2024: މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް މަދު؛ ނަމަވެސް އެކްސިޑެންޓްތައް އިތުރު

މިދިޔަ އަހަރު ރިޕޯޓްކުރި ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މަައްސަލަތައް، 2023 ވަނަ އަހަރާ އަޅާބަލާއިރު މަދުވެފައިވާކަމަށާއި އެކްސިޑެންޓުތަށް ގިނަކަމަށް  ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު 3،751 ވައްކަމުގެ މައްސަލަ ރިޕޯޓްކުރިއިރު 2023 ވަނަ އަހަރު ގައި ރިޕޯޓުކޮށްފައިވަނީ 3،817 މައްސަލައެވެ.

އަދި 2023 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1،752 މައްސަލަ ރިޕޯޓްކުރިއިރު މިދިޔަ އަހަރު ރިޕޯޓްކުރީ 1،662 މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު 2،867 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ 2023ވަނަ އަހަރާ އަޅާބަލާއިރު އެތަށް އިންސައްތައެއް އިތުރު އަދަދެކެވެ. 2023ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2،300 އެކްސިޑެންޓެވެ.

ފުލުހުންނަށް ރިޕޯޓްކުރާ އެކްސިޑެންޓުތަކުގެ ތެރޭގައި އެކިވަރުގެ އެކްސިޑެންޓުތައް ހިމެނޭއިރު މިދިޔަ އަހަރު ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ވަނީ ހިނގާފައެވެ. މި އެކްސިޑެންޓުތަކުގައި އަނިޔާވި ބައެއް މީހުން މަރުވެފައިވާއިރު ގިނަބަޔަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

އެގޮތުން، ރާއްޖޭގައި އެކްސިޑެންޓުތައް އެންމެ ގިނައިން ރިޕޯޓްކުރަނީ މާލެ ސަރަހައްދުންނެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތު ގައި މިދިޔަ އަހަރު އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓްކޮށްފައިވަނީ މާޗު މަހުގައެވެ. އެއީ 301 އެކްސިޑެންޓެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކާއި ކުށްތައް މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ފުލުހުންގެ ހަރަކާތްތައް ފާއިތުވި އަހަރުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ.

2024ގައި ރިޕޯޓްކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ޚިޔާނާތުގެ 654 މައްސަލައެއް އަދި މުދަލަށް ގެއްލުންދިނުމުގެ 665 މައްސަލަ އެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ އިތުރުން މާރާމާރީގެ 711 މައްސަލާއިގެ ފޭރުންމުގެ 504 މައްސަލަ އިގެ އިތުރުން ގެވެށި އަނިޔާގެ 248 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ:

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން، ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.