ބަންގި ޝަރުޢު ކުރެއްވުން.

ބަންގިއަށް ޢަރަބި ބަހުން ކިޔަނީ "أذان" އެވެ. "އަޛާން"ގެ މާނައަކީ އިޢުލާނުކުރުން ނުވަތަ ފޯރުކޮށްދިނުމެވެ. އެ ގޮތުން ކަމެއްގެ މައުލުމާތު އެހެން ބަޔަކަށް އިވޭ ވަރަށް ބަޔާންކޮށްދިނުން މީގެ މާނައިގައި ހިމެނެއެވެ.

أَذَّنَ الْمُئَذِنُ أَنَّ غَدًا رَمَضَان. މާނައީ:- މާދަމާ ރޯދަ މަސް ކަމަށް (ރޭޑިޔޯ) އެނައުންސަރު އެނައުންސް ކޮށްފިއެވެ.

އިސްލާމް ދީނުގެ އިޞްޠިލާޙުގައި "أذان" ނުވަތަ ބަންގިއަކީ، ނަމާދު ވަގުތު ވަދެއްޖެކަން މީސްތަކުންނަށް އެންގުމަށް ޓަކައި އިއްވާ ނިދާއެކެވެ. ނުވަތަ ގޮވޭ ގޮވުމެކެވެ. އެ ގޮވުމުން ޙުކުމްވެގެން އަންނަނީ، ފިރިހެނުން މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ކުރަންވީ ވަގުތު ވަދެއްޖެކަމާއި އަންހެނުން ގޭގައި ނަމާދު ކުރުމުގެ ވަގުތު ވަދެއްޖެކަމެވެ. ބަންގި ގޮވާހިނދު އިމާމްމީހާ "صَلُّوا فِي بُيُيْتِكُم" "ތިޔަބައިމީހުން ގެތަކުގައި ނަމާދުކުރާށޭ" ގޮވައިފިއްޔާ، ދެން ފިރިހެނުން ވެސް މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރަންވީއެވެ.

ބަންގި އަކީ އަންނަނިވި ޢިބާރާތުން ގޮވޭ ނިދާއެވެ.

(اللهُ أَكْبَر، اللهُ أَكْبَر، اللهُ أَكْبَر، اللهُ أَكْبَر، أَشْهَدُ أَن لَا إِلَهَ إِلا الله، أَشْهَدُ أَن لَا إِلَهَ إِلا الله، أَشْهَدُ أَن مُحمدًا رَسُولُ الله، أَشْهَدُ أَن مُحمدًا رَسُولُ الله، حَيَّ عَلى الصلَاة، حيَّ عَلى الصلَاة، حَيَّ عَلى الفَلَاح، حَيَّ عَلى الفَلَاح، اَللهُ أَكْبَر، اَللهُ أَكْبَر، لَا إِلهَ إِلا الله)

ބަންގި ޝަރުޢު ކުރެވުނުގޮތް.

ބަންގި ޝަރުޢު ކުރެވުނީ މުސްލިމުން މަދީނާއަށް ހިޖުރަކުރި ފުރަތަމަ އަހަރުއެވެ. ބަންގި ޝަރުޢު ވުމުގެކުރިން، މުސްލިމުން ފަރުޟު ނަމާދު ޖަމާޢަތުގައި ކުރުމަށް ޓަކައި، އެއް ވަގުތަކައް އެންމެން އިއްތިފާގުވެ އެ ވަގުތަށް ޖަމާވެ އުޅުނެވެ. ނަމަވެސް ބައެއްފަހަރު ވަގުތުތައް ހަނދާން ބެހެއްޓުމަށް ބައެއް ބޭފުޅުންނަށް ދަތިވެއެވެ.

މީސްތަކުންނަށް ނަމާދަށް ގޮވުމަށް ހަދާނެ ގޮތަކާ މެދު، ރަސޫލުﷲ صَلَّي اللهُ عَلَيْهِ وَسَلَّم އެއްދުވަހަކު ޞަޙާބީންނާ އެކު މަޝްވަރާއެއް ކުރެއްވިއެވެ. އެކިއެކި ބޭފުޅުން ވަރަށް ގިނަ މަޝްވަރާތައް ދެއްވިއެވެ. ނަސާރާއިން ބޭނުން ކުރާފަދަ ރަނގަބީލެއް ބޭނުންކުރަން އެއްބައި ބޭކަލުން މަޝްވަރާ ދެއްވިއިރު އަނެއްބައިބޭކަލުން މަޝްވަރާދެއްވީ ޔަހޫދިން ގޮއްވާކަހަލަ ދުއްމާރިއެއް ގޮއްވައިގެން މީސްތަކުންނަށް އެންގުމަށެވެ. އަދި ހަމަ މި މަޝްވަރާތަކުގެ ތެރެއިން މަޖޫންސީން ރޯކުރާފަދަ އަލިފާނެއް ރޯކުރަން ވެސް ހުށައެޅުނެވެ. ނަމަވެސް މިއިން އެއްވެސް މަސްވަރާއަކަށް އިތުރު އެކަލޭގެފާނު މާ ގަޔާވެވަޑައިގަންނަވާގޮތެއް ނުވިއެވެ.

