"އިސްލާމްއިންސްޕެނިޝް" އިން ހުސްޓަންގައި ލެޓިނޯ މުސްލިމުންނަށް ޚާއްޞކޮށްގެން އައު އިސްލާމިކް ސެންޓަރެއް ހުޅުވައިފި

6 މަސް ކުރިން
|
0

"އިސްލާމްއިންސްޕެނިޝް"ގެ ވާހަކަ ފެށުނީ 2001ވަނަ އަހަރު ކޮލަމްބިއާ-އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޭމް "މުޖާހިދު" ފްލެޗާ  އަލަށް އިސްލާމްވުމަށްފަހު އެ ޖަމިއްޔާ އުފެއްދެވުމުންނެވެ. އިސްލާމްވުމުން އޭނާއަށް ވިސްނުނީ ސްޕެނިޝް ބަހުން ވާހަކަ ދައްކާ މުސްލިމުންނަށް އެބަހުން މާގިނަ މަޢުލޫމާތު ނެތްކަމެވެ. އިސްލާމްދީން އުނގަންނައިދިނުމަށް ސްޕެނިޝް ބަހުން އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް އުފައްދަން ފެށީ، އިސްލާމްދީން ހޯދުމަށް ލެޓިނޯސް މީހުންނަށް ކުރިމަތިވި ބަހުގެ އަދި ސަގާފީ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމަށެވެ.

އިސްލާމްއިންސްޕެނިޝް އިން 2016 ވަނަ އަހަރު ވަނީ ލެޓިނޯ މުސްލިމުންނަށް ޚިދުމަތް ދިނުމަށްޓަކައި އެމެރިކާގެ ފުރަތަމަ އިސްލާމީ މަރުކަޒު "ސެންޓްރޯ އިސްލާމިކޯ" ހުޅުވައިފައެވެ. އެ ސެންޓަރުގައި ހުކުރު ދުވަހު ހުކުރު ކުރުމާއި ސްޕެނިޝް ބަހުން ހުތުބާ ދިނުމާއި ސަގާފީ އަދި ދީނީ ހަރަކާތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ. މިފަހަރު މި ސެންޓަރގެ އިތުރު ފެސިލިޓީއެއް ހުޅުވުމާއެކު، މުޖުތަމަޢުގެ އިތުރުވަމުން އަންނަ  ބޭނުންތައް ފުއްދައިދިނުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައި އިސްލާމްއިންސްޕެނިޝް އިން މަޢުލޫމާތު ދެއެވެ.

މި ފެސިލިޓީ ހުޅުވުމުގެ ރަސްމިޔާތުގައި މުޖުތަމައުގެ މެމްބަރުންނާއި ލޯކަލް ލީޑަރުން ބައިވެރިވެ ވަޑައިނެންނެވިއެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ހަމައެކަނި މިސްކިތެއްގެ ގޮތުގައި ނޫން ކަމަށްވެއެވެ. މިއީ ސަގާފީ މަރުކަޒެއްކަމަށާއި، ސްޕެނިޝް ބަހުން އިސްލާމީ ތައުލީމާއި، ދީންތަކުގެ މެދުގައި މަޝްވަރާކުރުމާއި، ލެޓިނޯ މުސްލިމުންނަށް ހާއްސަކޮށްގެން އިޖުތިމާއީ ހިދުމަތް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމުގައި އެފަރާތުން ބުނެއެވެ.

އެމެރިކާ މީހުންގެ ތެރެއިން އެންމެ ގިނައިން މުސްލިމް ވަނީ ލެޓިނޯސް މީހުންނެވެ. ޕިއު ރިސާޗް ސެންޓަރުން 2011 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ މުސްލިމް ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް %6 އަކީ ހިސްޕެނިކް ނަސްލުގެ މީހުން ކަމަށްވެއެވެ. އޭގެ ފަހުން މި އަދަދު އިތުރުވެފައިވާ ކަމަށް ހަބަރުގައި ވެއެވެ.

ސެންޓްރޯ އިސްލާމިކޯގެ ޑިޒައިން އިން ދައްކުވައިދެނީ މެމްބަރުން ސަގާފީ ތަރިކައަށް ފުން އިހުތިރާމެއް ކުރާތަނެވެ. އެތަނުގެ އާކިޓެކްޗަރ އިން އިންސްޕިރޭޝަން ނަގާފައިވަނީ އަންޑަލޫސިއަން ޑިޒައިން އިން ކަމަށްވެއެވެ. ސްޕެއިންގެ އިސްލާމީ މުއްސަނދި ތާރީޚު ސިފަކޮށްދީ އަދި ލެޓިން އެމެރިކާގެ ސަގާފަތަށް އިސްލާމްދީނުގެ ނުފޫޒު ފޯރާފައިވާ ގޮތުގެ ޕްރޮގްރާމްތައް އެތާންގައި ހިންގައެވެ.

