ޒިނޭގެ ޢަމަލު ހިންގެވުމަށްވުރެ ޖަލުގައި ހައްޔަރުވުން މާ ރަނގަޅެވެ.

16 ގަޑިއިރު ކުރިން
|
0

قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ (سورة يوسف: 33)

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.

ތަފްސީރުގައި ވަނީ: ޔޫސުފު عليه السلام އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގަތެވެ. އަދި މަޑުމޮޅިކަމާއި، ޚުޝޫޢަތްތެރިކަމާއެކު އެކަލާނގެއަށް ދަންނަވާން ފެށްޓެވިއެވެ. މިއަޅާގެ ވެރިރަސްކަލާކޮ! އެ އަންހެނުންނާއެކު ޒިނޭގެ ޢަމަލު ހިންގެވުމަށްވުރެ ޖަލުގައި ހައްޔަރުވެ ހުންނެވުންވެސް މިއަޅާއަށް ލޮބުވެތިކަން ބޮޑެވެ. އިބަރަސްކަލާނގެ އެބައިމީހުންގެ ނުބައިކަން މިއަޅާއާއި ދުރުކުރައްވައި، އެބައިމީހުންގެ ކިބައިން މިއަޅާ ރައްކާތެރި ނުކުރައްވައިފިނަމަ، އިންސާނީ ޠަބީޢަތާ އެއްގޮތަށް މިއަޅާ އެބައިމީހުންގެ ފަރާތަށް ލެނބިދާނެއެވެ. އަދި ހުތުރު މުންކަރާތްތަކަށް އަރައިގަންނަ މޮޔައިންގެ ތެރެއިން މިއަޅާ ވެދާނެއެވެ. އެކަލޭގެފާނަށް ފާޙިޝް ޢަމަލަށް ގޮވައިލުން އެކަލޭގެފާނު ނިސްބަތްކުރެއްވީ އެހުރިހާ އަންހެނުންނަށެވެ. އެހެންކަމުން، އެކަލޭގެފާނު ދުޢާކުރެއްވި އިރު ދެންނެވީ ﴿يَدْعُونَنِىٓ إِلَيْهِ﴾ (އެބައިމީހުން މިއަޅާއަށް އެކަމަކަށް ގޮވައިލާ ކަމަށްވުރެ) އެވެ. تدعوني إليه (ޢަޒީޒުގެ އަނބިމީހާ މިއަޅާއަށް އެކަމަކަށް ގޮވައިލާ ކަމަށްވުރެ) އޭ ނުދަންނަވައެވެ. އެއީ، އެހުރިހާ އަންހެނުންވެސް އެބައިމީހުންގެ ޙަރަކާތުންނާއި އިޝާރާތުން އެކަލޭގެފާނަށް ނުބައި ޢަމަލަށް ގޮވައިލުމުގައި ބައިވެރިވެފައި ވާތީއެވެ. އެހުރިހާ މީހުންވެސް އެކަލޭގެފާނަށް ދަހިވެތިވިއެވެ. އެންމެ ފަހުން އެބައިމީހުން އެކަލޭގެފާނަށް ދެންނެވިކަމަށް ވެއެވެ. ކަލޭގެފާނުގެ ސާހިބު އަންހެންމީހާ ބުނާގޮތަށް ހައްދަވާށެވެ. ކަލޭގެފާނުގެ ފަރާތުން އަހަރެމެންނަށް ވެސް ނަޞީބެއް ލިބެންވާނެއެވެ. އެކަލޭގެފާނުގެ ދުޢާގައި ﴿أَصْبُ إِلَيْهِنَّ﴾ އޭ ދެންނެވީ އެހެންވެގެންނެވެ. މާނައީ މިއަޅާގެ އިންސާނީ ޠަބީޢަތް ނިޔާކުރާ ގޮތުން މިއަޅާ އެބައިމީހުންނާ ދިމާއަށް ލެނބިދާނެއެވެ. އެކަލޭގެފާނަށް މާތް ﷲގެ ފުރިހަމަ ޢިނާޔަތްތެރިކަން ލިބިވަޑައިގެން، އެއަންހެނުންގެ ނުބައިކަމުން އެކަލޭގެފާނު ދުރުކުރައްވައި، އެބައިމީހުންގެ މަކަރުން އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.