އެހެނަސް ނުރުހުންތެރިކަމާ އެކު ވެސް ރަނގަބީލެއް ޖެހުމުގެ ޚިޔާލު ޤަބޫލުފުޅު ކުރައްވައި އެކަން އެގޮތައް ކުރުމަށް އެންގެވިއެވެ. އެ ކަމަކީ ނަޞާރާއިންނާ ވައްތަރުވުމެއް އޭގައި ހުރިކަމަކަށްވާތީ އެކަމާ ވަރަށްބޮޑަށް ހިތްޕުޅާނުވެހުންނަވާ ނުރުހޭ ޙާލުއެވެ.

އެއަށްފަހު ކަންހިނގައިދިޔަގޮތް عَبْدُ الله بِن زيد بن عبد ربهގެ ޙަދީޘުގައި ވާރިދުވެގެން އަންނަނީ މިފަދައިންނެވެ.

عَبْدُ اللهِ بِنْ زَيْدُ بِنْ عَبْد ربه: لَمَّا أَجْمَعَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يَضْرِب بِالنَّاقُوسِ وَهُوَ لَهُ كَارِهٌ لِمُوَافِقَتِه النَّصَارَى طَافَ بِي مِن اللَّيْلِ طَائِف وَأَنَا نَائِم رجُلُ عَلَيْهِ ثَوْبَانِ أَخْضَرَانِ وَفِي يَدَهُ نَاقُوس يَحْمِلُهُ قَالَ فَقُلْتُ: يَا عَبْدَ الله أَتَّبِيْعُ النَاقُوس ؟ قَال وَمَا تَصْنَعُ بِهِ؟ قَالَ قُلْتُ: نَدْعُو بِهِ إِلَى الصَّلَاة . قَالَ : أَفَلَا أَدُّلُكَ عَلَى خَيْرٍ مِنْ ذَلِكَ فَقُلْتُ: بَلَى. قَالَ تَقُوْلُ : اللهُ أَكْبَرُ …. (إِلَى نِهَايَةِ الْأَذَانِ )… قَالَ: فَلَمَّا أَصْبَحَتْ أَتَيْتُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم فَأَخْبَرَتْهُ بِـمَا رَأَيْتُ فَقَال: إِنَّـهَا لَرُؤْيَا حَقُّ إِنْ شَاء اللهُ فَقُمْ مَعَ بِلَالِ فَأَلْقِ عَلَيْهِ مَا رَأَيْتُ فَإِنَّهُ أَنْدَى صَوْتاً مِنْكَ قَالَ فَقُمْتُ مَعَ بِلَالِ فَجَعَلْتُ أَلْقِيْهِ عَلَيْهِ وَيُؤَذن بِهِ قَال: فَسْمَع ذَلِكَ عُمَرُ بِنْ الْخَطَّاب رَضِيَ اللهُ عَنْهُ وَهُوَ فِي بَيْتِهِ فَخَرَجَ يجرّ رداءه يَقُول : وَالَذِي بَعَثَكِ بِالْحَقِّ لَقَدْ رَأَيْتُ مِثْلَ الَّذِي أُرِي. فَقَال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَللّهِ الْحَمْدُ. رواه أحمد ( 15881 ) والترمذي ( 174 ) وأبو داود ( 421 ) و ( 430 ) وابن ماجه  698 ) .

