މަޛުހަބުތަކުގެ ފެށުން

1 އަހަރު ކުރިން
|
0

އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށް ފޯރައިފާމިވަނީ މަޛުހަބުތަކުގެ ތެރެއިންނެއެވެ. އެ މަޛުހަބުތަކުގެ އިމާމުންނާއި އެބޭކަލުންގެ ދަރިވަރުންގެ މިންނެތް މަސައްކަތުންނެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެކަމަށް މާތް ﷲ އެމީހުންނަށް ތައުފީޤު ދެއްވީތީއެވެ. ދިވެހި މިޖުތަމަޢުގައިވެސް "މަޛުހަބު" މިބަސް އަޑު ނީވޭ މީހަކު މަދުވާނެއެވެ. އެހެންނަމަވެސް، މަޛުހަބޭ ބުނެވޭއިރު އެބުނަނީ ކޮން މާނައެއްގައިކަން އެގެންވާނެއެވެ. ހާއްސަކޮށް މަޝްހޫރު ހަތަރު މަޛުހަބޭ ބުނެވުމުންނެވެ.

ހަތަރު މަޛުހަބޭ ބުނެވެނީ، ފިޤްހީ މަޒުހަބުތަކުގެ ތެރެއިން، އެންމެ މަޝްހޫރު، އަދާހަމައަށްވެސް ދެމިއޮތް، އެންމެ ގިނަ މީހުން ތަބާވާ ހަތަރު މަޛުހަބަށެވެ.

މާތް ﷲ ގެ ތައުފީޤާއެކު އިސްލާމީ ޢިލްމު އަޅުގަނޑުމެންނާ ހަމައަށް ފޯރުމުގެ އެންމެ ވަރުގަދަ އެއް ސަބަބަކީ މި މަޛުހަބުތަކެވެ. އެއީ ހަނަފީ މަޛުހަބާއި، މާލިކީ މަޛުހަބާއި، ޝާފިޢީ މަޛުހަބު އަދި ހަންބަލީ މަޛުހަބެވެ.

ހަނަފީ މަޛުހަބު ނިސްބަތްވަނީ އައްނުޢުމާން ބުނު ޘާބިތު (އިމާމު އަބޫ ޙަނީފާ) އަށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރީ ގޮތުން 80 ވަނަ އަހަރު ކޫފާގައެވެ. އަދި އަވާހަރަވެވަޑައިގަތީ ހިޖުރީ ގޮތުން 150 ވަނަ އަހަރު ބަޣުދާދުގައެވެ.

މާލިކި މަޛުހަބު ނިސްބަތްވަނީ މާލިކު ބުނު އަނަސް (އިމާމު މާލިކު) އަށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރީ ގޮތުން 93 ވަނަ އަހަރު މަދީނާގައެވެ. އަދި ދުނިޔެދޫކުރެއްވީ ހިޖުރީ ގޮތުން 179 ވަނަ ހަމަ މަދީނާގައެވެ.

ޝާފިޢީ މަޛްހަބު ނިސްބަތްވަނީ މުޙައްމަދު ބުނު އިދްރީސް (އިމާމު ޝާފިޢީ) އަށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ އިމާމު އަބޫ ހަނީފާ އަވަހާރަވެވަޑައިގަތް އަހަރު (ހިޖްރީ ގޮތުން 150 ވަނަ އަހަރު) ޣައްޒާގައެވެ. އަދި އަވަހާރަވެވަޑައިގަތީ ހިޖުރީ ގޮތުން 204 ވަނަ އަހަރު މިޞްރުގައެވެ.

ހަންބަލީ މަޛުހަބު ނިސްބަތްވަނީ އަޙްމަދު ބުނު ޙަންބަލް (އިމާމު އަޙްމަދު) އަށެވެ. އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ ހިޖުރީ ގޮތުން 164 ވަނަ އަހަރު ބަޣުދާދުގައެވެ. އަދި ދުނިޔެ ދޫކުރެއްވީ ހިޖުރީ ގޮތުން 241 ވަނަ އަހަރު ހަމަ ބަޣުދާދުގައެވެ.

