރުމަށްޓަކައި މިފަދަ ބޭފުޅުންގެ ފަރާތުން ޢިބްރަތް ހާސިލުކުރަމާ ހިންގަވާށެވެ. ދުޢާއަކީ އަޅުގަނޑުމެންނަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމުގެ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމެވެ.