އިސްމާޢީލް ޝަރީފަކީ ދީނަށް ވަރަށް ޚިދުމަތްކުރެއްވި ބޭފުޅެއް



(21 ސެޕްޓެމްބަރ 2025ގެ) ރޭ ދަންވަރު 1:09ގައި މި ދުނިޔެއާ އަލްވަދާޢު އެކީ އިސްލާމްދީނަށް ވަރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެއީ ގ. އަލިރެސް (ގ. ސަނީޑޭލް) އިސްމާޢީލް ޝަރީފް މުޙައްމަދެވެ. މި ދުނިޔެއަށް އަލްވަދާޢުވިދާޅުވިއިރު ޢުމުރުފުޅަކީ 90 އަހަރެވެ.

އިސްމާޢީލް ޝަރީފަކީ މީހުންނާ ގާތްކޮށް ކަމޭހިތްތަވާ ރަޙުމަތްތެރި އެކުވެރިއެކެވެ. އަބަދުވެސް އެކުވެރިން އިތުރުކުރައްވަން މަސައްކަތްޕުޅު ކުރައްވާކަން ފާހަގަކުރެވެއެވެ. އިސްމާޢީލް ޝަރީފުގެ ތައުރީފުގައި މާގިނަ ވާހަކަ ދައްކަން އެނގޭ މީހެއް ކަމުގައި އަޅުގަނޑު ނުވަމެވެ. އެބޭފުޅާގެ މާ އަރިސް، މާ ގާތް ބޭބޭފުޅުން ދުނިޔޭގައި މި ވަގުތު ވެސް އެބަ ތިއްބެވިއެވެ. އަޅުގަނޑާ އޭނާއާ ދިމާވި ހިސާބުން ނޫނީ އަޅުގަނޑަށް އޭނާ ނޭނގެއެވެ. އެއީ 2013ވަނަ އަހަރުގެ މެދުތެރެއެވެ.
އިސްމާޢީލް ޝަރީފާ އަޅުގަނޑާ ދިމާވީ އައްޑޫ އަތޮޅު ހިތަދޫއިންނެވެ. އޭރު އަޅުގަނޑު ދިރިއުޅުނީ އައްޑޫގައެވެ. އެ ރަށުގައި ހުންނަ ހިރާ ސްކޫލުން ދަރިންނަށް ކިޔަވައިދޭން ގޮސް އެރަށުގައި ވަޒަންވެރިވެގެން ހުރީއެވެ. އިސްމާޢީލް ޝަރީފު އައްޑޫއަށް ވަޑައިގަތީ ހިރާ ސްކޫލަށް ޒިޔާރަތްކުރައްވާށެވެ. ވަޑައިގެންނެވީ ފަޟީލަތުއް ޝައިޚް ޖައުފަރު ފާއިޒާއި އެރަށު މުޙައްމައިދީއާ އެކުއެވެ. މުޙައްމައިދީއަކީ ޕްލާޒާ މުޙައްމައިދީއެވެ.
މިބޭފުޅުން ހިތަދޫއަށް ވަޑައިގެންނެވީ ހިރާ ސްކޫލަށް އައު އިމާރާތެއް ހޯއްދެވުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގެ އެހީއެއް ހޯދުމަށް ކުރައްވަމުންގެންދެވި މަސައްކަތްތަކެއްގެ ތެރެއިންނެވެ. އެ ދަތުރުގައި އިސްމާޢީލް ޝަރީފާ ބައްދަލުވެ ވާހަކަދެއްކިއިރު ވެސް ބީރައްޓެހި ކަމެއް ފާހަގަ ނުކުރެވެއެވެ. ދަރިން ގޮވައިގެން މާލެ ދޫކޮށް ހިތަދޫގައި ހުރި ވާހަކަ ބުނުމުން އެކަމާ ވެސް އެބޭފުޅާ ވަރަށް އުފާފުޅުވެ ވާހަކަދެއްކެވިއެވެ. އެއީ އިސްލާމްދީން ކުރިއެރުވުމުގެ ކަމެއް އޭގައި ހިމެނޭތީ ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން އަޅުގަނޑު ވެސް ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ވޭތުކުރުމަށް ފަހު ރާއްޖެ އައިފަހުން އިސްމާޢީލް ޝަރީފާ ބައްދަލުވީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އެ ދުވަހު ވެސް ދެއްކެވީ މުސްލިމް އުންމަތަށް ޚީދުމަތް ކުރުމުގެ ވާހަކައެވެ. ދެއްވީ މުޅީން ވެސް ހިތްވަރެވެ. ބުރަ ވިޔަސް އުނދަގޫ ވިޔަސް ﷲގެ މަގުގައި އިސްލާމްދީނަށް ޚިދުމަތްކުރުން ދޫކޮށްނުލުމަށް ވަރަށް ބޮޑަށް ނަސޭހަތްދެއްވިއެވެ.
އޭރު އިސްމާޢީލް ޝަރީފު ގެންދަވަނީ ފަޟީލަތުއް ޝައިޚް ޖައުފަރު ފާއިޒު ލިޔުއްވި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕުކޮށްގެން ދިވެހިރާއްޖޭގެ ވުޖޫދަށް އުފަންކުރުން ކޮޅެއްގައި ޖެއްސޭތޯ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެ ކަމުގައި ފަންނީ ބޭބޭފުޅުންގެ އެހީ ހޯއްދަވަނީ މުޅިން ވެސް އަމިއްލަފުޅަށް ގުޅުއްވައިގެންނެވެ. އޭރުވެސް އުމުރުފުޅު ހުރީ ނުވަދިހަޔާ ކައިރިވެފައެވެ. އެހެންނަމަވެސް ދީނަށް ޚިދުމަތްކުރެއްވުމުގެ މަސައްކަތްޕުޅު ގެންދެވީ ކުރިޔަށެވެ.
އޮފީހެއް ހައްދަވައިގެން ކުރެއްވި މަސައްކަތްޕުޅުގައި އަމިއްލަފުޅަށް އުޅުއްވުމަށް ޓަކައި ކޮންމެ ދުވަހަކު އެ އޮފީހަށް ވަޑައިގެން އިންވައި، ފަންނީ ބޭފުޅުންނާ އެކު ޢަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވައެވެ. މަސައްކަތައް ބޭނުންވާ ހުރިހާ އެއްޗެއްމެ ހޯއްދަވަނީ އަމިއްލަފުޅަށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އިސްމާޢީލް ޝަރީފުގެ ތަނަވަސްކަމުން ހޯދެން ނެތް އެއްޗެއް ވިއްޔާ ރައްޓެހިންނާއި އެކުވެރިންގެ ތެރޭ އެ ވާހަކައެއް ދައްކަވައިގެން ހޯއްދަވަންޖެހޭ ތަކެތި ހޯއްދަވައިގެން އޮފީސް ހިންގެވުމުގެ މަސައްކަތްޕުޅު ގެންދެވީ ކުރިޔަށެވެ.
ޤުރުއާން ތަފްސީރުކުރެއްވުމުގައި ޝައިޚް ޖައުފަރު ފާއިޒަށް ހުރިހާ ހިތްވަރެއް ދެއްވީ ވެސް އިސްމާޢީލް ޝަރީފެވެ. ކޮވިޑުގައި ޝައިޚުގެ ފުރާނަފުޅު ފަނާވަނިވި މި ދުނިޔެއާ ވަކިވެގެން ދާންދެން ވެސް މިކަން މިމަގުން ހިނގިއެވެ. ޝައިޚު ދުނިޔެ ދޫކުރެއްވުމުން އިސްމާޢީލް ޝަރީފަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިވަޑައިގެންނެވިއެވެ. ޤުރުއާން ތަފްސީރުގެ މަސައްކަތް ނިންމައި ނުލެވުނީތީއެވެ.

އެއަށްފަހު ޝައިޚު ތަފްސީރުކުރެއްވި ތަކެތި ޗާޕުކުރުމުގެ މަސައްކަތްޕުޅު އައު ހިތްވަރަކާ އެކު ފެއްޓެވިއެވެ. ކޮންމެ ދުވަހަކު އޮފީހަށް ނުކުމެވަޑައިގެން އިންނަވައި ޝައިޚު ތަފްސީރުކުރެއްވި ހުރިހާ އެއްޗެއް ބައްލަވައި ކުށްފިލުއްވުން އެއީ އަމިއްލަފުޅަށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅެކެވެ. ކޮންމެ ޕެރެގްރާފެއް، ކޮންމެ ޖުމުލައެއް، އަދި ކޮންމެ ލަފުޒަކާއި އަކުރެއް ވެސް އަދި ކިޔެއްތޯ އޭގައި އޮންނަ ފިއްޔަށް ދާންދެން ފަރުވާތެރިކަމާ އެކު ބައްލަވަން އިންނަވާނީ ބޮޑު ސްކްރީނަށް މޮނީޓަރު ޕްރޮޖެކްޓުކުރައްވައިގެންނެވެ. އަޅުގަނޑާ ދިމާވިއިރު ބައެއް ފޮތްތަކުގެ މަސައްކަތް ނިންމަވައި އިސްލާމިކް މިނިސްޓްރީއިން ފާސް ވެސް ކުރައްވައިފައި ވެއެވެ. އަދި އޭރު ކަހަފު ސޫރަތުގެ ތަފްސީރާއި ސޫރަތުލް ފާތިޙާގެ ތަފްސީރު އޮފީހުގައި ހުންނަ ޕްރިންޓަރުން އަމިއްލަފުޅަށް ޕްރިންޓުކުރައްވައިގެން ބައްސަވާ އުޅުއްވިއެވެ. މާލެއާއި އަތޮޅުތެރޭގެ މިސްކިތްތަކަށާއި ސްކޫލް ލައިބްރަރީތަކަށް ވެސް ފޮނުއްވެވިއެވެ.
އަޅުގަނޑު ގާތު އަބަދު ވެސް ބުނުއްވާނީ ތިމަންނާ ދުނިޔެއިން ވަކިވެ ދިޔުމުގެ ކުރިން ޝައިޚު ޖައުފަރު ކުރެއްވި މަސައްކަތްޕުޅު ރާއްޖޭގެ ޖައްވަށް ވުޖޫދު ކުރެވޭނެ ގޮތެއް ވުން އެއީ ވަރަށް ދެކެން ބޭނުންވާ ހުވަފެނެއްކަމަށެވެ. ޝައިޚް ޖައުފަރު ވަނީ 22 ޖުޒްއު (ފޮތް) ތަފްސީރު ކުރައްވައިފައެވެ. އިސްމާޢިލް ޝަރީފް ދުނިޔެ ދޫކުރައްވާ ވަޑައިގެންނެވި އިރު އެވަނީ އެހުރިހާ ފޮތެއް ކުށްފިލުއްވައި ޗާޕަށް ތައްޔާރުކުރައްވައިފައެވެ. އޭގެތެރެއިން 28، 29 އަދި 30 ވަނަ ފޮތުގެ ތަފްސީރު ޗާޕުކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބައްސަވައިފިމެއެވެ. ތަނަވަސް ކަމެއް ހުރި ނަމަ އިތުރު ފޮތްތައް ވެސް ޗާޕުކުރެއްވީސްކަން އަޅުގަނޑަށް ކަށަވަރެވެ. މިދެންނެވި ފޮތް ވެސް ޗާޕާ ހަމައަށް ގެންގޮސްދެއްވީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނީތީއެވެ.
ދެން އޮތީ އަޅުގަނޑުމެންގެ ހިތްވަރެވެ. ދީނައް ޚިދުމަތް ކުރެވޭނީ ދުނިޔޭގައި ތިބި ދުވަހުއެވެ. ލޯމަރައިލާ މި ދުނިޔެއާ އަލްވަދާޢު ކިޔުމުން ދެން ފެށޭނީ މިތާ ކުޅަ ކަމެއްގެ ފުރިހަމަ ބަދަލު ލިބުމެވެ. ދީނަށް ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު ތިބާއަށާއި މި އަޅާއަށް މާތް ﷲ ދެއްވާނދޭވެ!
އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! އިސްމާޢީލް ޝަރީފަށް ކުރެވިފައި ކުށެއް އޮތްނަމަ ކުރެވިފައި އޮތް ހުރިހާ ކުށެއްގެ ފާފަފުއްސަވައިދެއްވާނދޭވެ! އޭނާގެ ފުރާނައަށް ރަޙުމުކުރައްވާނދޭވެ! ނަރަކައިން މުއްތިކުރައްވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލުކޮށްދެއްވާނދޭވެ! ޝަހީދުންނާއި ޞިއްދީޤުންނާއި ނަބިއްޔުންނާ އެކު ސުވަރުގޭގައި ހިމަނުއްވާނދޭވެ! އިސްމާޢީލް ޝަރީފު ކުރެއްވި މަސައްކަތްޕުޅަކީ އޭނާއަށް އަޖުރުލިބުން ދެމިގެންދާނޭ ޞަދަޤާތެއްކަމުގައި ލައްވާނދޭވެ! އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ! އޭނާއަށް ފަހުގައި، ފުރެދުމުގެ ތެރެއަށް ވެއްޓޭ ބައެއް ކަމުގައި އަޅަމެންގެ ތެރެއިން އެކަކުވެސް ނުލައްވާނދޭވެ! އިސްލާމްދީނުގެ ޚިދުމަތުގައި ދެމިތިބޭ މީހުންނަށް އިބަ އިލާހުގެ ނަސްރާއި ކާމިޔާބާއި ފަތަޙަ، ދުނިޔެއާއި އާޚީރަތުގައި ދެއްވާނދޭވެ! آمين.

މީ-ﷲ ގެ އަޅެއް....... ކުރިން 2 މަސް

آمين

Reply