 މާނައީ:- ޢަބްދުﷲ ބިން ޒައިދުގެ ކިބައިން ރިވާވެގެން ވިއެވިއެވެ. ރަނގަބީލެއް ޖަހައިގެން މީސްތަކުންނަށް ނަމާދަށް ގޮވުމަށް، ނުރުހުންތެރިކަމާ އެކު ވެސް އިތުރު ނަބިއްޔާ  صَلَّى اللهُ عَلَيْهِ وَسَلَّم އަހުރެމެންނަށް އަމުރުކޮށްފައި ވަނިކޮށް ތިމަންނާއަށް ނިދީގައި ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ތިމަންނާއަށް ފެނުނީ ފެހިކުލައިގެ ހެދުމެއްގައި ހުރި މީހަކު ރަނގަބީލު ވިއްކަންހުއްޓައެވެ. ތިމަން އެ މީހެއްގެ ކައިރިއަށް ގޮސް ބުނީމެވެ. އަހަރެންނަށް ތިޔަ ރަނގަބީލު ވިއްކަފާނަމުހެއްޔެވެ؟ ދެން އޭނާ އަހަންނާ ސުވާލު ކުރިއެވެ. "ކަލޭ މި ރަނގަބީލު ގަނެގެން މިއިން ކުރާނީ ކޮންބޭނުމެއްހެއްޔެވެ؟" ޖަވާބުގައި އަހުރެންބުނީމެވެ. "އަހަރުން ތީގެން މީސްތަކުންނަށް ނަމާދަށް އައުމަށް ގޮވާނީއެވެ." ދެން އޭނާބުންޏެވެ. "ތިޔައްވުރެ ހެޔޮގޮތެއް އަހުރެން ކަލެއަށް ކިޔައިދެންހެއްޔެވެ؟" އަހަރެން އާނއެކޭ ބުނުމުން އޭނާ ބުނީ " اللَّهُ أَكْبرُ، اللَّهُ أَكْبرُ، اللَّهُ أَكْبرُ، اللَّهُ أَكْبرُ، أشهدُ أن لا إلَهَ إلَّا اللَّهُ، أشهدُ أن لا إلَهَ إلَّا اللَّهُ، أشهدُ أنَّ محمَّدًا رسولُ اللَّهِ، أشهدُ أنَّ محمَّدًا رسولُ اللَّهِ، حيَّ على الصَّلاةِ، حيَّ على الصَّلاةِ، حيَّ علَى الفلاحِ، حيَّ علَى الفلاحِ، اللَّهُ أَكْبرُ، اللَّهُ أَكْبرُ، لا إلَهَ إلَّا اللَّهُ) މި ކަލިމަތަކުން މީސްތަކުންނަށް ނިދާ އިއްވާށެވެ." ދެން ހެނދުނުވުމުން ތިމަނާ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހަށް ގޮސް އެ ހުވަފެނުގެ ވާހަކަ ދެންނެވުމުން، ޙަދީޘްފުޅު ކުރެއްވިއެވެ. ﷲ އިރާދަކުރެއްވީތީ، ތިއީ ޙައްޤު ދެތު ހުވަފެނެކެވެ. ބިލާލުގެފާނަ އެކު ތެދުވެ އޭނާއަށް ތިކަލިމަތަށް ދަސްކޮށްދޭށެވެ. އަމަކަށަވަރުން އެކަލޭގެފާނުގެ އަޑުފުޅުގެ ކަލޭގެފާނުންގެ އަޑުފުޅަށްވުރެ ވަރުގަދަވެފައި ޗާލުވާނެއެވެ." ދެން ތިމަންނާ ދެތުވެ ބިލާލުގެފާނަށް އެ ކަލިމަތަށް ދަސްކޮށްދެއްވުމުން އެކަލޭގެފާނު ބަންގި ވިދާޅުވިއެވެ. އަދި އެ ބަންގީގެ އަޑު އިވިވަޑައިގެން ޢުމަރުގެފާނު ގެކޮޅުން ނިކުމެވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ބިންމަތީގައި ދަންމަވަމުން ކަހަލަގޮތަކަށް އަވަސްއަވަހަށް ވަޑައިގެން ދެންނެވިއެވެ. "ކަލޭގެފާނު ޙައްޤައިގެން ފޮނުއްވެވި މަތިވެރި ފަރާތް ގަންދެއްވަމެވެ. ތިމަންނާއަށް ވެސް ދިފަދައިން ރޭގައި ހުވަފެނުން ފެނުނެވެ." ދެން އިތުރު އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރެއްވިއެވެ. "(الحمد الله).  ހުރިހާ ޙަމްދެއް ހުރީ ﷲއަށެވެ."

މިއީ ބަންގި ޝަރުޢުކުރެވިގެން އައި ގޮތެވެ. ބަންގީގެ ނިދާއަށް އިޖާބަދޭ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! ފިރިހެނުން މިސްކިތްތަކަށް ދާން އާދަކުރާށެވެ! އަންހެނުން ގޭގައި ނަމަދުކުރަން އަވަސްވެގަންނާށެވެ! ދަރިން ނަމާދަށް ހާނުވާށެވެ!