މިއިން ކޮންމެ ބޭކަލެއްގެ ދިރިއުޅުމަށް ބަލާލި ކަމުގައިވީނަމަވެސް ފެނިގެންދަނީ ޢިލްމުވެރިކަމާއި އަޅުވެރިކަމެވެ. އެހެންނަމަވެސް ފުރަތަމަ ބަލާލާނީ މަޛުހަބުތަށް އުފެދެން މެދުވެރިވީ ބައެއް ސަބަބުތަކަށެވެ.

މި ހަތަރު އިމާމުންގެ ޢިލްމުވެރިކަމާއި ތެދުވެރިކަމާއި ތަޤްވާވެރިކަން މީސްތަކުންނަށް އެނގި މަޝްހޫރުވުމަކީ މި މަޛުހަބުތައް އުފެދުމުގެ މުހިންމު ސަބަބެކެވެ. ހަމައެގޮތަށް، އެބޭކަލުންގެ ޒަމާނުގައި ޢަގީދާގެ ގޮތުން ބާތިލް ޖަމާޢަތްތައް ގިނަވާން ފެށުމުން، ޢާންމުން އިތުބާރު ހިފޭ އިމާމުންގެ ބަސްތައް ހޯދައި އެއަށް ޢަމަލުކުރަން ފެށުން ހިމެނެއެވެ. އެހެންކަމުން އެ އިމާމުންގެ ބަހަށް ޢަމަލުކުރާ މީހުން އެބޭކަލެއް އުޅުއްވި ހިސާބުގައި ގިނަވެގެންދިޔައެވެ. މީގެ އިތުރުން، މި ހަތަރު އިމާމުންގެ ދަރިވަރުން ގިނަވުމުގެ ސަބަބުން އެބޭކަލުންގެ ޢިލްމު ދިގު މުއްދަތަކަށް އަދި ދުރު ރާސްތާތަކަށް ފެތުރިގެން ދިޔުން ހިމެނެއެވެ. އަދި ދަރިވަރުން އެބޭކަލުންގެ ރައުޔުތަކާއި ފަތުވާތައް ލިޔެ ރައްކާކުރުމުގެ ސަބަބުން އަދާހަމައަށް އެ ޢިލްމު ފޯރުމުގެ މަގު ފަހިވެގެން ދިޔައެވެ. އަދިވެސް ފާހަގަކޮށްލެވޭ އެއްކަމަކީ އެ ދަރިވަރުން ޢިލްމު ފަތުރާއިރު އެ އިމާމުގެ ނަން ޒިކުރުކޮށް އިމާމަށް ނިސްބަތްކޮށް ޢިލްމު ފެތުރުމެވެ. މީގެ ސަބަބުން އެބޭކަލުންގެ ނަމުން މަޛުހަބުތައް މަޝްހޫރެވެގެން ދިޔައީއެވެ.

މަޛުހަބުތަކުގެ ވާހަކަ މި ޒަމާނުގައި ޢާންމުގެ މެދުގައި މަޝްހޫރުވާ އެއް ސަބަބުކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިޖްތިހާދު ކުރުންތަކުގައި(ކަންކަމުގައި ހުކުމް ނެރުމުގައި)، ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުތައް ހުރުމުންނެވެ. އެހެންނަމަވެސް، އެކަންކަން ރަނގަޅަށް ބަލައި އެބޭކަލުންގެ އުސޫލުތައް ބިނާކުރައްވާފައިހުރި މަޞްދަރުތައް ދެނެގަތުމުން މިއިން ކޮންމެ ޢިލްމުވެރިއެއްގެވެސް ހުރި އިޚްލާޞްތެރިކަމާއި ކުރައްވާފައި ހުރި މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤެވެ. (ނުނިމޭ)