2019 ވަނަ އަހަރު ވައިސް ނިއުސް އިން ނެރުނު ޑޮކިއުމެންޓްރީ ވައި ލެޓިނޯސް އަރ ކޮންވަރޓިންގ ޓު އިސްލާމްގައި އިސްލާމްއިންސްޕެނިޝް ސެންޓްރޯ އިސްލާމިކޯ އާއި އެ ކުންފުނީގެ ބާނީ ޖޭމް "މުޖާހިދު" ފްލެޗާ ވެސް ބައިވެރިވިއެވެ. މި ޑޮކިއުމެންޓްރީގައި އަލިއަޅުވާލާފައިވަނީ އެމެރިކާގައި ލެޓިނޯ މުސްލިމުންގެ އަދަދު އިތުރުވަމުންދާ ކަމާއި މި މުޖުތަމަޢަށް ތާއީދުކުރާ ސެންޓްރޯ އިސްލާމިކޯއިންގެ ޚާއްޞަ ދައުރެވެ. އިސްލާމްވި މީހުންގެ ވާހަކަތަކާއި އެ ސެންޓަރު ސަގާފީ ގޮތުން ތައްޔާރުކޮށްފައިވާ ގޮތް ބެލުންތެރިންނަން ގެނެސްދިން ވީޑިއޯއަށް ޔޫޓިއުބްގައި މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބުނެވެ.

މި ޑޮކިއުމެންޓްރީ ވައިރަލްވެ އިސްލާމްއިންސްޕެނިޝް މަޝްހޫރުވެ މަޤުބޫލުކަން އިތުރުވިއެވެ. އެމެރިކާގައި އިސްލާމްދީނަށް ކުރާ ތަފާތު ކުރުންތަކާއި ހުރިހާ ދީނަކަށް ޖާގަދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ގައުމީ ވާހަކަތަކެއް ފެށުނެވެ.

ކާމިޔާބީތައް ލިބުނު ނަމަވެސް، ސެންޓްރޯ އިސްލާމިކޯއަކީ މައިނޯރިޓީ ކޮމިއުނިޓީއަކަށްވެފައި އެތަނަށްވެސް ގޮންޖެހުންތަ ކުރިމަތިވެފައިވެއެވެ. ލެޓިނޯ ކޮމިއުނިޓީގެ ބައެއް ހިސާބުތަކުގައި އިސްލާމްދީނާ ބެހޭ ގޮތުން ގޯސް ތަސައްވުރުތައް އޮންނަކަމުގައި ހަބަރުތަކުގައިވެއެވެ. އެ ސެންޓަރުން މަސައްކަތައް ފުޅާކުރަމުންދާއިރު ފައިސާ ހޯދުމަކީ ވެސް އެމީހުނަށް އުދަގޫކަމަކަށް ވެފައިވެއެވެ.

ނަމަވެސް މި ގޮންޖެހުންތަކާ އެމީހުން ކުރިމަތިލަނީ އުންމީދާ އެކުއެވެ. އިސްލާމްއިންސްޕެނިޝްގެ ޑިޖިޓަލް ފުޓްޕްރިންޓް ކުރިއަރަމުން އަންނައިރު، އެމެރިކާގެ ހުރިހާ ހިސާބެއްގައި ތިބި ބެލުންތެރިންނާ ހަމައަށް ވާސިލްވުމަށްޓަކައި ސްޕެނިޝް ބަހުން ޕޮޑްކާސްޓްތަކާއި ވީޑިއޯތަކާއި ލިޔުންތައް އެފަތާތުން އުފައްދައެވެ. މި މަސައްކަތްތަކަކީ ވިސްނުންތެރިކަން އިތުރުކުރުމާއި ބައިބައިވުންތައް ނައްތައިލުމަށް ލިބޭ ފުރުސަތުތަކެއްގެ ގޮތުގައި އެ ޖަމިއްޔާގެ ލީޑަރުން ދެކެއެވެ.

"މިއީ ހަމައެކަނި ދީނީ ކަމެއް ނޫން، އެއީ އެމީހުންނަކީ ކޮންބައެއްކަން އަދި އެމީހުން އަންނަނީ ކޮންތާކުންކަން ގަބޫލުކުރުމަށް ބާރުވެރިކުރުވުމެވެ." ފްލެޗާ ވިދާޅުވި އެވެ.

ލެޓިނޯ މުސްލިމުންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް، މުސްލިމް މުޖުތަމައުގެ ތެރޭގައި ގިނަ އަސަރުތަކެއް އުފެއްދުމުގެ ފުރުސަތު އިތުރުވެއެވެ. އިސްލާމްއިންސްޕެނިޝް ސެންޓްރޯ އިސްލާމިކޯ އަކީ އީމާންތެރިކަމާއި ސަގާފަތް އެކުގައި ގެންގުޅެވިދާނެ ކަމުގެ ނަމޫނާއެކެވެ. އާ ފެސިލިޓީއާއި މުސްތަގުބަލަށް ރާވާފައިވާ ބޮޑު ޕްލޭންތަކާއެކު އިސްލާމީ މަރުކަޒު އޮތީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބާރުވެރިކުރުމާއި ތައުލީމުގެ މިޝަން ކުރިއަށް ގެންދިއުމަށް ތައްޔާރަށެވެ.